Advertisement

އައްޑޫ ސިޓީގައި ޓީޓީން ގައުމީ ފެންވަރުގެ ފުރުސަތުތައް ފަހިކޮށްދޭ އެއްބަސްވުމެއް

25 އޮގަސްޓު 2022 - 07:30 0

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އައްޑޫ ސިޓީ މޭޔަރު ނިޒާރު (ކ) އާއި ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސް ޝިއުރީ-- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް


އައްޑޫ ސިޓީގައި ޓީޓީން ގައުމީ ފެންވަރުގެ ފުރުސަތުތައް ފަހިކޮށްދޭ އެއްބަސްވުމެއް

25 އޮގަސްޓު 2022 - 07:30 0

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އާއި އައްޑޫ ސިޓީ ކައުންސިލްގެ ދެެމެދުގައި ޓީޓީގެ ފުރުސަތުތައް ފަހިިކޮށްދޭ ގައުމީ ފެންވަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިއްޔެ އައްޑޫ ސިޓީގައި ބޭއްވި އިވެންޓެއްގައި އެ ސިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މޭޔަރު މުހައްމަދު ނިޒާރު (ދެކުނު ނިޒާރު) އެވެ. އަދި ޓީޓީ އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ނައިބު ރައީސް އިބްރާހިމް ޝިއުރީ އެވެ.

މި އެއްބަސްވުމުގެ ތެރެއިން އައްޑޫސިޓީގެ ޔޫތު ސެންޓަރުތަކުގައި ޓީޓީ ކުޅޭނެ ސަރަހައްދުތައް ގާއިމް ކުރުމާއި، ޔޫތު ސެންޓަރުތަކުގައި ހުރި ޓީޓީ ކުޅޭ ތަކެތި އައުކުރުން ފަދަ ވަސީލަތްތަަކަށް މުހިންމު ބަދަލުތައް ގެނައުން ހިމެނެ އެވެ.

މީގެ އިތުރުން މި އެއްބަސްވުމާ އެކު ޑިވެލޮޕްމަންޓްގެ މުހިންމު މަސައްކަތްތަކަށް ވެސް އިތުރު ބާރެއް ލިބިގެންދާއިރު، ހުނަރުހުރި ކުޅުންތެރިންނަށް ފުރުސަތުތަކުގެ ދޮރު ވެސް ހުޅުވޭނެ އެވެ. އެ ގޮތުން ޓީޓީ އެސޯސިއޭޝަނުން ދާއިމީ ކޯޗަކު އައްޑޫ ސިޓީގައި ބެހެއްޓުމާއި އައްޑޫގައި ޓީޓީ ކޯޗުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ހިންގުމާއި، އައްޑޫ ސިޓީގެ ކުޅުންތެރިންނަށް ގައުމީ އަދި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުން ވެސް މި އެއްބަސްވުމުގެ ތެރޭގައި ހިމެނިފައިވެ އެވެ.

ދުނިޔޭގެ ޓީޓީ ދުވަސް މިދިޔަ އޭޕްރީލް މަހު ފާހަގަކުރީ އައްޑޫ ސިޓީގަ އެވެ.

މި އަހަރު މާޗް މަހު "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ޝިއުރީ ވަނީ ރާއްޖޭގެ އެކިއެކި އަތޮޅުތަކަށް ޓޭބަލް ޓެނިސް ފުޅާކުރުމުގެ ގޮތުން ޕްލޭނެއް އެބައޮތް ކަމަށެވެ. އޭގެ އަމަލީ މަސައްކަތްތައް މިހާރު ފެށިފައިވާއިރު، މާލެއިން ބޭރުގައި އެޅި ފުރަތަމަ ޓޭބަލް ޓެނިސް އިންޑޯ ހޯލު ޏ. ފުވައްމުލަކުގައި މިދިޔަ ޖޫން މަހު ވަނީ ހުޅުވައިފަ އެވެ. އެ ހޯލުގައި ވެސް ބިދޭސީ ކޯޗެއްގެ ބެލުމުގެ ދަށުން ގިނަ އަދަދެއްގެ ކުޅުންތެރިން އަންނަނީ ތަމްރީން ވަމުންނެވެ.

ޓީޓީގެ އެސޯސިއޭޝަނުން މައުލޫމާތު ދޭގޮތުގައި ގދ. ތިނަދޫ އާއި ރ. އުނގޫފާރުގައި ވަރަށް އަވަހަށް ޓީޓީގެ ޑިވެލޮޕްމަންޓްގެ މަސައްކަތް ފެށިގެންދާނެ އެވެ.

ޓީޓީ އަކީ މިދިޔަ ހަތަރު ވަރަކަށް އަހަރަށް ބަލާއިރު، ރާއްޖޭގެ ކުޅިވަރުގައި ކާމިޔާބީގެ ގިނަ ސޮފުހާތަކެއް ލިޔެފައިވާ ކުޅިވަރެކެވެ. އެ ކުޅިވަރު އަނެއް ލެވަލަށް ގެންދަން ބަލާއިރު، ބަދަލުވާން ޖެހޭ ކަންކަން އެބަހުއްޓެވެ. ކުރަން ހުރި މަސައްކަތްތައް ރަނގަޅަށް ގެންދަން މުޅި ރާއްޖެ އަށް ޓީޓީ ފުޅާވާން ޖެހެ އެވެ.

ޓީޓީ އެސޯސިއޭޝަންގެ އިލްތިމާސަކީ ބެލެނިވެރިންނާއި ސްކޫލްތަކާއި ރަށްރަށުގެ ކައުންސިލާއި ކްލަބް ޖަމިއްޔާތައް ޓީޓީ އެސޯސިއޭޝަނާ ގުޅިގެން އެ ކުޅިވަރު އަނެއް ހަރުފަތަށް ގެންދަން ކުރާ މަސައްކަތުގައި ކުރިއަށް ދިއުމެވެ.