Advertisement

ކޮވިޑް ވެކްސިން ނުޖަހާތީ ޖޮކޮވިޗަށް ޔޫއެސް އޯޕަންގައި ނުކުޅެވޭނެ

25 އޮގަސްޓު 2022 - 20:03 0


ކޮވިޑް ވެކްސިން ނުޖަހާތީ ޖޮކޮވިޗަށް ޔޫއެސް އޯޕަންގައި ނުކުޅެވޭނެ

25 އޮގަސްޓު 2022 - 20:03 0

ޕެރިސް (އޮގަސްޓް 25) - ކޮވިޑް-19ގެ ވެކްސިން ނުޖަހާތީ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ، ސާބިއާގެ ނޮވަކް ޖޮކޮވިޗަށް އަންނަ ހޯމަ ދުވަހު ފަށާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގައި ނުކުޅެވޭނެ ކަމަށް ބުނެފި އެވެ.

މިއީ ކޮވިޑް-19 ވެކްސިން މައްސަލައިގައި ޖޮކޮވިޗް، 35، އަށް ގެއްލޭ ދެ ވަނަ ގްރޭންޑް ސްލޭމް މުބާރާތެވެ. މި އަހަރު ޖެނުއަރީ މަހު އޮސްޓްރޭލިއާގައި ކުރިއަށް ދިޔަ އޮސްޓްރޭލިއަން އޯޕަންގައި ޖޮކޮވިޗަށް ކޮވިޑް ވެކްސިން މައްސަލައިގައި ނުކުޅެވުނެވެ.

ޖޮކޮވިޗް އޮސްޓްރޭލިއަން އޯޕަން ގްރޭންޑް ސްލޭމް މުބާރާތް ކުޅެން އޮސްޓްރޭލިއާ އަށް ގޮސް ހުއްޓައި ވަނީ ވެކްސިން މައްސަލަ ކޯޓުން ބަލައި، އޭނާ ޑީޕޯޓްކޮށްލައިފަ އެވެ. އޭގެ ފަހުން އަލުން ކުޅުމަށް އެނބުރި އައިސް، ގްރޭންޑް ސްލޭމް ދެ މުބާރާތް ކަމަށްވާ ފްރެންޗް އޯޕަން އާއި ވިމްބަލްޑަން ކުޅުނެވެ. މީގެ ތެރެއިން ވިމްބަލްޑަން ކާމިޔާބުކުރީ ވެސް ޖޮކޮވިޗް އެވެ.

ވިމްބަލްޑަން އަށް ފަހު ރަނގަޅު ފޯމެއްގައި ހުރި ޖޮކޮވިޗަށް ޔޫއެސް އޯޕަން ގެއްލުމުން އޭނާ ހުރީ މާޔޫސްވެފަ އެވެ.

"ހިތާމަވެރި ހަބަރެއް ދެވެން އޮތީ، އަހަަންނަށް މި ފަހަރު ޔޫއެސް އޯޕަންގައި ވާދަކުރެވެން ނެތް،" ތިން ފަހަރު ޔޫއެސް އޯޕަން ކާމިޔާބުކޮށްފައިވާ ޖޮކޮވިޗް ބުންޏެވެ.

ކޮވިޑް-19 އަށް ވެކްސިން ނުޖަހާ މީހުންނަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އެމެރިކާ އަށް އެތެރެނުވެވެ އެވެ. އެހެންވެ، މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަން އެކޭ އެއްގޮތަށް ޔޫއެސް އޯޕަން ވެސް ޖޮކޮވިޗަށް ގެއްލޭނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިފަ އެވެ.

ޔޫއެސް އޯޕަންގައި ނުކުޅެވުމަކީ އެންމެ ގިނަ ގްރޭންޑް ސްލޭމް ކާމިޔާބުކުރުމުގެ ރެކޯޑް ހަދާފައިވާ ރަފައެލް ނަޑާލާ ހަމަކުރަން ޖޮކޮވިޗަށް ގެއްލުނު ފުރުސަތެކެވެ. ނަޑާލް މި ވަގުތު އެންމެ ކުރީގައި އޮތީ 22 ގްރޭންޑް ސްލޭމް ކާމިޔާބު ކޮށްގެންނެވެ. ދެ ވަނައިގައި އޮތީ 21 ގްރޭންޑް ސްލޭމް ހޯދައިގެން ޖޮކޮވިޗް އެވެ. އަދި ތިން ވަނައިގައި ރޮޖާ ފެޑެރާ އޮތީ 20 ގްރޭންޑް ސްލޭމްގެ ޗެމްޕިއަންކަން ހޯދައިގެންނެވެ.

ޖޮކޮވިޗް، ތިން ފަހަރެއްގެ މަތިން ޔޫއެސް އޯޕަން ކާމިޔާބުކުރިއިރު، 2011 ވަނަ އަހަރުގެ ފައިނަލުގައި ނަޑާލް އަތުން މޮޅުވިއިރު، 2015 ވަނަ އަހަރުގެ ފައިނަލުގައި މޮޅުވީ ރޮޖާ ފެޑެރާ އަތުންނެވެ. އަދި އެންމެ ފަހުން ކާމިޔާބުކުރިއިރު، 2018 ވަނަ އަހަރު ޖޮކޮވިޗް ވަނީ ފައިނަލުގައި ހުއާން މާޓިން ޑެލް ޕޮޓްރޯ ބަލިކޮށްފަ އެވެ.

މިދިޔަ އަހަރުގެ ޔޫއެސް އޯޕަން ފައިނަލްގައި ޖޮކޮވިޗް ވަނީ ރަޝިއާގެ ޑަނީލް މެޑްވެޑޭވް އަތުން ބަލިވެފަ އެވެ.