Advertisement

ރާއްޖޭގައި ހުރި ދީނީ ހިލާފުތައް އެއްގޮތް ކުރަންޖެހޭ

1 ސެޕްޓެންބަރު 2022 - 11:27 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ހުކުރު ނަމާދަށް, ބަޔަކު އިސްލާމީ މަރުކަޒަށް ޖަމާވެ - ފޮޓޯ: ހުސެއިން ވަހީދު / އަދަދު


ރާއްޖޭގައި ހުރި ދީނީ ހިލާފުތައް އެއްގޮތް ކުރަންޖެހޭ

1 ސެޕްޓެންބަރު 2022 - 11:27 0

އެއީ ކޮންމެ ދުވަހަކު މަދަރުސާތަކުގެ އެސެމްބްލީތަކުގައި އަހަރުމެން ކުރާ ކަމެކެވެ. ހަފުލާތަކާއި އެއްވުންތަކާއި ގޭބީސީތަކުން ވެސް އެ މަންޒަރާއި އަޑު ފެންނާނެ އެވެ. އިސްލާމްކަމުގައި ދިވެހިން މާޒީ ކުރި 800 އަހަރު އަހަރުމެންގެ ކާބަފައިން ވެސް އެކަން ކުރި އެވެ.

ނަމަވެސް މިހާރު އެއް ބަޔަކު ދެކޭ ގޮތުގައި މިއުޒިކާއި ލަވަޔަކީ އިސްލާމް ދީނުގައި ހަރާމް ކަންކަމެވެ. މިހާރު އުފެދިގެން އުޅޭ ބައެއް ސްކޫލްތަކުގައި ދަރިވަރުންނަށް ދަސްކޮށްދެނީ މިޔުޒިކާއެކު ލަވަ ކިޔުމަކީ ހަރާމްކަމެއްގެ ގޮތުގަ އެވެ.

ދިވެހީންގެ ތެރެއިން ބައެއް އިލްމުވެރިން ވިދާޅުވަނީ މިޔުޒިކް ހަރާމް ކުރައްވާފައި ނެތް ކަމަށާއި އެކަން ހަރާމް ވަނީ ވަކި ހާލަތެއްގައި އެކަމަށް ދީނާ ހިލާފް ކަންކަން ވެއްދުމުން ކަމަށެވެ. އެކަމަކު، ބައެއް އެހެން އިލްމުވެރިން ވިދާޅުވަނީ، މިޔުޒިކު ހުއްދަވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި އެއީ ރަސޫލާ މުހައްމަދު ﷺ އެކަމަކާމެދު އިންޒާރު ކުރައްވާފައިވާ އަމަލެއް ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ދީނީ ހިލާފުތައް ރާއްޖޭގައި އެބަ އުޅޭ ވަރަށް ބޮޑަށް. އެކަމުގެ ސަބަބުން އެކި މީހުންގެ ވިސްނުން ވަރަށް ތަފާތު. އަދި އެކަމުގެ ސަބަބުން ވަކި ގޮތެއް އެއީ ދީނުގެ އޮންނަ އެންމެ ފަހު ގޮތް ކަމަށް ވެސް އެބަ ގަބޫލު ކުރޭ،" ފިގުހު އަދި އުސޫލް އަލް ފިގްހު އިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ވައިސް ޗާންސެލާ އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވި އެވެ.

ރާއްޖޭގައި އުފެދިފައިވާ ހުރި ދީނީ ހިލާފްތަކާމެދު އަމަލު ކުރާނެ ގޮތެއްގެ ސިޔާސަތު އެކުލަވާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވަޒީރުންގެ މަޖިލީހުން އަންގާރަ ދުވަހު ވަނީ ނިންމައިފަ އެވެ. އެ ނިންމުމުގެ ފަހަތުގައި އޮތީ ޖޫން 21، ގައި ޔޯގާ ދުވަސް ފާހަގަ ކުރަނިކޮށް ބަޔަކު އެކަން ކުރި ތަނަށް އެއްވުމާއި އެއްވުން ކޮންޓްރޯލުން ނައްޓައި، ހިނގައިދިޔަ ހަމަނުޖެހުމެވެ.

އެ ހަމަނުޖެހުމުގެ ފަހަތުގައި އޮތީ ދީނީ ގަބޫލު ކުރުންތަކެކެވެ. ޔޯގާ ދުވަސް ފާހަގަ ކުރަމުންދިޔަ ފަރާތްތަކުން (ސަރުކާރުން) ގަބޫލު ކުރަނީ އެއީ އިސްލާމް ދީނުގައި ކުރުން ހުއްދަ، ކަސްރަތެއް ކަމަށެވެ. އެކަމަކު އެ ހަރަކާތާ ދެކޮޅަށް އެއްވި މީހުން ބުނަމުންދިޔައީ ޔޯގާއަކީ ހިންދޫ ދީނުގެ އަޅުކަމެއް ކަމަށެވެ. އެމީހުން ގަބޫލު ކުރަނީ ޔޯގާ ހެދުމަކީ ﷲ އަށް ފާޅުގައި ކުފުރުވުން ކަމަށެވެ. އެއްވި މީހުންގެ ޖަޒުބާތުތައް ކަސްދޮޅުން ނެއްޓުނީ ޔޯގާއަކީ ކުފުރެއް ކަމަށް ޝައްކެއް ނެތި ގަބޫލު ކުރުމާއެކު ދީނާމެދު އޮތް ލޯތްބެއްގެ ސަބަބުންނެވެ.

ވަޒީރުންގެ ކެބިނެޓުން އެކުލަވާލާ ސިޔާސަތުގައި ބަލާނީ އެފަދަ ދީނީ ހިލާފުތަކާމެދު އަމަލު ކުރާނެ ގޮތެކެވެ. ދީނީ ހިލާފުތަކުގެ ސަބަބުން ޖޫން 21 ގައި ހިނގައިދިޔަ ފަދަ ހަމަނުޖެހުމެއް ނުހިނގާނެ ގޮތަކަށް އަމަލު ކުރެވޭތޯ އެ ސިޔާސަތު އެކުލަވާލުމުގައި މަސައްކަތް ކުރާނެ އެވެ. ސުވާލަކީ އެ ސިޔާސަތުތައް އެކަށައެޅި ނަމަވެސް ދީނީ ހިލާފްތައް ނައްތާލެވިދާނެތޯ އެވެ؟ ނުވަތަ ހިލާފްތައް ވީހާ ވެސް އެއް ގޮތް ކުރެވިދާނެތޯ އެވެ؟

ރާއްޖޭގައި ދީނީ ހިލާފު އުފެދޭ ސަބަބު

އެއް ދުވަހު ރަސޫލާ ﷺ އަރިހަށް މީހަކު އައިސް، ރޯދައަށް ހުރެ އަނބިމީހާ ހަށިގަނޑުގައި ބޮސްދިނުމާމެދު ސުވާލު ކުރި އެވެ. ރަސޫލާ ﷺ ޖަވާބު ދެއްވީ އެކަންކޮށްގެން ނުވާނެ ކަމަށެވެ. އޭގެ ފަހުން، އެހެން މީހަކު އައިސް ރަސޫލާ ﷺ އާ ހަމަ އެ ސުވާލު ކުރި އެވެ. ރަސޫލާ ޖަވާބު ދެއްވީ ރޯދަ މަހު އަނބިމީހާ އަށް ބޮސް ދެވިދާނެ ކަމަށެވެ.

"އެއީ ފަތުވާއެއް. ފަތުވާ ދެއްވާނީ ހާލަތާއި ތަނާއި މީހާއަށް ބައްލަވާފަ. ރަސޫލާ ﷺ، ބޮސްދިނުން މަނާ ކުރެއްވީ ޒުވާނަކަށް. އެކަން ކުރުން ހުއްދަ ކުރެއްވީ އުމުރުން ދުވަސްވީ މީހަކަށް. ރާއްޖޭގައި މި ޖެހޭ މައްސަލައަކީ މިފަދަ ފަތުވާއަކީ ހުކުމް ކަމަށް ބެލެވުން،" އިސްލާމިކް މިނިސްޓްރީގެ ވާއިޒް އަދި ތައުލީމީ ދާއިރާގެ ތަޖުރިބާކާރު އައްޝެއިހު އަހުމަދު ފަހުމީ ދީދީ ވިދާޅުވި އެވެ.

