23 ޖޫން 2022 - 09:15 0
ނާޒިމް ހަސަން
އއ. ބޮޑުފުޅަދޫ މެޖިސްޓްރޭޓް ކޯޓުގެ އެތެރޭގައި ރައީސް ސޯލިހް: ކޯޓުތަކުގެ ނިޒާމަށް އާ އިސްލާހާއެކު ބޮޑެތި ބަދަލުތަކެއް އަންނާނެ
23 ޖޫން 2022 - 09:15 0
ސަރުކާރުގެ ފަރާތުން ކޯޓުތަކުގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ވަނީ ހުށަހަޅާފަ އެވެ; މި އިސްލާހު އޮތް ގޮތަށް ފާސްވެއްޖެނަމަ, މުޅި ޖުޑިޝަރީގެ ނިޒާމް އެކީ ބަދަލުވެގެން ދާނެ އެވެ.
ގާނޫނާއެކު އަންނާނޭ ބައެއް ބަދަލުތަކުގެ ތެރޭގައި، ޑިސްޓްރިކްޓް ކޯޓު އުފެދުމާއި، މިހާރު ހިންގަމުންދާ މެޖިސްޓްރޭޓް ކޯޓުތަކަށް އަންނަ ބަދަލުތައް ހިމެނެ އެވެ. މީހުން ދިރިއުޅޭ ކޮންމެ ރަށެއް, އެއީ ކިތަންމެ މީސްކޮޅު މަދު ރަށެއް ނަމަވެސް, މިހާރު އޮންނަ ގޮތުން މެޖިސްޓްރޭޓް ކޯޓަކާއި މެޖިސްޓްރޭޓަރަކު އެ ރަށަކު ހުންނާނެ އެވެ. އެކަމަކު, އާ އިސްލާހު ފާސްވެއްޖެނަމަ, އެކަން ބަދަލުވެ މެޖިސްޓްރޭޓުން ނުތިބޭނެ ރަށްތަކެއް ކަނޑައެޅިގެން ދާނެ އެވެ.
އެކަން ކަނޑައެޅުމުގެ ބާރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އޮތްއިރު, މި އަންނަނީ އެއާމެދު ފުންކޮށް މަޝްވަރާކޮށް ބަހުސް ކުރަން ޖެހޭނެ ފަދަ ބަދަލުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.
"ބޮޑު ބަދަލެއް މި ބިލުން އެބަ ގެނެސްދޭ, ރާއްޖޭގެ ރަށްތަކަށް ނިސްބަތްވާ މެންބަރުން މި ބިލަށް ބަހުސް ކުރެއްވުން މުހިންމު, އެ ރަށްތަކުގެ ކޯޓުތަކުގެ ނިޒާމަށް ބަދަލުތަކެއް އެބަ އާދޭ," މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުގައި, ސުޕީރިއާ (ދަށު) ކޯޓުތައް އެކުލެވިގެން ވަނީ މާލޭގެ ހަތަރު ކޯޓާއި (ކުރިމިނަލް ކޯޓު, ސިވިލް ކޯޓު, ޑްރަގް ކޯޓު, ޖުވެނައިލް ކޯޓު) އާއި ޑިސްޓްރިކްޓް ކޯޓުތަކެވެ. އާބާދީއަށް ބަލައިގެން އަލަށް ވުޖޫދުކުރާ ޑިސްޓްރިކްޓް ކޯޓުތައް ކަނޑައަޅާނީ ޖޭއެސްސީގެ ލަފާގެ މަތިން, އުއްތަމަ ފަނޑިޔާރުގެ ގަރާރަކުންނެވެ.
ޑިސްޓްރިކްޓް ކޯޓެކޭ އެއްގޮތަށް މާލޭގައި ހުރި ހަތަރު ސުޕީރިއާ ކޯޓުތަކުގެ ޑިވިޝަންތައް ވެސް އާބާދީ އާއި މައްސަލަ ހުށަހެޅޭ ނިސްބަތަށް ބަލައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމް ކުރެވޭނެ އެވެ. އޭރަށް ސުޕީރިއާ ކޯޓުގެ އިހްތިސޯސް އޮންނަ ސަރަހައްދީ މައްސަލަތައް ހުށަަހަޅަން ޖެހޭނީ އެ ޑިވިޝަނަކަށެވެ. އެއް ރަށެއްގައި ހަތަރު ސުޕީރިއާ ކޯޓުގެ ހަތަރު ޑިވިޝަން ގާއިމްވެއްޖެނަމަ, އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓު އުވޭނެ އެވެ.
ހަމައެގޮތަށް އެ ރަށެއްގައި ޑިސްޓްރިކްޓް ކޯޓު އުފެއްދުމާއެކު, އެ ސަރަހައްދެއްގައި މެޖިސްޓްރޭޓް ކޯޓު އުވިގެންދާނެ އެވެ. މިހާރު ބިލް އޮތް ގޮތުން އައްޑޫ ސިޓީގެ މެޖިސްޓްރޭޓް ކޯޓުތަކާއި ހދ. އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތައް އުވޭނެ އެވެ; އެއީ, އެ ދެ ސިޓީގައި ޑިސްޓްރިކްޓް ކޯޓު ގާއިމްކުރަން ނިންމާފައި އޮތުމުންނެވެ.
ސަރަަހައްދީ މެޖިސްޓްރޭޓް ކޯޓުތަކަށް އޮތް އިހްތިސޯސްއާއެކު, ސުޕީރިއާ ކޯޓެއްގެ ގޮތުގައި މައްސަލަތަކުގެ ޝަރީއަތްތައް ޑިސްޓްރިކްޓް ކޯޓަށް ހިންގޭނެ އެވެ. އެ ކޯޓުގައި ތިބޭނެ ފަނޑިޔާރުންގެ އަދަދު ކަނޑައަޅާނީ ޖޭއެސްސީންނެވެ. މި ބަދަލާއެކު މިހާރު ސުޕީރިއާ ކޯޓުތަކަށް ހުށަހަޅަން ޖެހޭ މައްސަލަތައް މާލޭގެ ކޯޓުތަކަށް އެކަނި ހުށަހެޅުން ނިމުން އަންނާނެ އެވެ.
ބިލް ފަރުމާކޮށްފައި އޮތް ގޮތުން ޖުޑިޝަރީ ހިންގާނީ މުޅި ރާއްޖެ ތިން ޑިސްޓްރިކްޓަށް ބަހާލައިގެންނެވެ.
އެގޮތުން, އިސްލާހާއެކު އުފަންވާނީ މާލޭ ޖުޑީޝަލް ޑިސްޓްރިކްޓް, ކުޅުދުއްފުށީ ޖުޑީޝަލް ޑިސްޓްރިކްޓް އަދި އައްޑޫ ޖުޑީޝަލް ޑިސްޓްރިކްޓެވެ. -- މާލޭ ޖުޑީޝަލް ޑިސްޓްރިކްޓްގައި ހިމެނޭނީ މާލޭގެ ހަތަރު ސުޕީރިއާ ކޯޓާއި މާލޭ ދާއިރާގައި ހިމެނޭ ސާކިޓްތަކަށް ނިސްބަތްވާ މެޖިސްޓްރޭޓް ކޯޓުތަކެވެ.
އިސްލާހުގައި ބުނެފައިވާ ގޮތުން, ކޮންމެ ޖުޑީޝަލް ދާއިރާއެއްގައި ސާކިޓްތަކެއް ހުންނަން ޖެހޭނެ އެވެ; ސާކިޓަކީ ކޮންމެ ޖުޑީޝަލް ދާއިރާއެއްގައި އިދާރީ ބޭނުމަށްޓަކައި ޖޭއެސްސީން ކަނޑައަޅާ ވަކި ދާއިރާއެކެވެ.
