Advertisement

އިންޑިއާ އައުޓް ހުއްޓުވަން ހުރިހާ ހައްގެއް ވަށައި ބޮޅު އަޅާނީތަ؟

8 ސެޕްޓެންބަރު 2022 - 11:02 2

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އިންޑިއާ އައުޓް ކެމްޕެއިނުގެ ހަރަކާތެއްގެ ތެރެއިން: ބިލާމެދު ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


އިންޑިއާ އައުޓް ހުއްޓުވަން ހުރިހާ ހައްގެއް ވަށައި ބޮޅު އަޅާނީތަ؟

8 ސެޕްޓެންބަރު 2022 - 11:02 2

ދިވެހި ރައްޔިތުންނަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހޯދައި ދިން ކަމަށް އަބަދުވެސް ވަކާލާތު ކުރާ ބަޔަކީ މިހާރު ސަރުކާރު ހިންގަމުން އަންނަ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެވެ. އެކަމަށް ބާރުދޭން، ރައްޔިތުންގެ އަތުގައި އޮތް އެންމެ ބާރުގަދަ އަސާސީ ހައްގަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ތަކުރާރުކޮށް ސިފަކުރައްވާފައި އެބަ ހުންނެވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމާ މި ސަރުކާރާ ދެމެދު ހުރި އެންމެ ބޮޑު ތަފާތަކީ މިނިވަންކަން އޮތުމާއި ނެތުން ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ. މިދިޔަ ސަރުކާރުގެ ވަކި ހިސާބަކުން އަބުރުގެ ގާނޫނެއް ފާސްކޮށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ކަސްތޮޅު އެޅުވި ވާހަކައަކީ ތަކުރާރުކޮށް އަދުގެ އިދިކޮޅަށް އެމްޑީޕީން ހަނދާން ކޮށްދެމުން އަންނަ ވާހަކަތަކެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބުމަކީ ރައްޔިތުންގެ މަސްލަހަތު އިސްކޮށް، ރައްޔިތުންނަށް ހެޔޮ އެދިގެން ވެރިކަން ކުރަން އެއްވެސް ސަރުކާރެއް ޖެހިލުންވާން ޖެހޭ ކަމެއް ނޫން. ހަމަގައިމު ވެސް އަޅުގަނޑަކަށް އެއީ ބިރެއް ނޫން،" 2019 ވަނަ އަހަރު ފާހަގަކުރި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ދެއްވި ހިތޯބުގައި ވިދާޅުވި އެވެ.

ނަމަވެސް މިހާރު ނިއުޅެމުންދާ ސިޔާސީ ހާލަތަށް ބަލާއިރު، ރައީސް ވިދާޅުވި "ބިރު" އެމަނިކުފާނާއި ސަރުކާރާ އަރާހަމަކޮށްފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މިހާރުގެ އިދިކޮޅުގެ "އިންޑިއާ އައުޓް" ހުއްޓުވަން ގޮތްހުސްވެ، ކުރީ ސަރުކާރުގެ ހިތި މާޒީ ތަކުރާރުކުރަމުންދާކަމުގެ ތުހުމަތުތައް އަމާޒުވެއްޖެ އެވެ. އިންޑިއާ އައުޓް ހުއްޓުވަން، މަޖިލީހުގައި އޮތް އަގުލަބިއްޔަތުގެ ނާޖާއިޒު ފައިދާގެ ނިވަލުގައި، ގާނޫނު ބަދަލުކޮށްގެން އެ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަށް ސަރުކާރުން މަސައްކަތް ކުރާކަމުގެ އިންޒާރު ފާޑުކިޔާ ފަރާތްތަކުން ވަނީ ދީފަ އެވެ.

"އިންޑިއާ އައުޓް"؛ ސިޔާސީ ހަރަކާތެއް

ކޮންމެ ބަޔަކު އިދިކޮޅުގައި ތިބި ނަމަވެސް ސިޔާސީ ވާހަކަތައް ދައްކާ، އޭރު އޮންނަ ސަރުކާރަށް ޕްރެޝަރުތައް ކުރުމަކީ ދެބަސްވުމެއް އޮތް ކަމެއް ނޫނެވެ. މިވާހަކަ ދައްކަން އެންމެ އެކަށޭނަ ބޭފުޅަކަށް ޔާމީން ނުވި ނަމަވެސް، އެމަނިކުފާނު ވެސް ވަރަށް ހައްސާސީ ވާހަކައެއް މިފަހުން ވިދާޅުވެފައިވެ އެވެ.

"ދުނިޔޭގެ ކޮން ތަނެއްގަތޯ މި މިނިވަންކަން ނެތީ, އެއްވެސް ގައުމެއްގެ ހާރިޖީ ސިޔާސަތަކަށް އެ ގައުމުގަ ތިބި އެންމެން ތަބާވާކަށް ނުޖެހޭނެ. އަދި އާންމުކޮށް ހާރިޖީ ސިޔާސަތަކީ އިދިކޮޅުން ފާޑުކިޔާ ކަންތައް. އަޅުގަނޑުމެން ސަރުކާރު ހިންގިއިރު އޭރު އިދިކޮޅުގަ ތިބި އެމްޑީޕީން ޗައިނާއާ އޮންނަ ގުޅުންތަކާ ދޭތެރޭގަ ފާޑު ނުކިޔާތޯ؟," ޔާމީން ސުވާލުކުރެއްވި އެވެ.

ޔާމީން އިޝާރާތް ކުރެއްވި ވާހަކައަށް ބާރު ލިބޭ އެތައް ވާހަކައެއް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެއިރު ވެސް އަދި މިހާރު ވެސް އަންނަނީ ޗައިނާއާ ދޭތެރޭގައި ދައްކަވަމުންނެވެ.

އިދިކޮޅުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ވެސް މިއީ އެވެ؛ ނަޝީދާއި އެމްޑީޕީން ދައްކާ ވާހަކަތައް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ގޮޅިއަށް ފެތޭއިރު، އިދިކޮޅުގެ އެ ހަރަކާތް އެ ގޮޅިން ބޭރުވުމެވެ. ރައީސްގެ ގަރާރަކުން އަދި މިހާރު މަޖިލީހަށް ވައްދައިގެން އުޅޭ ހާރިޖީ މަސްލަހަތާ ބެހޭ ބިލުން ވެސް ހުރަސް އަޅަނީ އެ ހައްގަށް ކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ.

"ގާނޫނުލްއުގޫބާތަށް މި ބަދަލު ގެނެސްފިއްޔާ އަޅުގަނޑުމެންނަށް ފެންނަ މަންޒަރުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެމްޑީޕީއަށް ގެއްލޭނެ، އެއްވެ އުޅުމުގެ މިނިވަންކަން އެމްޑީޕީގެ ބޭފުޅުންނަށް ގެއްލޭނެ، މިހެން ގޮސް އެމްޑީޕީގެ މުޅި ހަރަކާތް ހުއްޓާލެވޭ ފަދަ ގޮތަކަށް މިކަން ވެގެންދާނީ،" މި ބިލާ ގުޅިގެން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވި އެވެ.

"އިންޑިއާ އައުޓް" ހަރަކާތަކީ ރައީސް ސޯލިހްގެ އިންޑިއާގެ އަސްކަރީ އެހީ ހޯދަން ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް އޮތް ގޮތުން ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ ކެމްޕޭނެކެވެ. އާދަމް ޝަރީފް ވެސް ފާހަގަކުރެއްވީ މިއީ އިންޑިއާ ރައްޔިތުންނާ ދެކޮޅަށް ކުރިއަށް ގެންދާ ހަރަކާތެއް ނޫން ކަމެވެ.