ތަޖުރިބާކާރުން ދެކެނީ ރާއްޖޭގައި މާ ބޮޑެތި ދީނީ ހިލާފުތަކެއް ނެތް ކަމަށެވެ. ނަމަވެސް ރާއްޖެއަށް ދިމާވާ މައްސަލައަކީ ބައެއް ކަންކަމުގައި އެއް ރައުޔަށްވުރެ ގިނަ ރައުޔު ހުންނައިރު ރަނގަޅީ ހަމައެކަނި އެއް ގޮތްކަން ގަބޫލު ކުރުން ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.

"ބައެއް ފަހަރު އިލްމުވެރިން އެކި ތަންތަނުގައި ދެއްވާފައި ހުރި ފަތުވާއަކީ ދީނުގެ ހުކުމް ގޮތުގައި އަޅުގަނޑުމެންނަށް އެބަ ބެލެވޭ. މިހެން ހުންނަ ކަންކަން ބޮޑު މައްސަލައަކަށް ނަގައިގެން އުޅުން އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގައި އޮތް މައްސަލައަކީ. ހަގީގަތުގައި އެއީ ބޮޑެތި އިހްތިލާފްތަކެއް ނޫން،" ފަހުމީ ވިދާޅުވި އެވެ.

ރާއްޖޭގައި އޮތީ ތަފާތު ރައުޔު ބަލައިނުގަތުމުގެ މައްސަލަ ކަމަށް ކުރިން މި ރިޕޯޓަށް ވާހަކަ ދެއްކެވި ޑރ. ޒަކަރިއްޔާ ވެސް ދެކެވަޑައިގަންނަވަ އެވެ.

"އަގީދާއާ ގުޅޭ ކަންކަމުގައި ވެސް ފިގުހީ ކަންކަމުގައި ވެސް ރާއްޖޭގައި ހިލާފު އެބަހުރޭ. އިސްލާމް ދީނުގައި މިކަންކަމާ ކުރިން ފެށިގެން ވެސް އޮތީ ހިޔާލުތަފާތުވެފަ. އެކަމަކު ރާއްޖޭގައި މި ވެގެންއުޅޭ މައްސަލައަކީ، މިސާލަކަށް އަޅުގަނޑު ދެކޭ ގޮތް އެއީ އެންމެ ރަނގަޅު ގޮތް ނުވަތަ ހަމައެކަނި ގޮތް ކަމަށް ދެކޭ މައްސަލަ،" ޑރ. ޒަކަރިއްޔާ ވިދާޅުވި އެވެ.

ތަފާތު ހިޔާލުތައް އޮއްވައި، އެއް ރައުޔެއް އެއީ ހަމައެކަނި ގޮތް ކަމަށް ދެކުމުން، އޭގެ ސަބަބުން ބޮޑެތި މައްސަލަތައް މުޖުތަމައުގައި އުފެދޭ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.

"ދިވެހިންނަކީ އިސްލާމް ދީން ދެކެ ނުލާހިކު ލޯބިވާ ބަޔަކަށްވާއިރު ދީނުގައި އޮންނަ ގޮތަކީ މިއީ ކަމަށް ގަބޫލު ކުރެވޭ ކަމަށް ވަންޏާ ދެން އެ ނޫން އިތުރު ގޮތަކީ ދީނާ ހިލާފް ކަމަށް ބަލާ ނަމަ ވާނެ ގޮތަކީ ދީން ދެކެ ލޯބިވާ ކޮންމެ މީހެއްގެ ހިތުގައި ނަފްރަތު އުފެދޭނެ. އެއީ ދީނާ ހިލާފް ކަންކަން ކަމަށްވާތީ. އެކަމަކު ދީނުގެ އެތެރޭގައި އެބަ ހުރި ބަލައިގަނެވޭނެ ތަފާތު ރައުޔުތައް،" ޑރ. ޒަކަރިއްޔާ ވިދާޅުވި އެވެ.

