10 ޖުލައި 2022 - 13:47 2
ފާތިމަތު އަޖްފާން
ހިންމަފުށިން އަތުލައިގެން ބަނގުރާފުޅިތައް-- ފޮޓޯ: ޕޮލިސް
10 ޖުލައި 2022 - 13:47 2
މިދިޔަ ތިން ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގެންފި އެވެ.
މި އޮޕަރޭޝަންތައް ހިންގާފައި ވަނީ ކ.ހިންމަފުށި، ކ.މާފުށީގެ އިތުރުން ގއ.ވިލިނގިލީގަ އެވެ.
ފުލުހުން ބުނީ އޮޕަރޭޝަންތަކުގެ ތެރެއިން ހިންމަފުށީގައި ރޭ ދަންވަރު ހިންގި އޮޕަރޭޝަނަކީ އީދު ބަންދާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ.
އެ އޮޕަރޭޝަނުގައި، އެ ރަށުގެ ކެފޭއެއްގެ ކައިރީގައި ހުރި ގަސްތަކެއް ކައިރި ބަލައި ފާސްކުރިއިރު 71 ފުޅި ބަނގުރާ ހޯދާފައިވެ އެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
މާފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މިދިޔަ ބުރާސްފަތި ދުވަހު 33 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރު ކޮށްފައި ވަނީ މާފުށީގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނެއްގައި، އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 58 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާތީ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ވަނީ 15 ދުވަސް ޖަހާފަ އެވެ.
އެ ދެ ރަށުގެ އިތުރުން، ވިލިނގިލީގައި ހައްޖު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނަކީވެސް އީދު ބަންދާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.
އެ އޮޕަރޭޝަނުގައި، އެ ރަށު ހިއްކި ސަރަހައްދުގައި ހުރި ފަޅު ގެއެއް ބަލައިފާސްކުރިއިރު ހަ ދަޅު ބިޔަރު ވަނީ ހޯދާފަ އެވެ. މި މައްސަލައާ ގުޅިގެން ވެސް މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment