Advertisement

'ޓޮކްސިކް' މިންގަނޑުން އޮފީހަށް ދޭނީ ކިތަކެއް؟

29 އޮގަސްޓު 2022 - 07:22 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


'ޓޮކްސިކް' މިންގަނޑުން އޮފީހަށް ދޭނީ ކިތަކެއް؟

29 އޮގަސްޓު 2022 - 07:22 0

މަސައްކަތްކުރާ ތަނުގެ މާހައުލަކީ، ހިތްހަމަޖެހުން ގެނެސްދޭ ދުޅަހެޔޮ ގުޅުންތެރިކަމެއް އޮތް ތަނަކަށް ހެދުމަކީ ވެރިންނާއި މުވައްޒަފުން ގުޅިގެން އުފުލަންޖެހޭ ޒިންމާއެކެވެ. ސަބަބަކީ، މަސައްކަތުގެ މާހައުލާއި، ތަނުގެ އުފެއްދުންތެރިކަމާ ދެމެދު ސީދާ ގުޅުން އޮންނާތީ އެވެ.

އޮފީހަކީ އުޅެން ނުކުޅަދާނަ، އެތަނަކަށް ދިއުމުން މީހާގެ ތޮބީއަތް ނުބައިކޮށްލާ ތަނަކަށް ވާނަމަ، މަސައްކަތް ކުރާ ހިތެއް ނުވާނެ އެވެ. ވަގުތު ދޭހިތެއް ނުވާނެ އެވެ. ކުރާ މަސައްކަތުގައި ނުވާ ބައްޔަށް ވަރުބަލިވެ، ސިކުނޑިއާއި ހިތަށް ލޯޑު ބޮޑުވެ، މަސައްކަތުގެ ޖޯޝު ގެއްލޭނެ އެވެ.

އޮފީހުގެ މާހައުލުގެ ދުޅަހެޔޮކަމާއި މުވައްޒަފުންގެ ހިތްހަމަޖެހުމާއި އުފެއްދުންތެރިކަމާ ގުޅޭ ގޮތުން، އިންޓަނޭޝަނަލް ޖާނަލް އޮފް އެންވަޔަރަމަންޓް ގައި 2020 ވަނަ އަހަރު ޝާއިއުކޮށްފައިވާ ދިރާސާ ކަރުދާހުގައި "ޓޮކްސިކް" މަސައްކަތުގެ މާހައުލަކުން އެތަނެއްގައި އުޅޭ އެންމެންގެ ނަފްސާނީ ދުޅަހެޔޮކަމަށް ހީނުކުރާ ވަރުގެ ގޯސް އަސަރުކުރާ ކަމަށް ބުނެފައިވެ އެވެ - އެހެންވީމަ، ޓޮކްސިކް އޮފީހެއްގެ ވިހައިގެ އަސަރު ފޯރަނީ ހަމަ އެކަނި މުވައްޒަފުންނަކަށް ވެސް ނޫނެވެ. ވެރިންނަށް ވެސް ޓޮކްސިކް މާހައުލެއް ކަމަކުނުދެ އެވެ.

އެ ދިރާސާގެ ރިޕޯޓުގައި ބުނެފައިވަނީ، މުވައްޒަފުން ނަފުސާނީ ގޮތުން ދުޅަހެޔޮވުމުން މަސައްކަތަށް ޝައުގުވެރިކަން އިތުރުވާ ކަމަށެވެ. އަދި މުވައްޒަފުންގެ ކުރިއެރުމަށް ތަނުން މަސައްކަތްކޮށް ހިއްވަރުދޭނަމަ އުފެއްދުންތެރިކަން ދަށްވިޔަނުދީ ގިނަ ދުވަހަށް ހިފަހައްޓައިދޭ ކަމަށެވެ.

ރިލޭޝަންޝިޕް ތަޖުރިބާކާރުން އިއްތިފާގުވާ ގޮތުން، ހާސްކަން ބޮޑު އޮފީސް މާހައުލެއްގައި މަސައްކަތްކުރާ މީހުންގެ އަމިއްލަ ދިރިއުޅުމަށް ވެސް އޭގެ އަސަރުކުރެ އެވެ. އޮފީހުގެ ހާސްކަމާއި ވަރުބައްޔާއި ރުޅިއާއި ކަންބޮޑުވުންތައް ގެއަށް ހިފައިގެން އައިސް، އެ ޖަޒުބާތުތަކުގައި ބެހިގެން ދާ ވަގުތު އާއިލާއާ އޮންނަ ގުޅުން އުފާވެރި ގުޅުމަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތް ނުވެ ދެ އެވެ. މީގެ ސަބަބުން އާއިލީ ގުޅުންތައް ހީނަރުވުމާއި، ބައެއް ފަހަރަށް ކުރަން ނުވާ ޒުވާބުތައް ކުރެވޭ ފަހަރު އާދެ އެވެ.

ބައެއް މީހުން މި ސްޓްރެސްއާ ޑީލް ކުރުމަށް ސިއްހަތަށް ނުރަނގަޅު އާދަތަކަށް ވެސް ދެ އެވެ. މިސާލަކަށް، ގިނައިން ދުންފަތުން އިސްތިއުމާލުކުރުމާއި، ބައެއް ފަހަރަށް ރަލާއި މަސްތުވާ ތަކެތި ބޭނުންކުރުމެވެ.

"ޓޮކްސިކް" އޮފީސް މާހައުލެއްގެ ސިފަތައް ދެނެގަތުން

ބައެއް ފަހަރަށް "ޓޮކްސިކް" މާހައުލެއްގެ ސިފަތަކަކީ އެހާ ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން ނުހުރެދާނެ އެވެ. ސީދާކޮށް ޖިންސީ ފުރައްސާރަކުރުމާއި ގަނާކުރުން ފަދަ ކަންކަން ނުކޮށްފާނެ އެވެ. އެކަމަކު ދައްކާ ވާހަކަތަކުންނާއި ކުރާ ސަމާސާތަކުގައި ނުސީދާކޮށް މިބައި ހިނގާފާނެ އެވެ.

އޮފީސް މާހައުލުގައި އުނދަގޫ އިހުސާސްތަކެއް ކުރެވޭނަމަ މި ކަންކަމާ މެދު ވިސްނާލާށެވެ. މިސާލަކަށް ކުރަން ބޭނުންވާ ކަންތައްތަކުގައި އޮފީހުގައި އެދުމާއި ހިޔާލު ހިއްސާކުރުމާއި ނުވަތަ ސަޕޯޓް ނުކުރާނެކަމަށް ގަބޫލުކުރެވޭތީ ހިޔާލުދޭން ޖެހިލުންވުން ފަދަ ކަންކަން ދުޅަހެޔޮ އޮފީސް މާހައުލެއްގައި ނޯންނާނެ އެވެ.

ޓޮކްސިކް މާހައުލެއްގައި މަސައްކަތުގެ ކުރިއެރުން ހޯދަން އުނދަގޫވާނެ އެވެ. ކިތަންމެ މަސައްކަތަށް ގާބިލުވެފައި، ކުރާ މަަސައްކަތް ރަނގަޅަސް، ޕްރޮމޯޝަނާއި، މުސާރައިގެ ކުރިއެރުން ހޯދަން އެތައް ގޮންޖެހުމެއް ގިރާކުރަންޖެހިދާނެ އެވެ - މިފަދަ މާހައުލެއްގައި ހުންނަ މީހަކަށް އާންމުކޮށް ކުރެވޭނީ ހުރި ތަނުގައި ގައު ވެފައިވާ ކަމުގެ އިހުސާސެވެ.

ޓޮކްސިކް މާހައުލެއްގައި ވެރިންގެ ފަރާތުން ފާހަގަކުރެވޭ އެއް ސިފައަކީ މައިކްރޯ މެނޭޖްކުރުމެވެ. މިއީ މަސައްކަތްތައް ބަހާލައިގެން ކުރުމުގެ ބަދަލުގައި، އަމިއްލައަށް ހުރިހާ ކަމެއްގެ ކޮންޓްރޯލް ހިފަހައްޓަން މަސައްކަތްކުރުމެވެ.

މުވައްޒަފުންނަކީ އަބަދު އޮފީސް މަސައްކަތަށް ސަމާލުވެ، ހުރިހާ ވަގުތެއް މަސައްކަތަށް ހުސްވެގެން ތިބެންޖެހޭ ބައެއް ކަމުގައި ދުށުމާއި އެގޮތަށް އެ އެކްސްޕެކްޓޭޝަން ގެންގުޅުމަކީ ވެސް ޓޮކްސިކް މާހައުލެއްގެ ސިފައެކެވެ. ސަބަބަކީ، މިފަދަ އެކްސްޕެކްޓޭޝަން ތަކުގެ ސަބަބުން، ބަލިވުމުން ސަލާމް ބުނުމާއި، އަމިއްލަ ނަފްސަށް ވަގުތު ދިނުމަށް ކުރާ ކަންކަމަށް އިސްކަން ދިނުމަކީ ކުށެއް ކަމަށް ގަބޫލުކުރެވެ އެވެ.

މި ކިޔައިދިނީ ޓޮކްސިކް މާހައުލެއްގެ ބައެއް ސިފަތަކެވެ. ތިހުރީ މި ކިޔައިދިން ކަހަލަ "ޓޮކްސިކް" އޮފީހެއްގައި ނަމަ، މިއީ ތި މާހައުލު ބަދަލުކޮށްލަންވީ ވަގުތެވެ. ޓޮލަރޭޓް ކުރެވިދާނެ އެވެ. އެކަމަކު ހިތާއި ނަފްސުގެ ހަމަޖެހުން ނަގާލައި، މި ސްޓްރެސްއެއްގެ ތެރޭގައި އަބަދު އުޅުމުގެ ބޭނުމެއް ނެތެވެ.