އެންމެ ރަނގަޅު ގޮތަކީ އެ ގޮތް ކަމަށް ބަލައި، ގަދަކަމުން މުޖްތަމައުގައި އެ ރައުޔެއް ފެތުރުމަކީ ވެސް މައްސަލައެއް ކަމަށް ޑރ. ޒަކަރިއްޔާ ދެކެވަޑައިގަންނަވަ އެވެ.

"ދީނީ ހިލާފްތަކުގައި ވަކި ރައުޔެއް އެއީ ހަމައެކަނި އޮތް ގޮތް ކަމަށް ބަލައި މީހުންގެ ތެރޭގައި ގަދަކަމުން އެ ފަތުރަން އުޅުމުން އޭގެ ސަބަބުން ނުތަނަވަސްކަން އަންނާނެ. ރަސޫލާ ﷺ ގެ މަންހަޖެއް ނޫން އެއީ މަޖުބޫރުކޮށްގެން މީހުން ލައްވާ ކަންކަން ކުރުވުމަކީ," ޑރ. ޒަކަރިއްޔާ އޭނާގެ ހިޔާލު ހިއްސާ ކުރައްވަމުން ވިދާޅުވި އެވެ.

ހައްލަކީ ކޮބާ؟

ދީނުގައި ހިލާފު ނެތުމަކީ އިސްލާމީ މުޖުތަމައު ތަކުގައި ނެތް ކަމެއް ނޫނެވެ. އެ ހިލާފްތަކުގެ ސަބަބުން ބައެއް ގައުމުތަކުގައި ހަމަނުޖެހުން ބޮޑުވެ، މީހުން މަރާ ހިސާބަށް މައްސަލަ ދެ އެވެ. ނަމަވެސް އަހަރުމެންގެ ތެރެއިން އެކަކު ވެސް ރާއްޖޭގައި ދީނީ ހަމަނުޖެހުމެއް އޮންނާކަށް ނޭދޭނެ އެވެ. އެކަމަކު ހިލާފުތަކުގެ މައްސަލަ ހައްލު ކުރާނީ ކިހިނެއްތޯ އެވެ؟

"ހައްލަކީ އިސްލާމީ ވެރިކަމެއް އޮންނަ ގައުމެއްގައި އެތަނެއްގައި އޮންނަ އެންމެ މަތީ ފަތުވާ މަޖިލީހުން ނުވަތަ މިނިސްޓްރީން އަންގަވާ ގޮތަކަށް އެންމެން ތަބާވުން،" ޝެއިހު ފަހުމީ އޭނާގެ ދެކެވަޑައިގަންނަވާ ގޮތް ވިދާޅުވި އެވެ.

އޭގެ އިތުރުން، ސަރުކާރަށް ނިސްބަތްނުވާ އިލްމުވެރިން ވެސް އާންމުންނާ ވާހަކަ ދައްކަވާއިރު ހިލާފު އުފެދިފައިވާ ކަންކަމުގައި ފަރުވާތެރިކޮށް ޖަވާބު ދެއްވުމަށް ސަމާލުވަންޖެހޭ ކަމަށް ފަހުމީ ދެކެވަޑައިގަންނަވަ އެވެ.

"އަޅުގަނޑުގެ މިވަގުތުގެ ޖަވާބަކީ އިސްލާމިކް މިނިސްޓްރީގައި ތިއްބަވާ އިލްމުވެރިންނާ ހަމައަށް ވަޑައިގަންނަވާށޭ. އެބޭފުޅުންނާ މަޝްވަރާ ކުރައްވާށޭ. ހިލާފް ނެތް ކަމެއް ނަމަ ކޮންމެ އިލްމުވެރިއެއް ކައިރިއަށް ވެސް ދެވިދާނެ. އަދި އިލްމުވެރިން ވެސް ޖަވާބު ދެއްވާއިރު އެކަންކަން [ހިލާފްތަކަށް] ރިއާޔަތް ކުރައްވާށޭ. އަމިއްލަ ރައުޔު ހުންނާނެ ކޮންމެ ބޭފުޅެއްގެ ވެސް. އެ ރައުޔު، ރަނގަޅެއް ވެސް ގޯހެއް ވެސް ނޫން. އެހެންވީމަ ފިތުނައަކަށްވާ ގޮތަށް ޖަވާބު ނުދެއްވާށޭ،" އޭނާ ވިދާޅުވި އެވެ.

