Advertisement

ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީކުރުން ދެކޮޅުޖެހޭތޯ ބަލަނީ

12 ސެޕްޓެންބަރު 2022 - 16:31 0

އަމަން ހަލީމް

އަމަން ހަލީމް

ކ. ކާށިދޫ: ރިސޯޓު އަޅާ ތަން ކަނޑައަޅާނީ ބެތިމެޓްރިކް ސާވޭ ނިމުމުން. -- ފޮޓޯ: ގޫގްލް އާތު


ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީކުރުން ދެކޮޅުޖެހޭތޯ ބަލަނީ

12 ސެޕްޓެންބަރު 2022 - 16:31 0

ތިމާވެށީގެ ގޮތުން އިޔާދަނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބިދާނެތީ ރިސޯޓެއް ނާޅާ ގޮތަށް ނިންމާފައި އޮތް ކ. ކާށިދޫ ފަޅު (ކާށިދުއްފަރު)ގައި ރިސޯޓެއް އެޅުމަށް ބޭނުންވާ ދިރާސާތައް ކުރުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ފަށައިފި އެވެ.

ކާށިދޫ ފަޅުގައި ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން ޓޫރިޒަމުން ވަނީ ފަޅުން ފާހަގަކޮށްފައިވާ ބެތިމެޓްރިކް ސާވޭ ހަދައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ދެމުން ޓޫރިޒަމް މިނިސްޓްރީގެ ޑިރެކްޓަރު އަލީ ޝިނާން "އަދަދު" ނޫހަށް ވިދާޅުވި ގޮތުގައި ކާށިދޫ ފަޅުގެ ސާވޭ ކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، އެތަނުގައި ރިސޯޓެއް އެޅުން ދެކޮޅުޖެހޭތޯ ބަލާށެވެ.

"ބެތިމެޓްރިކް ސާވޭ ހަދަނީ ރިސޯޓު ހަދަން ވަޔަބަލް ތަނެއްތޯ ބަލާށާއި ރިސޯޓު އަޅާނީ އެތަނުން ކޮން ސަރަހައްދެއްގައިތޯ ކަނޑައަޅަން" އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމުން ކުރި އިއުލާނުގައިވާ ގޮތުގައި ކާށިދޫ ފަޅުގެ 180 ހެކްޓަރުގެ ސަރަހައްދެއްގެ ފަޅުގެ ފުން މިނާއި ކަނޑުއަގީގެ ސިފަތައް ސާވޭ ކުރަން ޖެހެ އެވެ. ޝިނާން ވިދާޅުވި ގޮތުގައި ރިސޯޓު އަޅާނެ ތަނަކާއި ހިއްކަން ހުއްދަދޭ ސަރަހައްދުގެ ބޮޑުމިން ކަނޑައަޅާނީ މި ސާވޭގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީކުރުމާ ގުޅޭގޮތުން މި އަހަރުގެ ކުރީކޮޅު ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ވަން އައިލެންޑް ވަން ރިސޯޓު ކޮންސެޕްޓުގައި ނޫޏީ އިންޓަގްރޭޓަޑް މޮޑެލްގައި އެތަން ތަރައްގީކުރުމެވެ. އެކަމަކު އެގޮތް ނިންމާނީ ރައްޔިތުންގެ ލަފާގެ މަތިން ކަމަށް އޭނާ ވިދާޅުވި އެވެ.

މި ދެ މޮޑެލްގެ ތަފާތަކީ ފަޅުގެ އިހުތިސޯސެވެ. ސީދާ ރިސޯޓު ކޮންސެޕްޓަށް ތަރައްގީކުރާ ނަމަ ހިއްކާ ރަށް އޮންނާނީ ސަރުކާރުގެ ރިސޯޓު ދަފްތަރުގަ އެވެ. އެކަމަކު އިންޓަގްރޭޓަޑް މޮޑެލްގައި ތަރައްގީކުރާ ނަމަ ހިއްކާ ބިމުގެ އިހުތިސޯސް އޮންނާނީ ކާށީދޫ ކައުންސިލަށެވެ.

ކާށީދޫ ފަޅު "ރިސޯޓު"ގެ ފަސްމަންޒަރު

ކާށިދޫ ފަޅުން ބަޔެއް ހިއްކައިގެން ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ފުރަތަމަ އިއުލާނުކުރީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގެ ފަހު އަހަރު، މީހުން ދިރިއުޅޭ ރަށްތަކުގެ ފަޅު ތެރޭގައި ރިސޯޓު ތަރައްގީކުރަން ގެންގުޅުނު ސިޔާސަތުގެ ދަށުންނެވެ. ސަރުކާރުގެ ބޭނުމަކަށްވީ ރަށާ ކައިރިން ވަޒީފާގެ ފުރުސަތުތައް ތަރައްގީކޮށްދިނުމާ އެކު ބަޖެޓަށް ފައިސާ އިތުރުކުރުމެވެ.

އެގޮތުން ކާށިދޫ ހިމެނޭހެން ހަތް ރަށެއްގެ ފަޅު ހިއްކައިގެން ރިސޯޓު ހަދަން ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލި ނަމަވެސް، މިއަދާ ހަމައަށް މިއިން އެއްވެސް ރަށެއްގެ ފަޅެއްގައި ރިސޯޓެއް ތަރައްގީކޮށްފައި ނުވެ އެވެ.

އޭރުގެ ނޫސް ރިޕޯޓުތަކުން އެނގޭ ގޮތުގައި، ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީކުރަން ޝައުގުވެރިކަން ފާޅުކުރި ހަމައެކަނި ފަރާތް ކަމުގައިވާ މއ. ނިވިކޯ، އަހުމަދު ޝަފީގުއަށް ޖޫން 22، 2008 ގައި ވަނީ މި ފަޅު ކުއްޔަށް ދީފަ އެވެ. މި އެއްބަސްވުމާ ގުޅިގެން ޝަފީގުއަށް ލިބިދޭ ހުރިހާ ހައްގުތަކަށް ފަހުން ބަދަލުކުރީ ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް (ހާމިދު ސޭޓު)ގެ ނަންމައްޗަށެވެ.

ރިސޯޓު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރިތާ ތިން އަހަރު ފަހުން، ސަރުކާރުން ވަނީ ކާށިދުއްފަރުގައި ރިސޯޓެއް ތަރައްގީނުކުރަން ނިންމާ ރީލޮކޭޝަން އެއްބަސްވުމެއްގެ ދަށުން، ބަދަލުގައި ދިއްފުށީފަޅު ދީފަ އެވެ. މީގެ ސަބަބެއް ކަމަށް ސަރުކާރުން ބުނީ، ފަޅު ހިއްކުމުގެ ސަބަބުން ތިމާވެއްޓަށް އިޔާދަނުކުރެވޭ ފަދަ ބޮޑު ގެއްލުމެއް ލިބިދާނެކަމަށް އެންވަޔަރަމެންޓަށް ޕްރޮޓެކްޝަން އެޖެންސީގެ ހުރި ކަންބޮޑުވުންތަކެވެ.

އަލުން ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް ފެށި އިރު އެ ކަންބޮޑުވުންތަކަށް ހައްލެއް ލިބުނު ކަން ސާފެއް ނޫނެވެ.