މެންޗެސްޓާ (އޮގަސްޓް) - މެންޗެސްޓާ ޔުނައިޓަޑަށް ކުޅެމުން އަންނަ އިންގްލެންޑްގެ ފޯވާޑް މާކަސް ރަޝްފޯޑް އަކީ އެ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި އޭނާ ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ޔުނައިޓަޑްގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.
ރަޝްފޯޑްގެ އޭޖެންޓުން ވަނީ ދާދި ފަހުން ޕީއެސްޖީއާ ބައްދަލުކޮށްފަ އެވެ. އަދި ރަޝްފޯޑް އެ ޓީމަށް ބަދަލުވުމާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް ވެސް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. ޕީއެސްޖީ އަކީ މީގެ ކުރިން ވެސް ރަޝްފޯޑަށް ޝައުގުވެރިވި ކްލަބެކެވެ.
މިދިޔަ ސީޒަންގައި ރަޝްފޯޑްގެ ފޯމު ވަނީ ވަރަށް ދަށްވެފަ އެވެ. މިދިޔަ ސީޒަންގެ ޕްރިމިއާ ލީގުގައި އޭނާ ކުޅުނު 25 މެޗުން އޭނާ ޖެހީ އެންމެ ހަތަރު ލަނޑެވެ. ފޯމު ދަށްވުމާ އެކު، އޭނާ އަށް ވަނީ އިންގްލެންޑްގެ ގައުމީ ޓީމުން ވެސް ޖާގަ ގެއްލިފަ އެވެ.
ޔުނައިޓެޑްގެ ޔޫތު ޓީމުން ސީނިއާ ޓީމަށް ޕްރޮމޯޓްވެ، ގަަވާއިދުން ޓީމުގައި ހިމެނިގެން ކުޅެމުން އައި ރަޝްފޯޑް ،24، ޔުނައިޓަޑާއެކު ހަދާފައިވާ ކޮންޓުރެކްޓްގައި ބާކީ އޮތީ އެއް އަހަރެވެ.
އެކަމަކު ޓެން ހާގް ބުނީ ރަޝްފޯޑްގެ ފޯމު މި ފަހަކަށް އައިސް ދަށްވިޔަސް، އޭނާ އަކީ ޔުނައިޓަޑަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ.
"ރަޝްފޯޑަކީ މި ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް. ރަޝްފޯޑްއާމެދު އަހަރެން ވަރަށް ހިތްހަމަޖެހޭ. އަހަރެން ބޭނުމެއް ނޫން އޭނާ ދޫކޮށްލާކަށް،" ޓެން ހާގް ބުންޏެވެ. "އަހަރެންގެ ޕްލޭންތަކުގައި އޭނާ ހިމެނޭ."
ޓެން ހާގްގެ އިރުޝާދުގެ ދަށުން ޔުނައިޓަޑް ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ބްރައިޓަން އަތުން ބަލިވިއިރު، އެ މެޗުގައި ރަޝްފޯޑް ވަނީ ފުރަތަމަ 11 ގައި ކުޅެފަ އެވެ. އިނގިރޭސި ލީގުގައި މިރޭ ޔުނައިޓަޑް ނުކުންނާނީ ބްރެންޓްފޯޑްއާ ދެކޮޅަށެވެ.
Comment