Advertisement

އަޔަކްސްގެ އެންތަނީ ހޯދުމުގެ ރޭހުގައި ޔުނައިޓެޑަށް ކުރިއެރުމެއް

23 ޖޫން 2022 - 08:11 0

އަޔަކްސްގެ ބްރެޒިލް ވިންގް އެންތަނީ: އޭނާގެ ސޮއި ހޯދަން ޔުނައިޓެޑުން އަންނަނީ މަސައްކަތް ކުރަމުން.


އަޔަކްސްގެ އެންތަނީ ހޯދުމުގެ ރޭހުގައި ޔުނައިޓެޑަށް ކުރިއެރުމެއް

23 ޖޫން 2022 - 08:11 0

މެންޗެސްޓާ (ޖޫން 23) - މެންޗެސްޓާ ޔުނައިޓެޑުން އަޔަކްސްގެ ބްރެޒިލް ވިންގް، އެންތަނީ ހޯދުމުގެ ރޭހުގައި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޔުނައިޓެޑްގެ ކޯޗުކަމާ އަޔަކްސްގެ ކުރީގެ ކޯޗު އެރިކް ޓެން ހާގް ހަވާލުވުމަށް ފަހު އޭނާއާ އެކު އަޔަކްސްގައި މަސައްކަތް ކުރި ބައެއް ކުޅުންތެރިން ގެންނަން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން ޓެން ހާގް އަޔަކްސް އިން ގެންނަން ބޭނުންވާ ކުުޅުންތެރިންގެ ލިސްޓުގައި އޮތީ އެންތަނީ އެވެ. ދެން އެ ލިސްޓުގައި ހިމެނެނީ ނެދަލެންޑްސްގެ ޑިފެންޑަރު ޔޫރިއަން ޓިމްބާ އާއި މެކްސިކޯގެ ޑިފެންޑަރު އެޑްސަން އަލްވާރޭޒް އެވެ.

މީގެ ތެރެއިން ނެދަލެންޑްސްގެ ޑިފެންޑަރު، ޓިމްބާ، ޔުނައިޓެޑަށް ގޮސްގެން އެ ޓީމުން ކުޅެން ފުރުސަތު ނުލިބޭނަމަ ނެދަލެންޑްސް ގައުމީ ޓީމުން ފުރުސަތު ހޯދަން އުނދަގޫވާނެ ކަމަށް އެ ޓީމުގެ ކޯޗު، އަދި ޔުނައިޓެޑަށް ކުރިން އިރުޝާދުދިން ލުއީ ވެން ހާލް ވަނީ ބުނެފަ އެވެ. އަލްވާރޭޒް ގެނައުމުގެ ވިސްނުމާ މެދު ޔުނައިޓެޑްގެ ޓެކްނިކަލް ޓީމުގެ ހިޔާލު ދެކަފި އެވެ. އެކަމަކު، މުޅި ޓީމުން ވެސް އެންތަނީ ހޯދަން ބޭނުންވެ އެވެ.

ރިޕޯޓްތައް ބުނާގޮތުން އަޔަކްސް އޮތީ 45 މިލިއަން ޑޮލަރުގެ ފީއެއް ދީފިނަމަ އެންތަނީ، 22، ވިއްކާލަން ތައްޔާރަށެވެ. އެންތަނީ ވަނީ ޔުނައިޓެޑްގެ ހުށަހެޅުން ގަބޫލުކުރަން ނިންމައިފަ އެވެ. އެ ގޮތުން ޔުނައިޓެޑަށް ކުޅޭ ބްރެޒިލްގެ މިޑްފީލްޑަރު ފްރެޑްގެ ލަފާ ވެސް ވަނީ ހޯދައިފަ އެވެ.

ބްރެޒިލްގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ބްރެޒިލް ގައުމީ ޓީމުގެ ކޯޗު ޓީޓޭ ވަނީ އެންތަނީގެ ކިބައިގައި ހުރި ބައެއް ހުނަރަކީ ބްރެޒިލްގެ ތަރި ނޭމާގެ ފަރާތުން ފެންނަ ކަންކަން ކަމަށެވެ. އަދި އެންތަނީ ޔޫރަޕްގެ ވަރުގަދަ ކްލަބަކަށް ކުޅޭނަމަ ގިނަ ބަޔެއްގެ ލޮލުގައި އޭނާ އަޅައިގަންނާނެ ކަމަށް ޓީޓޭ ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރު ބްރެޒިލުން އޮލިމްޕިކްސް ރަން މެޑަލް ދިފާއުކުރި ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އެންތަނީ ހުރީ މިދިޔަ ސީޒަނުގައި އަޔަކްސްގައި ވެސް ތަފާތު ފޯމެއްގަ އެވެ. މިދިޔަ ސީޒަނުގައި އެންތަނީ ވަނީ 32 މެޗުން 12 ގޯލު ޖަހައި 10 ގޯލު ޖަަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ޔުނައިޓެޑުން މިހާތަނަށް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ކުރަން ބޭނުންވި އެއްވެސް ކަމެއް އަދި ހާސިލެއްނުވެ އެވެ. އެ ގޮތުން ޔުނައިޓެޑުން ހިލޭ ޓްރާންސްފާއެއްގައި ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސެން ގެންނަން ކުރި މަސައްކަތް އަދި ކާމިޔާބެއްނުވާއިރު، ބާސެލޯނާގެ ފްރެންކީ ޑި ޔޯން ވަނީ ޔުނައިޓެޑްގެ ހުށަހެޅުން ގަބޫލުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ބުނެފަ އެވެ. ޔުނައިޓެޑުން ހޯދަން މަސައްކަތް ކުރި ބެންފީކާ އަށް ކުޅުނު އުރުުގުއޭ ފޯވާޑް ޑާވިން ނޫނޭޒް ބަދަލުވީ ލިވަޕޫލަށެވެ.