11 ސެޕްޓެންބަރު 2022 - 20:21 1
ނާޒިމް ހަސަން
މިނިސްޓަރު މާރިޔާ މިއަދުގެ ޕެނަލް ޑިސްކަޝަންގައި: ދީނީ އިލްމްވެރިންނަށް ފާޑުވިދާޅުވި
11 ސެޕްޓެންބަރު 2022 - 20:21 1
ރާއްޖޭގެ ދީނީ އިލްމްވެރިންގެ ފަރާތުން އިލްމީ ބަހުސްތަކާއި ޖަވާބުތައް ނުފެންނަ ކަމަށް ވިދާޅުވެ, ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ފާޑުވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިގޮތަށް ފާޑުވިދާޅުވީ, ލ. ގަމުގައި ކުރިއަށްދާ ދެކުނުގެ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ޑިފެންސްގެ ފަރާތުން ބޭއްވި ޕެނަލް ޑިސްކަޝަނެއްގަ އެވެ.
ޑިފެންސް މިނިސްޓަރު ވިދާޅުވީ ހަރުކަށި ފިކުރާ ދެކޮޅަށް އަދި ދީނުގެ ރަނގަޅު ގޮތްތައް ބުނެދިނުމަށް ބޭރުންނާއި ރާއްޖޭގެ ބައެއް އިލްމްވެރިން ބައިވެރިކޮށްގެން ކައުންޓަ ޓެރަރިޒަމް ސެންޓަރުން ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާ ކަމަށެވެ.
ނަމަވެސް, އެފަދަ ޕްރޮގްރާމްތަކުގައި ރާއްޖޭން ބޭރުން ގެންނަ ދަންނަ ބޭކަލުންނާ ސުވާލުކޮށް, އިލްމީ ބަހުސެއް ކުރުމަށް ރާއްޖޭގެ ދީނީ އިލްމްވެރިން ވަޑައިނުގަންނަވާ ކަމާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށް މާރިޔާ ވިދާޅުވި އެވެ.
"...އެކިއެކި ޔުނިވާސިޓީތަކާއި އެކިއެކި އޯގަނައިޒޭޝަންތަކުން ވަޑައިގެން, ސައުދީ, ޔޫއޭއީ މިތަންތަނުން ވަޑައިގަންނަވާއިރު އަޅުގަނޑުމެން ތެރޭ އުޅޭ ދަންނަ ބޭކަލުން މިކަންކަމުގައި ބައިވެރިވުމަށް އަޅުގަނޑުމެން އެދެން," މާރިޔާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިއީ ގޮތެއް ކިޔަނީއެއް ނޫން, ސުވާލާއި ޖަވާބު ހުޅުވާލާފައި މި އޮންނަނީ, އެކިއެކި ކޮންޓްރަވާޝަލް މައްސަލަތަކާއި އެކި ގޮތްގޮތަށް އެ ބޭފުޅުން ދެކެވަޑައިގަންނަވާ ކަންކަމުގައި ވާހަަކަ ދެއްކުމަށް ފުރުސަތާއި ޖާގަދެން, އެކަމަކު ވެސް މި ބައްދަލުވުންތަކުގައި އަޅުގަނޑުމެންގެ ރާއްޖޭގަ އުޅުއްވާ ދީނީ ފަތުވާ ދެއްވާ ބޭފުޅުން ސުވާލެއް ނުކުރައްވާ,"
ކުރިއަށް އޮތް ތަނުގައި ވެސް ދީނީ އެކިއެކި ޕްރޮގްރާމްތައް ހިންގާނެ ކަމާއި, އެހެންކަމުން އެކަންކަމުގައި ރާއްޖޭގެ ދީނީ އިލްމްވެރިން ބައިވެރިވުން މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވިއިރު, މިފަހުން ރާއްޖޭގައި ޔޯގާ ކުރުމާ ގުޅޭ ގޮތުން ދީނީ ގޮތުން ވަރަށް ބޮޑަށް ހިޔާލު ތަފާތުވި އެވެ. ރާއްޖޭގެ ދީނީ އިލްމްވެރިންގެ ހިޔާލުތައް ތަފާތުއިރު, ބޭރުގެ ބައެއް އިލްމްވެރިންގެ ރައުޔުތައް ވެސް ތަފާތެވެ.
އެކަމުގައި ރާއްޖޭގައި ހަމަނުޖެހުންތަކެއް ވެސް ހިނގައިގެން ދިޔައިރު, ސަރުކާރުން ވަނީ ދީނީ ހިލާފުތަކާ މެދު އަމަލު ކުރާނެ ގައުމީ ސިޔާސަތެއް އެކުލަވާލަން ނިންމާފަ އެވެ. އެކަމަކު, އޭގެ ތަފްސީލެއް މިހާތަނަށް ހާމައެއް ނުކުރެ އެވެ.
Comment