"ދިވެހި ރައްޔިތުން މިއުޅެނީ އިންޑިއާ އާ ޖައްސާލައިގެންނެއް ނޫން، އިންޑިއާއާއި ރާއްޖެއާ ދޭތެރޭ ހިޔާލުތަފާތުވުމެއް އުފެދިފައި އޮތީ މި ސަރުކާރުގެ ނާގާބިލު ކަމުން، ގެންގުޅޭ ސިޔާސަތުގެ ގޮތުން،" އާދަމް ޝަރީފް ވިދާޅުވި އެވެ. "އިންޑިއާ މިލިޓަރީ އައުޓޭ އަޅުގަނޑުމެން މި ކިޔަނީ، އެއީ މުޅި އިންޑިއާއަކަށް ނޫން."

އިދިކޮޅުގެ އަޑު ކަނޑުވާލަން ސިޔާސީ ބިލެއް؟

އެހެން ގައުމެއްގެ ރައްޔިތަކަށްވީތީ ދިވެހިރާއްޖެއިން ބޭރު ކުރުމަށް ގޮވައި، އެފަދަ ބަސްތައް ސޯޝަލް މީޑިއާގައި ވެސް ލިޔުމަކީ ކުށެއް ކަމަށް ކަނޑައަޅަން ސަރުކާރުން މިހާރު ހުށަހަޅާފައިވާ ބިލުގައި ވަނީ ހިމަނާފަ އެވެ. ސަރުކާރުން ބުނާ ގޮތުގައި ބިލުގެ މަގުސަދަކީ ހާރިޖީ މަސްލަހަތު ހިމާޔަތް ކުރުމެވެ.

އެހެންނަމަވެސް، ހާރިޖީ މަސްލަހަތަކީ ވަކި ގާނޫނަކުން ހިމާޔަތް ކުރެވިދާނެ ނުވަތަ ކުރަން ޖެހޭ އެއްޗެއްތޯ އެ ދާއިރާގެ ތަޖުރިބާކާރުން ސުވާލު އުފައްދަވަ އެވެ.

"މަސްލަހަތު މާނަކުރާނީ ގާޒީއަކު، އެ ބަލާ މައްސަލައަކުން، ވަކި ހާރިޖީ ސިޔާސަތު އެކަނި އެއް ނޫން އެއްވެސް މީހަކާ ދިމާލަށް މަސްލަހަތު ގެއްލޭ ގޮތަށް އެއްޗެކޭ ބުނުމަކީ މިހާރު ވެސް ހަމަ ގާނޫނުގައި ފާހަގަކޮށްފައި ހުރި ކަންކަން ކުށުގެ ގޮތުގައި، އެ ކަމަކަށް ކޮންމެހެން ވަކި ގާނޫނެއް އޮންނާކަށް ނުޖެހޭ،" ހާރިޖީ ދާއިރާގައި 40 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.

"ހާރިޖީ މަސްލަހަތު ގޮތްގޮތަށް މާނަ ކުރާކަށް ނުވާނެ، ދައުލަތުގެ މަސްލަހަތަށް ގެއްލުންވާ އަމަލުތަކަކީ މިހާރު ވެސް ކުށެއް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ބިލު މަޖިލީހަށް ހުށަހެޅިފައި އޮތީ ސިޔާސީ ގޮތުން ވަކި މަގުސަދެއްގައި ކަމަށް ބެލެވުމުގެ ޖާގަ އެބައޮތެވެ.

"ގައުމަކަށް ގެއްލުންވާ ގޮތަށް އެއްޗެއް ބުނުމާ ނުބުނުން އެއީ ފޮރިން ސާވިސް އަކަށް ގެއްލުން ވާ ކަމެއް ނޫން، ބިލުގައި ހުރި ކަންކަމަކީ ހާރިޖީ މަސްލަހަތަށް ފުށޫއަރާނެ ކަންކަމަށް ބެލެވޭނެ އެއްވެސް ޖާގައެއް ނެތް،" އޭނާ ފާހަގަކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ތަމްސީލު ކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވެސް އެއްބަސްވެލެއްވި ގޮތުގައި ބިލުގައި މިހާރު ހިމަނާފައި ހުރި ގިނަ ކަންކަމަކީ ގާނޫނުގައި މިހާރު ވެސް ޖިނާއީ ކުށުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަމެވެ.

