Advertisement

މަހުން މަހަށް ދިނުމުގެ ބަދަލުގައި ކައުންސިލްތަކަށް ކުއާޓަލީ ފައިސާ ދޫކުރަން ރައީސް ތާއިދު

12 ސެޕްޓެންބަރު 2022 - 12:34 0

ލ. ގަން

ނާޒިމް ހަސަން

ނާޒިމް ހަސަން

ކައުންސިލްތަކުގެ މާލީ ދަތިކަމާ ގުޅޭ ގޮތުން ތިނަދޫ ކައުންސިލްގެ ރައީސް ދެއްވި ޕްރެޒެންޓޭޝަން ރައީސް އަޑުއައްސަވަނީ: ދަތިތަކަށް ހައްލު ހޯއްދަވާނެ ކަމަށް ވިދާޅުވި


މަހުން މަހަށް ދިނުމުގެ ބަދަލުގައި ކައުންސިލްތަކަށް ކުއާޓަލީ ފައިސާ ދޫކުރަން ރައީސް ތާއިދު

12 ސެޕްޓެންބަރު 2022 - 12:34 0

ލ. ގަން

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޫކުރާ ފައިސާ, މަހުން މަހަށް ދޫކުރުމުގެ ބަދަލުގައި ކުއާޓަލީ ދޫކުރުމަށް ތާއިދު ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ދެކުނުގެ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ކައުންސިލްތަކުން ވަނީ ސަރުކާރުން ދޫކުރާ ބްލޮކް ގްރާންޓް ކުއާޓަލީ ދިނުމަށް އެދި ކަރުދާހެއް ހުށަހަޅާފަ އެވެ. އެކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ, އެއީ ރަނގަޅު ކަމެއްގެ ގޮތުގައި އެމަނިކުފާނަށް ގަބޫލު ކުރެވޭ ކަމަށެވެ.

"މަހުން މަހަށް ދިނުމުގެ ބަދަލުގައި ފައިސާ ކުއާޓަލީ ކައުންސިލްތަކަށް ލިބޭ ގޮތް ވެއްޖެ ނަމަ ބޭނުން ކުރުމުގައި ފަސޭހަތަކެއް ވެގެންދާނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ," ރައީސް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ވިދާޅުވީ އެކަމާމެދު ފުންކޮށް ވިސްނަވާނެ ކަމަށެވެ. އަދި, މާލީ ހާލަތަށް ބަލައި ކުއާޓަލީ ފައިސާ ދިނުމަކީ, ކުރެވޭނެ ކަމަކަށްވާނަމަ އެކަން ކުރަން ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަކު, އެގޮތަށް ފައިސާ ދޫކުރާނީ ސަރުކާރުގެ ވިއަ މޮޑިއުލް އަޕްލޯޑް ކުރާ ކައުންސިލްތަކަށް އެކަނި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ މޮޑިއުލްއަކީ ކައުންސިލްތަކުން ހަރަދު ކުރާ ގޮތާއި ބަޖެޓާ ގުޅޭ އެހެން ވެސް ތަފާސް ހިސާބުތައް ހާމަކުރުމަށް ހަދާފައިވާ މޮޑިއުލްއެކެވެ. އެ މޮޑިއުލް ބައެއް ކައުންސިލްތަކުން އަޕްޑޭޓް ކުރަމުން ނުދާކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފަ އެވެ.

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކާއި ރަށްތަކުގެ ކައުންސިލްތަކުގެ ރައީސުން އެއްތަންވެ, ލ. ގަމުގައި ބޭއްވި "ފަނޯއްލަ" ދަރުބާރުގައި ވެސް އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަވީ މާލީ ދަތިކަމެވެ. ކައުންސިލްތަކުން ގަބޫލުކުރާ ގޮތުގައި, ފޯމިއުލާގެ ތެރޭން ކައުންސިލްތަކަށް ލިބޭ އާމްދަނީ އެކަށީގެން ނުވެ އެވެ. އަދި, އެ ދޫކުރާ އުސޫލު ވެސް ކަމަކު ނުދެ އެވެ.

އެހެންވެ, ކައުންސިލްތަކުން ނިންމީ އެކަމާ ގުޅޭ ގޮތުން ހައްލުތަކެއް މިހާރު ކުރިއަށްދާ ދެކުނުގެ "ވިއަވަތި ރާއްޖެ" ކޮންފަރެންސްއަށް ހުށަހެޅުމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސަތު ބަލަހައްޓަވާ, ކޮންފަރެންސަށް ކައުންސިލުތަކުން އެއްބަސްވި ކަންކަން ހުށަހެޅުއްވީ, ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ އެވެ.

