Advertisement

މާނޭ ގޯލު ޖެހިއިރު، ބަޔާނުން ޖަރުމަނު ސުޕަ ކަޕް 10 ވަަނަ ފަހަރަށް ކާމިޔާބުކޮށްފި

31 ޖުލައި 2022 - 06:20 0

ސުޕަ ކަޕް ތަށްޓާ އެކު މާނޭ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


މާނޭ ގޯލު ޖެހިއިރު، ބަޔާނުން ޖަރުމަނު ސުޕަ ކަޕް 10 ވަަނަ ފަހަރަށް ކާމިޔާބުކޮށްފި

31 ޖުލައި 2022 - 06:20 0

މިއުނިކް (ޖުލައި 31) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބަޔާން މިއުނިކުން ގެނައި އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާ، ސަޑިއޯ މާނޭ ޖެހި ގޯލާ އެކު 5-3 އިން އާރްބީ ލައިޕްޒިގު ބަލިކޮށް، ބަޔާން މިއުނިކުން 10 ވަނަ ފަހަރަށް ޖަރުމަނު ސުޕަ ކަޕް ކާމިޔާބުކޮށްފި އެވެ.

ބަޔާނަށް ރޭގެ މެޗުގެ 14 ވަނަ މިނިޓްގައި ލީޑުނަގައިދިނީ ޖަމާލް މުސިއާލާ އެވެ. ބަޔާންގެ ދެ ވަނަ ގޯލު ޖެހީ ސާޖް ގްނަބްރީ ނެގި ހުރަހަކުން މާނޭ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޔާނުން ތިން ވަނަ ގޯލެއް ޖެހިއިރު، މި ގޯލުގައި ވެސް މުސިއާލާ އިސް ރޯލެއް ކުޅުނެވެ. އޭނާ ދިން ބޯޅައަކުން ބަޔާނަށް ފުރަތަމަ ހާފުގައި ތިން ވަނަ ގޯލެއް ޖަހައިދިނީ ފްރާންސްގެ ފުލްބެކް، ބެންޖަމީން ޕަވާޑް އެވެ.

ދެ ވަނަ ހާފުގައި ކުޅެން އަރައި، ލައިޕްޒިގުގެ މާސެލް ހަލްސްޓެންބާގް ވަނީ ލައިޕްޒިގަށް ގޯލެއް ޖަހައިދީ އުންމީދެއް ހޯދައިދީފަ އެވެ. އެކަމަކު، އެ ގޯލު ޖެހިތާ ފަސް މިނިޓް ފަހުން ގްނަބްރީ ވަނީ ރީބައުންސް ބޯޅައެއްގައި ބަޔާންގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ.

އޭގެ ފަހުން ކްރިސްޓޮފް އެންކުންކޫގެ ޕެނަލްޓީ އާއި ޑެނީ އޮލްމޯގެ ގޯލުތަކުން ލައިޕްޒިގު ފަރަގުކުޑަކޮށްފައިވަނިކޮށް އިތުރު ވަގުތުގައި ލެރޯއި ސާނޭ ބަޔާންގެ ފަސް ވަނަ ގޯލު ޖެހި އެވެ.

ޔޫރަޕްގެ އެހެން ގައުމުތަކުގައި ވެސް ރޭ ވަނީ ސީޒަން ހުޅުވުމުގެ ސުޕަ ކަޕް ކުޅެފަ އެވެ. އެ ގޮތުން ޕޯޗުގަލްގެ ސުޕަ ކަޕްގެ ޗެމްޕިއަންކަން ޕޯޓޯ އިން 23 ވަނަ ފަހަރަށް ހޯދީ ދެ ވަނަ ޑިވިޝަންގެ ޓޮންޑޭލާ 3-0 އިން ބަލިކުރުމަށް ފަހު އެވެ.

އަޔަކްސް އިން އާ ކޯޗު އަލްފްރެޑް ޝްރޫޑާގެ އިރުޝާދުގެ ދަށުން ނެދަލެންޑްސްގެ ސުޕަ ކަޕްގައި ނުކުތީ ރޫޑް ވެން ނިސްޓެލްރޫއީ ކޯޗުކޮށްދޭ ޕީއެސްވީ އެއިންދޯވަންއާ ދެކޮޅަށެވެ. އެ މެޗުން ޕީއެސްވީ 5-3 އިން މޮޅުވިއިރު، މިއީ ޕީއެސްވީ އެ ގައުމުގެ ސުޕަ ކަޕް ހޯދި 13 ވަނަ ފަހަރެވެ. އަޔަކްސް އަށް މިދިޔަ ސީޒަނުގައި ނެދަލެންޑްސްގެ ލީގު ހޯދައިދިން ކޯޗު އެރިކް ޓެން ހާގް ވަނީ މިދިޔަ ސީޒަނަށް ފަހު މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވެފަ އެވެ.