"ބޭރު މީހެއް ވީމާ އެ މީހާއަށް ނޫނިއްޔާ ދިރިއުޅޭ ތަނަކަށް ނޫނިއްޔާ އެ މީހަކު ނިސްބަތްވާ މުވައްސަސާއަކަށް ގެއްލުން ދިނުމަކީ ކުށެކޭ، އަޅުގަނޑު ހިތުން މިހާރު ވެސް ޖިނާއީ އިޖުރާތުގެ ދަށުން އަދި ޖިނާއީ ކުށްތައް ކަނޑައަޅާ ގާނޫނުތަކުގެ ދަށުން ކުށެއް އިނގޭތޯ އެއީ. އެހެންވީމާ މިކަހަލަ ވަރަށް ދަށްފެންވަރެއްގެ ޑްރާފްޓެއްގެ ގޮތުގައި އަޅުގަނޑަށް މި ސިފަވަނީ،" ބިލުގައި ހުރީ ހެއްވާ ކަންކަން ކަމަށް ފާހަގަކުރައްވައި އިމްތިޔާޒް ވިދާޅުވި އެވެ.

ބިލުގައި ދެން ހިމަނާފައި ހުރި ކަންކަމަކީ ވެސް ކުށަކަށް ހަދަން ނުވާ "ތަންކޮޅެއް ބޮޑުވަރުގެ" ކަންކަމުގެ ގޮތުގައި އިމްތިޔާޒް ސިފަ ކުރެއްވި އެވެ.

އިމްތިޔާޒް ފަހުމީ؛ އޭނާ މި ބިލު ސިފަ ކުރެއްވީ ހެއްވާ ބިލެއްގެ ގޮތުގައި-- ފޮޓޯ: ހުސައިން ޝަޔާހު/ އަދަދު


"ރާއްޖެ ދޫކޮށް ބޭރު މީހެއް ވީމާ ދިއުމަށް ގޮވައިލުމަކީ ކުށެެއް. އެހެންވީމާ މިއީ ތަންކޮޅެއް، ފަހަރުގައި ބޮޑުވަރަކަށް ވެދާނެ. މިނޫން ގޮތަކަށް މި ޑްރާފްޓް އެބަ ކުރެވެން ޖެހޭ. ރާއްޖެ ދޫކޮށް މީހަކު ދިއުމަށް އަދި ބުނެލުމަކީ އެއީ އެހާ އަވަހަށް ޖިނާއީ ކުށަކަށް ހަދާވަރު ކަމަކަށް ނުވޭ،" އިމްތިޔާޒް ވިދާޅުވި އެވެ.

ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ ތަމްސީލު ކުރައްވާ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން މި ވާހަކަތައް ތާއީދު ކުރައްވާ ނެންގެވީ މިސާލެކެވެ. ޔާމީނުގެ ވެރިކަމުގައި އިންޑިއާ މީހުންނަށް ވިސާ ނުދީ މަޑުޖައްސާލި ގޮތަށް އެކަން ތަކުރާރު ވެއްޖެ ނަމަ ދެން ކަންތައް ވެގެން ހިނގައިދާނެ ގޮތެވެ.

