Advertisement

އެއްފަރާތް ކުރުން

31 ޖުލައި 2022 - 09:47 0

ހަސަން ޒަރީރު (ލަގަން)

ހަސަން ޒަރީރު (ލަގަން)

ބަލި ޖެހިފައިވާ މީހުން އެކަހެރިކުރަން ކުރިން ގެންގުޅުނު ގެއެއް --


އެއްފަރާތް ކުރުން

31 ޖުލައި 2022 - 09:47 0

އިހުގައި މީހަކަށް، ބައްޔެއް ނުވަތަ ގިލަންވެރިކަމެއް ކުރިމަތިވެއްޖެނަމަ އެމީހަކަށް އެޖެހުނީ ކޮންމެވެސް ޖިންނި ޝައިތާނުންގެ ކަމެއްކަމަށް ބަލައެވެ. އެހެން ކަމުން އެ ކަމަކަށް ގުޅޭ ފަންޑިތައާއި ބޭސްވެރިކަމުން ފަރުވާކޮށް އެކަމުން ސަލާމަތް ވެއެވެ.

މިގޮތަށް ދިމާވާ ބަލިމަޑުކަމެއްގައި ރަނގަޅުނުވެ ދިގުލައި ދިޔުމުން އެ ބައްޔަކީ ބިރުވެރި ނާމާން ނުރައްކާތެރި ބައްޔެއް ކަމުގައި ބަލައެވެ. އެއަށްފަހު އެ މީހަކު އެއްފަރާތް ކުރެއެވެ. އެއީ ގައިން ގަޔަށް ނާރާ ބައްޔެއްކަމުގައި ވިޔަސް މިކަންކޮށް އުޅުނީ މި ގޮތުގެ މަތިންނެވެ.

އެއްފަރާތް ކުރުމަކީ ބިރުވެރި ނުރައްކާތެރި ބައްޔެއް ޖެހުމުން ކޮށްއުޅުނު ކަމެކެވެ. ބަލި ޖެހިފައިވާ މީހާ، އަވަށާ މާދުރު މީހުން ނޫޅޭ ހިސާބަކަށް ގެންދިއުމެވެ. މި ގޮތަށް ގެންދިޔުމަށްފަހު އޭނާ ކައްކާ ކައިބޮއި ނިދާ އުޅެން ޖެހޭނީ އެ ތަނެއްގައެވެ. އެއްވެސް މުހުތާދަކު އޭނާއަކަށް އަވަށަކަށް ނާދެވޭނެއެވެ. އަދި އެހެން މީހުންވެސް ގޮސްގެން ނުވާނެއެވެ.

އެ މީހަކަށް އަލުން އަވަށަށް ނުވަތަ އެހެން މީހުންގެ ގާތަށް އާދެވެނީ އެ ބައްޔަކުން ރަނގަޅު ވުމުންނެވެ. މި ގޮތަށް އެއްފަރާތް ކުރި މީހަކަށް އަނބުރާ އާދެވުމަކީ ވަރަށް ނާދިރު ކަމެކެވެ. އެ މީހުން މަރުވުމުން އެ މީހަކު ވަޅުލަނީ އެ ތަނެއްގައެވެ. އެ މީހުން ގެނެސް ރަށުގެ މައި ގަބުރުސްތާނަކު ވަޅެއް ނުލައެވެ.

މި ގޮތަށް އެއްފަރާތް ކުރި މީހުން ބައިތިއްބާފައި ތިބި ތަންތަނުން އަޅުގަނޑުމެންނަށް ވީ އިރުވެސް މަހާނަގާތައް ފެންނަން ހުއްޓެވެ. އަދި އެމީހުން ގެންގުޅުނު ހިފައިގެންގުޅޭ ބައެއް ތަކެތިވެސް އެ ތަންތަނުގައި ކޮންމެވެސް ވަރަކަށް ހުއްޓެވެ. އޭގެ ބައެއް ތަންތަނުގެ ތެރޭގައި ބަލިހާއްޔާއި ފާތިހާ ދަނޑާއި އަދި ސޭކުބޭ ގަސްދޮށް ފަދަ ތަންތަން ފާހަގަ ކޮށްލެވެއެވެ. މީގެ ކޮންމެ ތަނަކީވެސް ވަރަށް ފަހަކަށް ޖެހޭންދެން މީހަކު ކައިރިނުވާ ބިރުވެރި ނާމާން ތަންތަނެވެ. އަދި މިތަންތަނާއި ގުޅޭ ވާހަކަތަކާއި އެތަންތަނުގައި އުޅުނު ބައެއް މީސްމީހުންގެ ވާހަކަތައް އިހުގެ މީހުން ކިޔައިދެއެވެ.

އެކިއެކި ބަލިތަކުގައި އެއްފަރާތް ކުރެވުނު މީހުން އުޅެން ޖެހުނީ ވަރަށް ނިކަމެތި އެކަނިވެރި ދިރިއުޅުމެކެވެ. އެ ދުވަސްވަރަކީ ބޮޑެތި ބިޔަ މާރަށްރަށުގައި ފަންސާހަކަށް މީހުން އުޅުނު ދުވަސްވަރެވެ. ޖަންގަލީ ވަލުތެރެއަށް އެކަނިމާއެކަނި ގަނަތެޅެން ދޫކޮށްލަނީ، އެ މީހުންނަށް ކޮންމެވެސް ބައެއްގެ އަޅާލުން އެންމެ ބޮޑަށް ބޭނުންވި ދުވަހުގައެވެ. ރާއްޖޭގެ ބައެއް ހިސާބު ތަކުގައި މި ގޮތަށް އެއްފަރާތް ކުރަން ޖެހުނު މީހުން ގެންގޮސް ބައިތިއްބާ ފަޅުރަށްރަށްވެސް ޚާއްޞަކޮށްފައި ހުރި ޒަމާނެއް ދިއައެވެ.

އެވެސް ޒަމާނެކެވެ. މިވެސް ޒަމާނެކެވެ. ޒަމާނުގެ ބާރު އޮއިވަރަކީ އިންސާނުންނަށް ބާރުފޯރުވޭނެ އެއްޗެއް ނޫނެވެ. ގެތެމުންދާ ޒަމާނުގެ ކޮންމެ ބޮޅަކީ ފަހުތިބީނަށް އެއިން ޢިބުރަތް ހާސިލު ކުރަން އޮތް އަގުހުރި ފިލާވަޅެކެވެ.

****