ސައުދު ހުށަހެޅުއްވި ޕްރެޒެންޓޭޝަންގައި އެންމެ ބޮޑަށް ފާހަގަވީ ޕިޒިކަލް ފޯމިއުލާ އިސްލާހު ކުރުމަށް އޮތް ހުށަހެޅުމެވެ. އެގޮތުން, ސައުދު ހުށަހެޅުއްވި ޕްރެޒެންޓޭޝަންގައި އެދުނު ކަންކަން;

  • ރަޖިސްޓާޑް ޕޮޕިއުލޭޝަން ތެރޭގައި ރަށުގައި ދިރިއުޅޭ ބިދޭސީން ހިމަނައިގެން, ބްލޮކް ގްރާންޓް ފޯމިއުލާގައި އާބާދީއަށް ޕަސެންޓޭޖް ކަނޑައެޅުން
  • ބިމުގެ ސައިޒަށް ބަލާއިރު މުޅި އިހްތިސޯސްގައި ހިމެނޭ ރަށްތަކަށް ބެލުން
  • ސިޓީ ކައުންސިލް ފޯމިއުލާއިން މާލެ ވަކިކުރުން
  • ސިޓީ ކައުންސިލް ގްރާންޓު ބެހުމުގައި ވަކިވަކިން އޮންނަ ރަށްތަކަށް ގްރާންޓު އިތުރުކުރުން
  • ފިސްކަލް ފޯމިއުލާ ކަނޑައެޅުމުގައި އެ ރަށެއްގައި ހުރި އިންފްރާސްޓްރަކްޗާއަށް ބެލުން
  • މަހުން މަހަށް ދޫކުރާ ގޮތަށް އޮތް އޮތުން ކުއާޓަލީ ދޫކުރާ ގޮތަށް ބަދަލުކުރުން

"ކައުންސިލްތައް ފުދުންތެރިކުރަން ޖެހޭ"

ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ރައީސް ވިދާޅުވި ގޮތުގައި ކައުންސިލްތަކަށް އާމްދަނީ ހޯދިދާނެ ގޮތްތަކާއި ކައުންސިލް މެދުވެރިވެގެން ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރެވިދާނެ ކަންކަމާ މެދު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ އެކު އިތުރަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ލާމަރުކަޒީ ނިޒާމަށް ގެނެވުނު އިސްލާހާއި އެކީގައި، ސަރުކާރުން ހާސިލްކުރަން ބޭނުންވި އެންމެ މުހިއްމު ކަމަކީ، ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވައި، އޭގެ ޒާތުގައި އަމިއްލައަށް ހިންގޭނެ ގޮތްތަކެއް ފަހިކޮށްދެއްވުން ކަމަށެވެ.

ރައީސް ވިދާޅުވީ، ކައުންސިލްތަކަށް ދޫކުރާ ބަޖެޓް ނުވަތަ ގްރާންޓް، އެއް އަހަރުން އަނެއް އަހަރަށް އަންނަނީ އިތުރުކުރެވެމުން ކަމަށެވެ. އެހެން ނަމަވެސް, އަދިވެސް ކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި، މިހާރަށްވުރެ ރަނގަޅަށް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިންގުމަށްޓަކައި މިހާރަށްވުރެ ވެސް ފުދުންތެރި ކައުންސިލްތަކަކަށް ބަދަލުކުރަންޖެހޭ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިހާރު ސަރުކާރުން ކައުންސިލްތަކަށް ދޫކުރަނީ، ދައުލަތަށް ލިބޭ އާމްދަނީގެ ފަސް ޕަސެންޓް ކަމަށާއި، އޭގެ އިތުރުން، އަތޮޅުތަކުގެ ރަށްރަށާއި، ފަޅުން ލިބޭ އާމްދަނީގެ ކުލީގެ 40 ޕަސެންޓްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އޭގެ އިތުރުން ކުންފުނިތައް އުފައްދައިގެން ވިޔަފާރިކުރެވޭނެ ގޮތްތަކެއް އިންތިޒާމް ކުރެވެމުންދާ ކަމަށެވެ.