Advertisement

މަހްމޫދުގެ ގާތިލް ސާލިމް މަރަން ކުރި ހުކުމް ކްރިމިނަލް ކޯޓުން ވެސް ހައި ކޯޓަށް ހުށަހަޅައިފި

9 އޮގަސްޓު 2022 - 16:44 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މަހުމދު މަރާލި ކަމަށް އެއްބަސްވެފައިވާ ސާލިމް: ސާލިމް މަރާލަން ކުރި ހުކުމް ކަށަވަރު ކުރުމުގެ މައްސަލަ ކްރިމިނަލް ކޯޓުން ހައި ކޯޓަށް ހުށަހަޅައިފި


މަހްމޫދުގެ ގާތިލް ސާލިމް މަރަން ކުރި ހުކުމް ކްރިމިނަލް ކޯޓުން ވެސް ހައި ކޯޓަށް ހުށަހަޅައިފި

9 އޮގަސްޓު 2022 - 16:44 0

އދ. ދަނގެތީ ވިޔަފާރިވެރިޔާ މަހްމޫދް އަބޫބަކުރުގެ އަނިޔާވެރި ގޮތަކަށް މަރައިލި ކަމަށް އެއްބަސްވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާ އޮލަމް މިއާ (ސާލިމް) މަރަން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމުގެ މައްސަލަ އެ ކޯޓުން ހައި ކޯޓަށް އިއްޔެ ފޮނުވައިފި އެވެ.

ވިޔަފާރިވެރިޔާ މަހްމޫދުގެ ހަށިގަނޑު ފެނުނީ އޮކްޓޯބަރު 13، 2021 ގައެވެ. އޭގެ ކުރީ ރެއިން ފެށިގެން މަހްމޫދުގެ ހަބަރެއް ނުވެގެން އާއިލާއިން އުޅުމުން، ރަށު އެންމެން ނުކުމެ ހޯދަން އުޅުމުގެ ތެރެއިން މަހްމޫދުގެ ހަށިގަނޑު ފެނުނީ އޭނާގެ އުފަންގޭގެ ފެން ވަޅެއް ތެރޭ އޮއްވަ އެވެ. އެ ގެ މިހާރު ހުންނަނީ ފަޅަށެވެ.

ދަށު ކޯޓުން ސާލިމް މަރަން ހުކުމް އިއްވި ނަމަވެސް، މަރުގެ މައްސަލަތަކުގައި ޝަރީއަތުގެ ތިން މަރުހަލާ ފުރިހަމަ ކުރަން ގާނޫނުގައި ލާޒިމުކޮށްފައިވެ އެވެ. އެހެންވެ މި މައްސަލަ ވެސް ކުށް ކުރި ކަން ޔަގީން ކުރަން އަދި ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ޝަރީއަތް ގެންދަން ޖެހޭނެ އެވެ.

"ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތްތަކުގެ ގަވާއިދުގައި އޮންނަ ގޮތުގެ މަތިން، [ސާލިމް މަރަން ކޮށްފައިވާ] ހުކުމާއި މައްސަލައިގެ ފައިލްތައް ހިމެނޭ ގޮތަށް ހައި ކޯޓަށް ވާނެ އިއްޔެ ފޮނުވާފައި،" ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަމާން މުހައްމަދު ނަޖީބު މި ނޫހަށް ވިދާޅުވި އެވެ.

ސާލިމަށް ކޮށްފައިވާ މަރުގެ ހުކުމް ކަށަވަރު ކުރުމުގެ މައްސަލަ މީގެ ކުރިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވެސް ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު މުއްދަތުގެ ފަހުން ހުށަހެޅި ކަމަށް ބުނެ މައްސަލަ ބަލައެއް ނުގަތެވެ. ކޯޓުގެ ރަޖިސްޓްރާގެ ނިންމުން މުރާޖައާ ކޮށްދޭން ދައުލަތުން ވަނީ އެދިފަ އެވެ.

"މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމާފައިވާ ނިންމުން ރިވިއުކޮށްދޭން ފަނޑިޔާރުންގެ މަޖިލީހަށް އިއްޔެ ހުށަހަޅާފައިވާނެ،" ޕަބްލިކް ޕްރޮސެކިއުޓަރު އަދި ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު މި ނޫހަށް ވިދާޅުވި އެވެ.

ހައި ކޯޓުން މައްސަލަ ބަލައިނުގަތުމާ ގުޅިގެން، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނާއި ގާނޫނީ ބައެއް ބޭފުޅުން ވެސް ފާހަގަ ކުރި ކަމަކީ މަރުގެ ހުކުމުގެ މައްސަލަތަކަކީ މަތީ މަރުހަަލާގެ ކޯޓުތަކުން ބަލަން ގާނޫނުގައި އޮންނަ ކަމަކަށްވާތީ އެ ކަމަށް މުއްދަތު ގުނައިގެން ވެސް ނުވާނެ އެވެ.

މީގެ އިތުރުން ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތްތަކުގެ ގަވާއިދުގައި އޮންނަ ގޮތުން، މަރުގެ ހުކުމްތައް ކަށަވަރު ކުރަން ކޯޓުން އެ މައްސަލައެއްގެ ފައިލްތަކާއެކު މަތީ މަރުހަލާގެ ކޯޓަށް ފޮނުވަން ވެސް ޖެހެ އެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާގެ އިތުރުން މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ ވެސް ދައުލަތުން ސާލިމްގެ މައްޗަށް އުފުލާފައިވެ އެވެ. ދެވަނަ ދައުވާއަށް ވެސް ސާލިމް އިއުތިިރާފްވެފައިވާތީ އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އެ ކުށަށް އިއްވާފައިވެ އެވެ.

މަހްމޫދުގެ ހަށިގަނޑު ފެނުމާއެކު ރަށު ރައްޔިތުން ނުކުމެ ފުރަތަމަ އެހެން ދެ މީހަކު އަތުލައިގަނެ ފުލުހުންނާ ހަވާލު ކުރި އެވެ. އުމުރުން ދުވަސްވެފައިވާ މީހަކު ބެލުމަށް ދަނގެއްޗަށް ގެންގޮސްފައި ހުރި ސާލިމަށް އޭރު އެއްވެސް މީހަކު ތުހުމަތެއް ނުކުރެ އެވެ. މަހްމޫދުގެ ޖަނާޒާގައި ވެސް ސާލިމް ބައިވެރިވި އެވެ.

މަހްމޫދުގެ ގާތިލަކީ ސާލިމު ކަމަށް ބެލެވެން ފެށީ ފުލުހުންގެ ހާއްސަ ޓީމެއް ދަނގެއްޗަށް ގޮސް އެ ޓީމުގެ ތަހުގީގު ކުރިއަށް ގެންދަނިކޮށް ފުލުހުންނަށް އެ ރަށު މީހަކު ދިން މައުލޫމާތަކާ އެކުގަ އެވެ. މަހްމޫދު ގެއްލުނު ދުވަހުގެ ރޭ ސާލިމް ދިރިއުޅޭ ގެ ކައިރިން މީހަކު ހަޅޭއްލަވާ އަޑު އިވުނު ކަމަށް އެ މީހާ ރިޕޯޓް ކުރި އެވެ.

ސާލިމް ދިރިއުޅޭ ގެއިން އެ މައްސަލައާ ގުޅޭ ވަރުގަދަ ހެކިތަކެއް ވެސް ފުލުހުން ހޯދި އެވެ. އޭނާ ވަނީ މަހުމޫދު މަރާލި ގޮތް ވެސް ތަހުގީގަށް ކުޅެ ދީފަ އެވެ.