13 ޖުލައި 2022 - 16:29 0
ބޮޑީބިލްޑިން އޭޝިއާ ފެޑެރޭޝަނާއި ބޮޑީބިލްޑިން އެސޯސިއޭޝަންގެ އިސްވެރިން އެއާޕޯޓްގައި ފޮޓޯ އަކަށް ހުއްޓިލައިގެން.-- ފޮޓޯ: ބީބީއޭއެމް
13 ޖުލައި 2022 - 16:29 0
ރާއްޖޭގައި ބާއްވާ 54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕްގެ އަންހެން ކެޓަގަރީގެ އިވެންޓްތައް ކުރިއަށްދާނީ މާލެ އަތޮޅު ކްރޮސްރޯޑްސް ރިސޯޓްގައި ކަމަށާއި ކ. މާފުށީގައި ބާއްވާނީ ފިރިހެން ޑިވިޝަނުގެ އިވެންޓްތައް ކަމަށް ބުނެފި އެވެ.
ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އާއި ޔޫތު މިނިސްޓްރީން މިއަދު މެންދުރު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ބޮޑީބިލްޑިން އޭޝިއާ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ އިވެންޓްތައް މާފުށީ ޓޫރިސްޓުން އުޅޭ ސަރަހައްދުގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާއިރު، އަންހެން އިވެންޓްތައް ހޯސްޓްކުރާނީ ކްރޮސްރޯޑްސްގައި ކަމަށެވެ.
ބީބީއޭއެމް އާއި ޔޫތު މިނިސްޓްރީން މި ނޫސްބަޔާން ނެރެފައި މިވަނީ އެކި ފަރާތްތަކުން މީހުން ދިރިއުޅޭ ރަށެއްގައި މި އިވެންޓް ހޯސްޓްކުރާތީ އެކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި އެކި މީހުން ހިޔާލުފާޅު ކުރަމުންދިޔަ ދަނޑިވަޅެއްގަ އެވެ.
ޔޫތު މިނިސްޓްރީ އާއި ބީބީއޭއެމްގެ ބަޔާނުގައި ވެސް ވަނީ މިއީ ރާއްޖޭގައި ބާއްވާ ބޮޑީބިލްޑިންގެ ބައިނަލްއަގުވާމީ ދެ ވަނަ މުބާރާތްކަން ފާހަގަކޮށްފަ އެވެ. އެ ގޮތުން އެންމެ ފުރަތަމަ ބޭއްވި މުބާރާތަކީ ސައުތު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް 2001 ވަަނަ އަހަރު ބަނޑޮހުގަ އެވެ.
ރާއްޖޭގެ 20 ވަރަކަށް އެތުލީޓުން ބައިވެރިވާ، އޭޝިއާގެ އެންމެ ބޮޑު ބޮޑީބިލްޑިން މުބާރާތް ކުރިއަށްދާނީ އަންނަ ހުކުރު ދުވަހުން ފެށިގެން ހަ ދުވަހުގެ މުއްދަތަށެވެ. އެ މުބާރާތުގައި ބައިވެެރިވާ ޑެލިގޭޓުން މިހާރު ވަނީ ރާއްޖެ އަންނަން ފަށައިފަ އެވެ.
އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް އެންމެ ފަހުން ހޯސްޓްކުރީ 2019 ވަނަ އަހަރު އިންޑޮނީޝިއާގެ ބަތާމްގަ އެވެ. ރާއްޖޭގައި އޭޝިއާގެ މައި ބޮޑީބިލްޑިން މުބާރާތް ބޭއްވުމުގެ ފުރުސަތު ލިބުނީ 2019 ވަނަ އަހަރު މުބާރާތް ބާއްވަންކުރި ބިޑް ކާމިޔާބުކޮށްގެންނެވެ. އެކަމަކު، ކޮވިޑް-19 އާއި އެކިއެކި ސަަބަބުތަކާ ހުރެ މި އަހަރަށް ފަސްކުރަން ޖެހުނީ އެވެ.
އޭޝިއާ ބޮޑީބިލްޑިން މުބާރާތުގެ ލޯގޯ ރަސްމީކޮށް ލޯންޗްކުރުމަށް ބޭއްވި އިވެންޓްގައި ވާހަކަ ދައްކަަވަމުން (ބީބީއޭއެމް)ގެ ރައީސް އިބްރާހިމް ހަމީދު (އިއްބެ) ވިދާޅުވީ މިއީ ބޮޑީބިލްޑިން އިން ރާއްޖެ ހޯދަމުން އަންނަ ރަން ވަނަތައް އަމިއްލަ ގައުމުގައި ދައްކާލަން ލިބޭ ބޮޑު ފުރުސަތެއް ކަމަށެވެ.
ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވީ މިއަދުގެ ސަރުކާރުން ކުޅިވަރަށް އިއްގިލާބީ ބަދަލު ގެންނަން ކުރާ މަސައްކަތުގައި ބޮޑީބިލްޑިން ފަދަ ކުރިން އެހާ ބޮޑު ސަމާލުކަމެއް ނުލިބި އޮތް ކުޅިވަރުތަކުން ބޮޑެތި މުބާރާތްތައް ރާއްޖޭގައި ހޯސްޓްކުރުމަކީ ކުޅިވަރަށް މި ސަރުކާރުން ދޭ އަހައްމިއްޔަތުކަން ސާފުކޮށް ފެންނަން އޮތް ސަބަބެއް ކަމަށެވެ.
ބޮޑީބިލްޑިން އަކީ ރާއްޖެ އަށް ގިނަ ރަން މެޑަލްތަކެއް ގެނެސްދީފައިވާ ކުޅިވަރެކެވެ. އޭޝިއާގެ މުބާރާތުން ވެސް ރާއްޖެ ވަނީ ރަން މެޑަލް ހޯދައިފަ އެވެ. އަމިއްލަ ގައުމުގައި އޭޝިއާގެ ބޮޑު މުބާރާތް ބޭއްވުމުން ދިވެހި ބޮޑީބިލްޑަރުންނަށް ކާމިޔާބު ހޯދުމަށް ފަސޭހަވެގެންދާނެ އެވެ. މީގެ ކުރިން ބީބީއޭއެމުން މި ފަހަރުގެ އޭޝިއާ މުބާރާތަށް ކަނޑައެޅި ރާއްޖޭގެ މެޑަލް ޓާގެޓަކީ 10 އެކެވެ. އެކަން ހާސިލްވެއްޖެނަމަ މިއީ ބޮޑީބިލްޑިން ތާރީހުގައި ރާއްޖެ އަށް އެންމެ ކާމިޔާބު މުބާރާތަށް ވާނެ އެވެ.
Comment