Advertisement

ޒުވާން އަލްކަރާޒަށް ފައިނަލްގެ ޖާގަ އަކާ އެކު ހާއްސަ ޝަރަފެއް

10 ސެޕްޓެންބަރު 2022 - 16:54 0

ޔޫއެސް އޯޕަންގެ ސެމީ ފައިނަލް މެޗަށް ފަހު އަލްކަރާޒް އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ޒުވާން އަލްކަރާޒަށް ފައިނަލްގެ ޖާގަ އަކާ އެކު ހާއްސަ ޝަރަފެއް

10 ސެޕްޓެންބަރު 2022 - 16:54 0

ނިއުޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 10) - ޔޫއެސް އޯޕަންގެ ފައިނަލުން ޖާގަ ހޯދައި ސްޕެއިނުގެ ޒުވާން ތަރި، ކާލޯސް އަލްކަރާޒް ހާއްސަ ޝަރަފެއް ހޯދައިފި އެވެ.

އަލްކަރާޒް، 19، އަކީ ފާއިތުވި 32 އަހަރު ތެރޭ ޔޫއެސް އޯޕަން ފައިނަލަކުން ފެންނާނެ އެންމެ ޒުވާން ކުުޅުންތެރިޔާ އެވެ. އަލްކަރާޒް ފައިނަލުން ފުރުސަތު ހޯދީ ސެމީ ފައިނަލުގައި އެމެރިކާގެ ފްރާންސެސް ޓިސަފޯ އަތުން މޮޅުވެގެންނެވެ.

މި ފަހަރުގެ ޔޫއެސް އޯޕަންގެ ހަތަރު ވަަނަ ބުރުގައި ސްޕެއިނުގެ ލެޖެންޑް، ރަފައެލް ނަޑާލް ކަޓުވާލި ޓިސަފޯ ސެމީ ފައިނަލަށް ނުކުތީ، 2009 ވަނަ އަހަރަށް ފަހު ގްރޭންޑް ސްލޭމް ފައިނަލަކަށް ދާ ފުރަތަމަ އެމެރިކާގެ ކުޅުންތެރިޔާ އަށް ވުމަށެވެ. އެކަމަކު، ސެމީގައި އަލްކަރާޒް އަތުން ބަލިވީ 6-7 (6-8) 6-3 6-1 6-7 (5-7) 6-3، އިންނެވެ.

އަލްކަރާޒް ބުނީ އޭނާގެ ކެރިއަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް ފައިނަލަށް ނުކުންނައިރު، މިއީ އާދަޔާހިލާފު މެޗަކަށް ވާނެ ކަމަށެވެ.

މި ފަހަރުގެ ޔޫއެސް އޯޕަން މެޗެއްގެ ތެރެއިން އަލްކަރާޒް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އޭއެފްޕީ


"ޕްރޮފެޝަނަލް ޓެނިސް ކެރިއަރުގައި އަހަރެންގެ ވަރަށް ބައިވަރު ޓާގެޓްތަކެއް އެބަހުރި. އޭގެއިން އެއް މަންޒިލަކީ ރޭންކިން އެއް ވަނަ. އެ ހިސާބަށް ދިއުން އަދި ދުރުގައި އޮތީ، އެކަމަކު، އެ މިސްރާބަށް ދިއުމަށް އަހަރެން ކުރަން ޖެހޭ ކަމަކީ ކާމިޔާބު ހޯދުން، ގްރޭންޑް ސްލޭމް ކާމިޔާބު ކުރަން ޖެހޭ. އެކަމަށްޓަކައި ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނަން،" މިއާމީ އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފް ލިބިފައިވާ އަލްކަރާޒް ބުންޏެވެ.

އަލްކަރާޒަކީ 2005 ވަނަ އަހަރު ނަޑާލް، ފްރެންޗް އޯޕަން ފައިނަލުގައި ވާދަކުރި ފަހުން، ގްރޭންޑް ސްލޭމް ފައިނަލެއްގައި ވާދަކުރާނެ އެންމެ ޒުވާން ކުޅުންތެރިޔާ އެެވެ. ނަޑާލް، 36، ހޯދި 22 ގްރޭންޑް ސްލޭމް ތަށީގެ ތެރެއިން ފުރަތަމަ ތަށި ހޯދީ އުމުރުން 19 އަހަރުގައި ފްރެންޗް އޯޕަން އެވެ.

މާދަމާ ކުޅޭ ޔޫއެސް އޯޕަން ފިިރިހެން ސިންގަލްސް ފައިނަލުގައި އަލްކަރާޒް ބައްދަލުކުރާނީ ފްރެންޗް އޯޕަން ފައިނަލުގައި ނަޑާލް އަތުން ބަލިވި ނޯވޭގެ ކެސްޕާ ރޫޑްއާ ދެކޮޅަށެވެ. ރޫޑް ވަނީ ސެމީ ފައިނަލުގައި ރަޝިއާގެ ކަރެން ކަޗަނޯފް ބަލިކޮށްފަ އެވެ.

ޔޫއެސް އޯޕަންގެ އަންހެން ސިންގަލްސް ފައިނަލުގައި ކުޅޭނީ ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް ޕޮލެންޑްގެ އީގާ ސްވިއަޓެކާއި ޓިއުނީޝިއާގެ އޮންސް ޖެބޯ އެވެ.