"އެ ހާލަތުގައި އަޅުގަނޑުމެން މިއަދު މި ގާނޫނު ފާސްކޮށްފިކަމަށް ވަންޏާ، އެ ގައުމެއްގެ ބަޔަކާ ދިމާއަކަށް ނުބުނެވޭނެ ކަލޭމެން އެނބުރި ދާށެކޭ، ކަލޭމެންގެ ގައުމަށް ދާށެކޭ ވެސް ނުބުނެވޭނެ، އެފަދަ ކަމެއް ކުރަން މިއުޅެނީ،" ގާނޫނީ ވަކީލުކަން ވެސް ކުރައްވާ އަލީ ހުސައިން ވިދާޅުވި އެވެ.

ބުނެލާ ކޮންމެ ބަހަކުން ވެސް އެހެން މީހެއްގެ ހިތުގައި ނަފްރަތު އުފެދިދާނެ ކަން ފާހަގަކުރައްވައި އަލީ ހުސައިން ވިދާޅުވި ގޮތުގައި މިފަދަ ކަމެއް "ކިރިޔާ ވެދާނެ ފަދަ ކަމެއް" ކުރުމަކީ ވެސް ކުށަކަށް ހަދަން ނުވާނެ ކަމަށެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހައްގު ހަނި ކުރެވިގެން ނުވާނެ

ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުރިހާ ދިވެހިންނަށް ވަނީ ކަށަވަރު ކޮށްދީފަ އެވެ. އެހެންނަމަވެސް މި ބިލުން އެ ހައްގުތައް ހަނި ކުރެވޭ ކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އިން ބުނި ގޮތުގައި ނަފްރަތު އުފެދޭ ފަދަ ވާހަކަތައް ދެއްކުން އިތުރުވެފައިވީނަމަވެސް، "ސިޔާސީ މައްސަލައެއްގައި" އަސާސީ ހައްގެއް ހިފެހެއްޓުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

"މިފަދަ މައްސަލަތަކަށް ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކާ ހިލާފުވާ ގޮތަށް، އޮޅުންބޮޅުން ބޮޑު މާއްދާތަކެއް އެކުލެވޭ ގާނޫނުތަކުން ހައްލު ނުކުރެވޭނެ،" ބިލާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރަމުން އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.

އޭގެ ބަދަލުގައި ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގާ އެއްގޮތަށް، ދައުވާ ކުރުމާއި ބިރުދެއްކުމުގެ ބިރެއް ނެތި ސަރުކާރާއި އާންމު މުއައްސަސާތަކަށް ފާޑުކިޔުމުގެ ފުރުސަތު ރައްޔިތުންނަށް އޮންނަން ޖެހޭނެ ކަމަށް އެ ޖަމިއްޔާއިން ދެކެ އެވެ.

އިދިކޮޅުން ބޭއްވި އިންޑިއާ އައުޓް ހަރަކާތަކަށް ފުލުހުން ހުރަސް އަޅަނީ-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


"މިއީ ސަރުކާރުން ފަހަތަށް އެޅި އިތުރު ފިޔަވަޅެއް، ބިލު ޑިމޮކްރަސީއާއި އިންސާނީ އަސާސީ ހައްގުތަކަށް ބުރޫއަރާ،" އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.

ސަރުކާރުން ދެކޭ ގޮތުގައި ބިލުގައި މައްސަލައެއް ނެތް

އެހެންނަމަވެސް ބިލު ހުށަހަޅުއްވި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ފާހަގަކުރެއްވި ގޮތުގައި މިފަދަ އިސްލާހެއް ގާނޫނުލްއުގޫބާތެއް ގެނައުމަކީ މިހާރު "ލާޒިމް ވެފައިވާ" ކަމެކެވެ.

"އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ނިކުމެ އިންޑިއާ އައުޓް، ޗައިނާ އައުޓް ނުވަތަ ކޮމަންވެލްތް އައުޓް މިހެން ކިޔައި އަޅުގަނޑުމެންގެ އަވައްޓެރި ގައުމުތަކާ ޒާތީވެ، އަޅުގަނޑުމެންނަށް ބިރުވެރިކަން އުފެދޭނެ އެތައް ކަމެއް އިދިކޮޅު ފަރާތްތަކުން ދަނީ ކުރަމުން،" ނިހާދު ވިދާޅުވި އެވެ.

މިފަދަ އަމަލުތައް ކުށަކަށް ހަދަން ޖެހޭނެ ކަމަށް ނިހާދު ތަކުރާރުކޮށް ވިދާޅުވެ ހުއްޖަތެއްގެ ގޮތުގައި ދެއްކެވީ އެފަދަ އަމަލުތަކުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެދާނެ ބިރުވެރިކަމުން ސަލާމަތްވުމެވެ.

"އަޅުގަނޑުމެންނަށް ބޭނުންވާ ހުރިހާ ޒަރޫރީ ކަމެއްގައި އަބަދުމެ އެހީވާން އޮންނަ ގައުމާ އަޅުގަނޑުމެން ޖައްސާލައި، އަޅުގަނޑުމެން އެ ގައުމުގެ ރައްޔިތުންނަށް ފުރައްސާރަކޮށް، އަޅުގަނޑުމެންގެ ރައްޔިތުން ބޭސްފަރުވާއަށް ގޮސް ތިބޭތިބުމުގައި އެ ރައްޔިތުންނަށް ބިރުވެރިކަން ފޯރާފަދަ ގޮތަކަށް އަމަލު ބެހެއްޓުމަކީ ކުށެއް ކަމުގައި ކަނޑައަޅަންޖެހޭ،" ނިހާދު ވިދާޅުވި އެވެ.

މިކަމަށް ތާއީދުކުރައްވާ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ވިޔަސް ދާހިލީ ހަމަޖެހުމާއި ސަލާމަތާއި ގާނޫނީ ވެރިކަން ހިފެހެއްޓުމާ ހިލާފުވާ އަމަލުތައް ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ ކަމަށް ބައިނަލްއަގްވާމީ ކޮންވެންޝަންތަކުގައި ވެސް ބަޔާންކޮށްފައިވާ ކަމަށެވެ.

"ގައުމީ ސަލާމަތާ ގުޅުންހުރި ކަންކަމާ ގައުމުގެ އަމާންކަމާއި ރައްކާތެރިކަމަށް ބުރޫއަރާ ފަދަ ކަންކަން ކުރެވިގެން ނުވާނެ ކަމަށް، ވަރަށް ސާފުކޮށް އެބަ ބުނެ، ބޭރު ގައުމަަކަށް އަމާޒުކޮށް ނަފުރަތު އުފެއްދުމަކީ އެ ގައުމެއްގެ ސަލާމަތަށް ވެސް ހުދު އަޅުގަނޑުމެންގެ ސަލާމަތަށް ވެސް ނުރައްކާވާނެ ކަމެއް ކަން ކަށަވަރު،" ސަލީމް ވިދާޅުވި އެވެ.

"ގާނޫނު އަސާސީގެ ހަތާވީސް ވަނަ މާއްދާގެ ދަށުން ހިޔާލުފާޅުކުރުމަކީ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވާ އަސާސީ ހައްގެއް، އެހެންނަމަވެސް އަޅުގަނޑުމެން އެ ބޭނުން ކުރަން ޖެހޭނީ ޒިންމާދާރު ކަމާއެކުގައި،" އޭނާ ވިދާޅުވި އެވެ.

އެއްވެ އުޅުމުގެ ހައްގު ގާނޫނުން ހަނިކުރުމުގެ ހިތި މިހާރު ކުރަނީ ކޮންބަޔަކަށްކަން އެންމެން ދަނެ އެވެ. މާދަމާ އިދިކޮޅުގެ ތޮފި އަޅަންޖެހިދާނެ ފުރުސަތު އޮންނާނެއިރު، މިހާރު މި ކުރަމުންދާ މަސައްކަތުން ތިމާއަށް ގެއްލުން ލިބިދާނެ ދުވަސް ވެސް އަތުވެދާނެ އެވެ.