އާންމުންގެ ސުވާލަކަށް އިލްމުވެރިން ޖަވާބު ދެއްވާއިރު އެންމެ ބޮޑަށް ބެއްލެވޭނެ އެއް ކަމަކީ އާންމު މަސްލަހަތު ހިމާޔަތް ކުރުން ކަމަށް ވެސް ފަހުމީ ދެކެވަޑައިގަންނަވަ އެވެ.

"މަސްލަހަތަށް ދީނުގައި ވަރަށް ބޮޑަށް ބައްލަވާ. މަސްލަތު ގެއްލޭ ކަމަށް ވަނީ ނަމަ ދީނުގައި ހުއްދަ ބައެއް ކަންކަން ވެސް ދޫކޮށްލަންޖެހޭ. މިސާލަކަށް މުއާޒްގެފާނު އިމާމުވެ ނަމާދު ކުރައްވާއިރު މާ ދިގުކޮށް ގުރްއާން ކިޔަވާކަމުގެ ޝަކުވާ ލިބިވަޑައިގަތުމުން މުއާޒްގެފާނެ ގެންނަވާފައި ރަސޫލާ ﷺ ހަދީސް ކުރައްވަނީ ކަލޭގެފާނަކީ ފިތުނަ އުފައްދަވާ ބޭފުޅެކޭ. ދެން ހަދީސް ކުރެއްވީ އިމާމުވެ ނަމާދު ކުރައްވާއިރު މައުމޫމުންނަށް ބައްލަވާށޭ،" އޭނާގެ ހިޔާލު ހިއްސާ ކުރައްވަމުން ފަހުމީ ވިދާޅުވި އެވެ.

ފަހުމީ އެ ވިދާޅުވި ފަދައިން އާންމު މަސްލަހަތަށް ބަލައި، އިލްމުވެރިންނަށް ޖަވާބުދެއްވޭނެ އެއް ގޮތަކީ، އިލްމުވެރިންގެ މެދުގައި ގިނައިން ވާހަކަ ދެއްކުން ކަމަށް ބައެއް ތަޖުރިބާކާރުން ދެކެ އެވެ.

"[ހިލާފްތައް] ހައްލު ކުރެވޭނެ އެއް ގޮތެއް ކަމަށް ގަބޫލު ކުރެވެނީ އިސްލާމް ދީނުގެ ވާހަކަތައް ދެކެވޭ ފެންވަރުގައި ތިބި ދީނީ އިލްމުވެރިންގެ މެދުގައި އިލްމީ ގޮތުން ބައްދަލުވުންތަކެއް ބާއްވައި، ވީހާވެސް ހިޔާލުތައް ގާތްކުރެވޭނެ ފަދަ ވިސްނުންތަކެއް ގެންގުޅުން،" ޑރ. ޒަކަރިއްޔާ ވިދާޅުވި އެވެ.

ރާއްޖެއަކީ ދީނީ ހިލާފުގެ ސަބަބުން ބޮޑު ހަމަނުޖެހުމެއް ހިނގާފައި އޮތް ތަނެއް ނޫނެވެ. އެކަމަކު އެފަދަ ހާދިސާއެއް ނުހިނގައި މި ޖޫން މަހު ސަލާމަތްވީ ހަމަ ކިރިޔާ އެވެ. ބޮޑު ހަމަނުޖެހުމެއް ހިނގުމުގެ ކުރިން ދިވެހިންގެ މެދުގައި ހުރި ދީނީ ހިލާފްތައް އެއްގޮތް ކުރަންޖެހެ އެވެ.