3 ޖުލައި 2022 - 09:09 0
މި ފަހަރުގެ ވިމްބަލްޑަންގެ މެޗެއްގެ ތެރެއިން ސްވިއަޓެކް.-- ފޮޓޯ: އޭއެފްޕީ
3 ޖުލައި 2022 - 09:09 0
ލަންޑަން (ޖުލައި 3) - ވިމްބަލްޑަން ޓެނިސް މުބާރާތުގެ ތިން ވަނަ ބުރުން ފްރާންސްގެ އެލީޒް ކޯނޭޓް އަތުން ބަލިވެ، ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް، ޕޮލެންޑްގެ އީގާ ސްވިއަޓެކްގެ މޮޅުވުމުގެ ސިލްސިލާ އަށް 37 މެޗަށް ފަހު ނިމުން އަތުވެއްޖެ އެވެ.
ސްވިއަޓެކް މިދިޔަ މަހު ފްރެންްޗް އޯޕަން ކާމިޔާބުކުރީ ފައިނަލުގައި އެމެރިކާގެ 18 އަހަރުގެ ކުޅުންތެރިޔާ ކޯކޯ ގޯފް ބަލިކޮށްފަ އެވެ. ގޯފް ވެސް ވިމްބަލްޑަން އިން ކެޓީ ތިން ވަނަ ބުުރުންނެވެ. ދުނިޔޭގެ 37 ވަނަ އަށް ރޭންކް ކުރެވިފައި އޮތް ކޯނޭޓް އިއްޔެގެ މެޗުގައި ވަނީ 6-4، 6-2 އިން ސްވިއަޓެކްގެ މައްޗަށް ކާމިޔާބު ހޯދައިފަ އެވެ. ގޯފް ބަލިވީ އެމެރިކާގެ 20 އަހަރުގެ ކުޅުންތެރިޔާ، އަމަންޑާ އަނިސިމޯވާ އަތުންނެވެ. އެއީ ދެ ގަޑިއިރަށް ވުރެ އިތުރަށް ދިގުދެމިގެންދިޔަ މެޗުގައި 6-7(4) 6-2 6-1 އިން ސެޓުތައް ގޮސްގެންނެވެ.
އެންމެ ފަހުން ސްވިއަޓެކް ޓެނިސް ރަސްމީ މެޗަކުން ބަލިވީ މި އަހަރުގެ ފެބްރުއަރީ މަހު ދުބާއީގަ އެވެ. އޭގެ ފަހުން ފްރެންްޗް އޯޕަން ހިމެނޭ ގޮތަށް ޖެހިޖެހިގެން ހަ މުބާރާތުގެ ތަށި ކާމިޔާބުކުރިއިރު، މި ފަހަރުގެ ވިމްބަލްޑަންގެ ފޭވަރިޓެއްގެ ގޮތުގައި މީހުން ދެކެމުން އައީ ވެސް ސްވިއަޓެކް އެވެ.
"އަހަންނަށް އެނގޭ ރަނގަޅަށް ނުކުޅެވޭކަން. މި ލެވަލްގެ މުބާރާތެއްގައި ދަށްކޮށް ކުޅެވޭނަމަ ނަތީޖާ ނެރެން އުނދަގޫވާނެ. މިއީ އޭގެ ދުވަހެއް، މިއީ ޔަގީނުން ވެސް އަހަރެންގެ ދަށް ދުވަހެއް،" އުމުރުން 21 އަހަރުގެ ސްވިއަޓެކް ބުންޏެވެ.
ސްވިއަޓެކް ކަޓުވާލި ކޯނޭޓް، 32، މީގެ ކުރިން ގްރޭންޑް ސްލޭމް މުބާރާތެއްގައި ރޭންކިން އަށް ބަލާއިރު އެ ވަގުތެއްގައި މަތީ ލެވަލްގެ ޓެނިސް ކުޅުންތެރިއެއް އަތުން ވިމްބަލްޑަންގައި މޮޅުވީ 2014 ވަނަ އަހަރު ސެރީނާ ވިލިއަމްސް އަތުންނެވެ.
ކޯނޭޓް ވަނީ މި އަހަރު އެންމެ ފުރަތަމަ ބޭއްވި ގްރޭންޑް ސްލޭމް، އޮސްޓްރޭލިއަން އޯޕަންގެ ކުއާޓާ ފައިނަލުގައި ވާދަކޮށްފަ އެވެ. އެ މުބާރާތުގެ ކުއާޓާ އިން ފުރުސަތު ހޯދީ ކުރިން ދުނިޔޭގެ އެއް ވަނައިގައި އޮތް ސިމޯނާ ހައެޕް ކަޓުވާލައިފަ އެވެ.
ވިމްބަލްޑަންގެ ފިރިހެން ސިންގަލްސްގައި އިއްޔެ ކުޅުނު ތިން ވަނަ ބުރުގެ މެޗުން، އޮސްޓްރޭލިއާގެ ނިކް ކިރްގިއޯސް ވަނީ ފަހަތުން އަރައި، ގްރީސްގެ ސްޓެފާނޯސް ސިޓްސިޕާސް ބަލިކޮށްފަ އެވެ. ކިރްގިއޯސްގެ އިތުރުން ވިމްބަލްޑަންގެ ހަތަރު ވަނަ ބުރުން ރަަފައެލް ނަޑާލާއި ނޮވަކް ޖޮކޮވިޗް، ޖެކް ސިނާ އަދި ކާލޯސް އަލްކަރާޒް ވެސް ވަނީ ފުރުސަތު ހޯދައިފަ އެވެ.
Comment