17 އޮގަސްޓު 2022 - 08:05 0
17 އޮގަސްޓު 2022 - 08:05 0
ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (އޮގަސްޓް 17) - ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ އަހަރު ބްރެޒިލާއި އާޖެންޓީނާ ކުޅުނު މެޗު، ބްރެޒިލްގެ ސިއްހީ އޮފިޝަލުން ދަނޑަށް އަރައިގެން މެޗު ހުއްޓާލަން ޖެހުނުއިރު، އެ މެޗު އަލުން ނުކުޅޭ ގޮތަށް ކެންސަލްކުރަން ފީފާ އިން އެންމެ ފަހުން ނިންމައިފި އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، ބްރެޒިލާއި އާޖެންޓީނާ ބައްދަލުކުރާ މެޗު ފެށިތާ ހަތް ވަރަކަށް މިނިޓް ތެރޭ ބްރެޒިލްގެ ސިއްހީ އޮފިޝަލުންނާއި ފުލުހުން ދަނޑަށް އެރުމުން މެޗު ވަގުތުން ހުއްޓާލީ އެވެ.
ބްރެޒިލްގެ ސިއްހީ އޮފިޝަލުން ފުލުހުންނާ އެކު ދަނޑަށް އެރީ މެޗަށް ނުކުތް އާޖެންޓީނާ ޓީމުގައި ބްރެޒިލްގެ ކަރަންޓީނު އުސޫލާ ހިލާފުވެފައިވާ ކުޅުންތެރިންތަކެއް ހިމެނޭ ކަމަށް ބުނެ އެވެ. އެ ކުޅުންތެރިންނަކީ އިނގިރޭސި ޕްރިމިއާ ލީގު ކްލަބްތަކުގައި ކުޅޭ އާޖެންޓީނާގެ ކުޅުންތެރިންނެވެ. އޭރު، އިންގްލެންޑް އޮތީ ބްރެޒިލުން ކަނޑައަޅާފައިވާ ރެޑް ލިސްޓްގަ އެވެ.
ފީފާ އިން އެންމެ ފުރަތަމަ ނިންމީ ބްރެޒިލާއި އާޖެންޓީނާގެ މެޗު ޝެޑިއުލްކޮށްގެން ކުޅޭށެވެ. ފެބްރުއަރީ މަހު އެ މެޗު ކުޅޭ ގޮތަށް ފީފާ އިން ނިންމާފައި އޮއްވައި، މެއި މަހު ބްރެޒިލާއި އާޖެންޓީނާ އިން ވަނީ އެ މެޗު ނުކުޅެން ފީފާ އަށް ހުށަހަޅައިފަ އެވެ. ފީފާ އިން ބްރެޒިލާއި އާޖެންޓީނާގެ ހުށަހެޅުން އަނބުރާ ފޮނުވާލައި އެ މެޗު ސެޕްޓެމްބަރު 22 އަށް ތާވަލުކުރި އެވެ.
މިއާ އެކު ބްރެޒިލާއި އާޖެންޓީނާ އިން ވަނީ މި މައްސަލަ، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް ގެންގޮސްފަ އެވެ.
ކާސްއާ އެކު ބޭއްވުނު މަޝްވަރާތަކުގެ ތެރެއިން ފީފާ އާއި ބްރެޒިލް އަދި އާޖެންޓީނާ އަށް އެއްބަސްވެވުނީ މި މެޗު ދެން ނުކުޅެ، ކެންސަލް ކޮށްލުމަށެވެ. އެއީ އަލުން އެ މެޗު ކުޅެގެން ކޮންމެ ނަތީޖާއެއް ނުކުތަސް ކޮލިފައިން ތާވަލަށް ބަދަލެއް ނާންނާނެތީ އެވެ.
މީގެ އިތުރުން ބްރެޒިލާއި އާޖެންޓީނާ ވެސް އޮތީ ގަތަރުގައި އަންނަ ނޮވެމްބަރު މަހު ފަށާ ވޯލްޑް ކަޕަށް ކޮލިފައިވެފަ އެވެ. ދެން އިތުރަށް އެ ދެ ޓީމުގެ މެޗެއް ރާވައިގެން އެ ގައުމުތަކުގެ ވޯލްޑް ކަޕް ތައްޔާރީތަކަށް ނުރަނގަޅު ޕްރެޝަރެއް އަންނަ ކަމެއް ވާން ނޭދޭތީ ފީފާ އިން ވަނީ މެޗު ކެންސަލްކުރުމުގެ ޕްރޮޕޯސަލް ބަލައިގެންފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment