Advertisement

ރެކޯޑުތަކަކާ އެކު އަލަކަރާޒް ޔޫއެސް އޯޕަން ކާމިޔާބުކޮށްފި

12 ސެޕްޓެންބަރު 2022 - 11:25 0


ރެކޯޑުތަކަކާ އެކު އަލަކަރާޒް ޔޫއެސް އޯޕަން ކާމިޔާބުކޮށްފި

12 ސެޕްޓެންބަރު 2022 - 11:25 0

ނިއުޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 12) - ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައި, 19 އަހަރުގެ އަލްކަރާޒް ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފި އެވެ.

މިދޔަ 32 އަހަރުގެ ތެރޭގައި މި މުބާރާތުގެ ފައިނަލުން ޖާގަ ހޯދި އެންމެ ޒުވާން ކުޅުންތެރިޔާ އަލްކަރާޒް ފައިނަލުން މޮޅުވީ ނޯވޭގެ ކެސްޕާ ރޫޑް އަތުން 3-1 ސެޓުންނެވެ. އަލްކަރާޒް މި މެޗު ކާމިޔާބުކުރީ 6-4، 2-6، 7-6 އަދި 6-3 އިންނެވެ.

ފައިނަލުން މޮޅުވުމާ އެކު އަލްކަރާޒް ވަނީ ރަޝިޔާގެ ޑެނީ މެޑްވެޑޭވް ފަހަތަށް ޖައްސާލައި ދުނިޔޭގެ ރޭންކިންގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. އޭނާ ވެފައިވަނީ އޭޓީޕީ ރޭންކިންގެ 49 އަހަރުގެ ތާރީޚުގައި ދުނިޔޭގެ ރޭންކިންގެ އެއް ވަނަ ހޯދި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. މި ރެކޯޑު ކުރިން އޮތީ އޮސްޓްރޭލިއާގެ ކުރީގެ ތަރި ލެލިޓަން ހެވިޓް އަތުގަ އެވެ.

ސެމީ ފައިނަލުގައި އެމެރިކާގެ ފްރާންސެސް ޓިސަފޯ އަތުން މޮޅުވެ، ފައިނަލުން ޖާގަ ހޯދުމާ އެކު އަލްކަރާޒް ވީ 2005 ވަނަ އަހަރު ނަޑާލް، ފްރެންޗް އޯޕަން ފައިނަލުގައި ވާދަކުރި ފަހުން، ގްރޭންޑް ސްލޭމް ފައިނަލެއްގައި ވާދަކުރި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. އަދި ނަޑާލްގެ ފަހަތުން ގްރޭންޑް ސްލޭމެއް ކާމިޔާބުކުރި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފުވެސް ލިބުނީ 19 އަހަރުގެ އަލްކަރާޒް އަށެވެ.

ފައިނަލު މެޗުން މޮޅުވެ ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދުމަށް ފަހު އަލްކަރާޒް ބުނީ މިއީ ކުޑައިރުސުރެ ދެކެމުން އައި ހުވަފެނެއްކަމަށާއި، ހުރިހާ ގޮތަކުން މި ކާމިޔާބީ ޚާއްސަކަމަށެވެ.

"އަހަރެން އެންމެ ކުޑައިރުސުރެވެސް ބޭނުންވި ދުނިޔޭގެ އެއްވަނަ ހޯދަން، ގްރޭންޑް ސްލޭމެއް ކާމިޔާބުކުރަން. ވަރަށް ގިނަ މަސައްކަތްތަކެއްކޮށްގެން މިހާ ހިސާބަށް މިއާދެވުނީ" 24،000 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ފައިނަލަށްފަހު އަލްކަރާޒް ބުންޏެވެ.

މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ޕޮލެންޑުގެ އީގާ ސްވިއަޓެކް އެވެ. އީގާ ފައިނަލު މެޗު ކާމިޔާބުކުރީ ޓިއުނީޝިއާގެ އޮންސް ޖެބޯ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ.

ސްވިއަޓެކް އަކީ 2013 ވަަނަ އަހަރުގެ ފަހުން އެއް އަހަރެއްގައި ފްރެންޗް އޯޕަން އަދި ޔޫއެސް އޯޕަން ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން މި ރެކޯޑު އޮތީ 2013 ވަނަ އަހަރު ދެ މުބާރާތް ކާމިޔާބުކުރި ސެރީނާ ވިލިއަމްސް އަތުގަ އެވެ. ސެރީނާ ވަނީ މި ފަހަރުގެ ޔޫއެސް އޯޕަން އަށް ފަހު ރިޓަޔާކޮށްފަ އެވެ.