Advertisement

މަންކީޕޮކްސްއަށް ޝައްކު ކުރެވޭ މީހަކު އިންޑިއާގައި މަރުވެއްޖެ

1 އޮގަސްޓު 2022 - 22:40 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިންޑިއާގެ އެއާޕޯޓެއްގައި ބަޔަކު މަންކީޕޮކްސްއަށް ސްކްރީން ކުރަނީ. -- ފޮޓޯ: ކުވެއިތް ޓައިމްސް


މަންކީޕޮކްސްއަށް ޝައްކު ކުރެވޭ މީހަކު އިންޑިއާގައި މަރުވެއްޖެ

1 އޮގަސްޓު 2022 - 22:40 0

މަންކީޕޮކްސް ޖެހިފައި ހުރި ކަމަަށް ޝައްކު ކުރެވޭ ފިރިހެނަކު އިންޑިއާގައި މަރުވެއްޖެ އެވެ.

މަރުވީ ދާދި ފަހުން ޔޫއޭއީއިން އިންޑިއާއަށް ދިޔަ މީހެކެވެ. މީގެ ކުރިން އޭޝިއާގެ ގައުމަކުން މި ބަލި ޖެހިގެން މީހަކު މަރުވެފައެއް ނުވެ އެވެ.

ކެރަލާ ސްޓޭޓުގެ ހެލްތު މިނިސްޓްރީން ބުނީ މަރުވި އުމުރުން 22 އަހަރުގެ މީހާގެ ޓެސްޓުތައް ހެދި އިރު، މަންކީޕޮކްސް ޖެހިފައި ހުރި ކަމަށް ދައްކާ ކަމަށެވެ.

އެފްރިކާގެ ބޭރުން މަންކީޕޮކްސް ޖެހިގެން ތިން މީހުން މަރުވެފައިވެ އެވެ. އެއީ ބްރެޒިލް އާއި ސްޕެއިންއިން ދެ މީހުންނެވެ.

އިންޑިއާ ފިރިހެން މީހާ މަރުވީ ޖުލައި 30 ވަނަ ދުވަހު ހޮސްޕިޓަލުގަ އެވެ. އެއީ އޭނާ ޔޫއޭއީއިން އެނބުރި އިންޑިއާއަށް ދިޔަަތާ ހަފްތާއެއް ފަހެވެ.

ނަމަވެސް އޭނާ މަރުވީ މަންކީޕޮކްސްގެ ސަބަބުން ކަމެއް ސާފެއް ނޫނެވެ.

"އެ ޒުވާނާގެ މަންކީޕޮކްސްގެ އެއްވެސް އަލާމާތެއް ނެތް. އޭނާ ހޮސްޕިޓަލުގައި އެޑްމިޓު ކުރީ އެންސެފެލައިޓިސްގެ އަލާމާތްތަކާ އެކު މާ ބޮޑަށް ވަރުބަލި ވާތީ،" ކެރަލާގެ ހެލްތު މިނިސްޓަރު ވީނާ ޖޯޖް ވިދާޅުވި އެވެ.

އޭނާއާ ގުޅުން ހުރި ހައި ރިސްކް 20 މީހުން އައިސޮލޭޓްކޮށްފައިވާ އިރު އޭގެ ތެރޭގައި އާއިލާ އާއި އެކުވެރިން އަދި މެޑިކަލް ސްޓާފުން ހިމެނެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަަބްލިއުއެޗްއޯ) އިން ބުނީ މިދިޔަ މޭ މަހުން ފެށިގެން އެފްރިކާއިން ބޭރުން މަންކީޕޮކްސްގެ 18،000 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ.