Advertisement

ރިލްވާނާއި ޔާމީންގެ މަރު: އިސޫ، އަހަނދު، މުއާގެ މައްސަލަ ޕީޖީގެ މަޝްވަރާއަށް ހުށަހަޅައިފި

2 ޖުލައި 2022 - 12:08 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރިލްވާންގެ މައްސަލާގައި މި ފަހުން ހައްޔަރުކުރި މީހުން: މި މައްސަލާގައި ޕީޖީގެ މަޝްވަރާއަށް ވަނީ ހުށަހަޅާފައި -- ފޮޓޯ: އަދަދު ފައިލް


ރިލްވާނާއި ޔާމީންގެ މަރު: އިސޫ، އަހަނދު، މުއާގެ މައްސަލަ ޕީޖީގެ މަޝްވަރާއަށް ހުށަހަޅައިފި

2 ޖުލައި 2022 - 12:08 0

ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނަގައި މަރާލި މައްސަލަ އަދި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކޮށް މިދިޔަ އާދީއްތަ ދުވަހު ހައްޔަރުކުރި މީހުންގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މަޝްވަރާއަށް ހުށަހަޅައިފި އެވެ.

މަރުތައް ތަހުގީގު ކުރަން އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަނުގެ ތަހުގީގަށް ފަހު ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައި ވަނީ އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ) އާއި އަހުމަދު އިސްމާއިލް (ބުރު އަހަނދު) އަދި އަހުމަދު މުއާޒް (ގަޓު މުއާ) އެވެ. އެ މީހުންގެ މައްސަލަތައް މިހާރު އޮތީ ޕީޖީ އޮފީހަށް ލިބިފައި ކަމަށް އެ އޮފީހުން ޔަގީންކޮށްދިނެވެ.

"ޕީޖީ އޮފީހުގެ މަޝްވަރާއަށް ރިޔާސީ ކޮމިޝަނުން ހުށަހަޅާފައިވޭ، އެ ތިން މީހުންގެ މައްސަލަ ވެސް ޑިއުޓީ ޕްރޮސެކިއުޝަންގެ ތެރެއިން މި އޮފީހުން ގެންދާނީ ކޮންމެ މަރުހަލާއެއްގައި ވެސް މި އޮފީހުގެ މަޝްވަރާއާއި ލަފާ ދެމުން،" ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް، ޕަބްލިކް ޕްރޮސެކިއުޓަރު އަހްމަދު ޝަފީއު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

އެ ތިން މީހުން ވެސް ވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ހާއްސަ ގާނޫނުގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

އިސޫއަކީ މާރާމާރީ ހިންގުމާއި ޓެރަރިޒަމްގެ އަމަލެއްގެ ތުހުމަތުގައި އަދި މުދަލަށް ގެއްލުންދިނުމުގެ ތުހުމަތުގައި މީގެ ކުރިން ހައްޔަރު ކުރި މީހެކެވެ. އަދި ސީރިޔާގެ ހަނގުރާމައަށް ދާން އުޅެނިކޮށް ކަމަށް ތުހުމަތުކޮށް ތުރުކީ ބޯޑަރު ކައިރިން 2015 ވަނަ އަހަރު ވެސް އޭނާ ހައްޔަރުކޮށްފައިވެ އެވެ.

އަހަނދުއަކީ ނުރައްކާތެރި ހަތިޔާރު ހިފައިގެން މާރާމާރީ ހިންގުމުގެ ތުހުމަތުވާ މައްސަލަތަކެއްގައި މީގެ ކުރިން ހައްޔަރުކޮށްފައި ހުރި މީހެކެވެ. އަދި މުއާއަކީ ވައްކަމާއި ފޭރުމާއި މާރާމާރީގެ މައްސަލަތަކުގައި މީގެ ކުރިން ހައްޔަރުކޮށްފައި ހުރި މީހެވެ.

މިނިވަން ނޫހުގައި މަސައްކަތް ކުރި ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައި ވަނީ އޯގަސްޓް 7، 2014 ގަ އެވެ. ޓެރަރިސްޓު ޖަމާއަތް އައިސިސް އަދި އަލް-ގައިދާ އަށް ނިސްބަތްވާ ދިވެހި ބަޔަކު ރިލްވާން މަރާލުމަށްފަހު ކަނޑު ފެއްތި ކަމަށް މަރު ކޮމިޝަނުން ބުނެފައި ވަނީ ވެސް ސެޕްޓެމްބަރު، 2019، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ރިލްވާން މަރާލީ އޭނާއަކީ މުރުތައްދެއް ކަމަށް ކަނޑައަޅައި އެ ޖަމާއަތް ތެރޭގައި ހުކުމް ކުރުމަށްފަހު ދީނުގެ ނަމުގައި ކަމަށް ވެސް ރިޔާސީ ކޮމިޝަނުން ބުންޏެވެ. އަދި ރިލްވާން މަރާލީ ޝަހާދަތުގެ ދެކަލިމަ އޭނާ ކިޔައި ކިޔައި އޮއްވާ ކަމަށް ވެސް ކޮމިޝަނުން ބުނެފައިވެ އެވެ.

ބްލޮގަރު ޔާމީން ރަޝީދު މަރާލީ ރިލްވާންގެ މައްސަލައިގައި އިންސާފު ހޯދުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރަމުންދަނިކޮށް އޭޕްރީލް 23، 2017 ގަ އެވެ. އޭނާ މަރާލި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެފަ އެވެ.