31 އޮގަސްޓު 2022 - 09:12 0
31 އޮގަސްޓު 2022 - 09:12 0
ވެލެންސިއާ (އޮގަސްޓް 31) - ހިލޭ ޓްރާންސްފާ އެއްގެ ދަށުން އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ ސްޕެއިންގެ ވެލެންސިއާ އަށް ސޮއިކޮށްފި އެވެ.
ކަވާނީ 35، ވެލެންސިއާ އަށް ސޮއިކުރީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އުރުގުއޭގެ ކެޕްޓަން ކަވާނީ ހޯދުމަށް ސްޕެއިންގެ ވިޔަރެއާލް، ރެއާލް ސޮއިއެޑާޑް އަދި އާޖެންޓީނާގެ ބޮކަ ޖޫނިއާސް އިން ވެސް މަސައްކަތްކުރި އެވެ.
މިއީ ކަވާނީ ސްޕެއިންގެ ޓީމަކަށް ކުޅޭނެ ފުރަތަމަ ފަހަރެވެ. ވެލެންސިއާ އަށް ސޮއިކުރުމަށް ފަހު ކަވާނީ ވަނީ އެންމެ ފަހުން ލީގުގައި އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗު ބަލަން ދަނޑަށްވެސް ގޮސްފަ އެވެ. ކަވާނީ ވެލެންސިއާއާ އެކު ކުޅޭނެ ފުރަތަމަ މެޗަކަށް ވުން ގާތީ އަންނަ އާދިއްތަ ދުވަހުގެ ރޭ ގެޓާފޭ އާ ދެކޮޅަށް ކުޅޭ މެޗެވެ.
ކަވާނީ ބުނީ ވެލެންސިއާ އަކީ ސްޕެއިންގެ ބޮޑު އެއް ކުލަބް ކަމަށާއި، މިއީ އޭނާ އަށް މުޅިން ތަފާތު ޗެލެންޖެއް ކަމަށެވެ. ޕްރީ-ސީޒަންގައި އެެއްވެސް ކުލަބަކާ އެކު ތަމްރީން ހަދާފައި ނުވާތީ އޭނާ ހުރި އެންމެ ހިތްހަމަޖެހޭ ވަރަށް ފިޓުކޮށް ނޫންކަން ފާހަގަކޮށް، ކަވާނީ ބުނީ މުޅި ޓީމުގެ އެހީތެރިކަމާ އެކު ސަޕޯޓަރުން ހިތްހަމަޖެހޭ ވަރުގެ ނަތީޖާ އެއް ނެރެން މަސައްކަތް ކުރާނެ ކަމަށެވެ.
"އަހަރެން މި ކުލަބަށް ސޮއިކުރުމުގެ ކުރިންވެސް ސަޕޯޓަރުންގެ ލޯބި ފެނިއްޖެ. އެއީ އަހަންނަށް ވަރަށް މުހިންމު އެއްޗެއް މި ކަހަލަ ބޮޑު ކުލަބެއްގައި. ތަފާތު އާ ޗެލެންޖަކަށް މި ނުކުންނާނީ. ބޭނުންވަނީ ރަނގަޅު ނަތީޖާތަކެއް ކުލަބަކާ އެކު ނެރެން" ކަވާނީ ބުންޏެވެ.
އެންމެ ފަހުން ކަވާނީ ކުޅެފައިވަނީ އިނގިރޭސި ކުލަބު މެންޗެސްޓާ ޔުނައިޓެޑަށެވެ. އެކުލަބަށް ދެ ސީޒަންގައި ކުޅެދިނުމަށް ފަހު ޔުނައިޓެޑުން އޭނާގެ ކޮންޓްރެކްޓް އާ ނުކޮށް ދޫކޮށްލީ މިދިޔަ ސީޒަން ނިންމައިފަ އެވެ.
ޔުނައިޓެޑަށް ކުޅުމުގެ ކުރިން ކަވާނީ ވަނީ ފްރާންސްގެ ޕީއެސްޖީ އާއި އިޓަލީގެ ނަޕޯލީ އަށް ކުޅެފަ އެވެ. ޕީއެސްޖީއާއިއެކު ހަ ލީގު ތަށި ހޯދިއިރު، 200 ގޯލާ އެކު އެ ކުލަބަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔަކީ ވެސް ކަވާނީ އެވެ. އިޓަލީގެ ނަޕޯލީއާ އެކު އޭނާ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 2012 ގެ ކޮޕަ އިޓާލިއާ (އިޓާލިއަން ކަޕް) ތަށި އެ ކުލަބަށް ހޯދައިދިނުމެވެ.
އުރުގުއޭގެ ގައުމީ ޓީމުގެ އެންމެ މުހިންމު އެއް ފޯވާޑަކީ އެ ގައުމަށް ދެ ވަނަ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. އޭނާ 58 ގޯލު އުރުގުއޭ ގައުމީ ޓީމަށް ޖަހައިދިނީ 133 މެޗު ކުޅެގެންނެވެ.
Comment