ކުޅުދުއްފުށީ ޖުޑީޝަލް ޑިސްޓްރިކްޓް އޮންނާނީ, ކުޅުދުއްފުށީ ޑިސްޓްރިކްޓް ކޯޓާއި ހދ. ޖުޑީޝަލް ދާއިރާގައި ހިމެނޭ ސާކިޓްތަކަށް ނިސްބަތްވާ މެޖިސްޓްރޭޓް ކޯޓުތަކެވެެ. އައްޑޫ ސިޓީ ވެސް ހަމަ އެހެނެވެ.
މާލެ, އަދި ޑިސްޓްރިކްޓް ކޯޓު ހުންނަ ރަށްތައް ނޫން އެހެން ކޮންމެ ރަށެއްގައި މެޖިސްޓްރޭޓް ކޯޓެއް ހުންނަން ޖެހޭނެ އެވެ. އެކަމަކު, އެއިން ކޮންމެ ކޯޓެއްގައި މެޖިސްޓްރޭޓަކު ގާއިމުވެ ހުންނަން ނުޖެހެ އެވެ.
"...މެޖިސްޓްރޭޓް ކޯޓުތަކެއް ނިސްބަތްވާ ސާކިޓެއްގައި ހިމެނޭ ރަށްރަށުގެ ތެރެއިން ގާއިމްވެ ހުންނަ މެޖިސްޓްރޭޓެއް ހުންނާނެ ރަށްތައް ކަނޑައަޅާނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން," އިސްލާހުގައިވެ އެވެ.
އެގޮތުން, މެޖިސްޓްރޭޓަކު ގާއިމްވެ ނުހުންނަ ރަށްރަށުގައި ޝަރީއަތް ހިންގާނީ, އިސްލާހުގައި ލިޔެފައިވާ ގޮތުން އެ ސާކިޓަށް ނިސްބަތްވާ މެޖިސްޓްރޭޓުންގެ ތެރެއިން ޖޭއެސްސީން ކަނޑައަޅާ މެޖިސްޓްރޭޓެކެވެ. އެހެންކަމުން, މެޖިސްޓްރޭޓަރަކު ގާއިމްވެ ނުހުންނަ ރަށްރަށުގައި ޝަރީއަތްތައް ހިންގާނެ އުސޫލަކީ, މިހާރު ހައިކޯޓުގެ އުތުރު އަދި ދެކުނު ގޮފީގައި ޝަރީއަތް ހިންގާ އުސޫލެވެ; ފަނޑިޔާރުން ވަޑައިގެން ޝަރީއަތްތައް ބޭއްވުމެވެ.
މަޖިލިސް މެންބަރުންތަކެއް: ޖުޑިޝަރީ އިސްލާހު ކުރުމަކީ އެމްޑީޕީގެ ބޮޑު ވައުދެއް
މިއީ, މިއިން ޒަމާނަކު ވެސް ޖުޑިޝަރީގެ ނިޒާމަށް ނުގެންނަ އިންގިލާބީ ބަދަލެއްކަން ފާހަގަ ކުރައްވަމުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވި ގޮތުގައި, ރާއްޖޭގެ އުތުރާއި ދެކުނުގައި ސުޕީރިއާ ކޯޓުތައް ކަނޑައެޅިގެން ދިޔުމަކީ ރަނގަޅު ބަދަލެކެވެ. އެކަމަކު, އޭނާ އުއްމީދުކުރެއްވި ގޮތުގައި ޑިސްޓްރިކްޓް ކޯޓުތައް ވުޖޫދުވެގެން އަންނާނީ އެއަށްވުރެ އިތުރަށެވެ.
"...މިސާލަކަށް މެދުރާއްޖެތެރެއަށް ވަކި ރަށެއްގަ ޑިސްޓްރިކްޓް ކޯޓެއް ގާއިމްކުރާ ކަހަލަ ގޮތަށް, އެ އުސޫލެއް ނޫން މިއޮތީ, އެ ގޮތް ގާއިމް ނުވެ, މި ގޮތް ގާއިމްވުމަކީ ކޮންމެ ވެސް ވަރެއްގެ ރަނގަޅެއް, އެކަމަކު މި ދަންނަވާ ގޮތް އެއީ އަޅުގަނޑަށް ފެންނަ އެންމެ ރަނގަޅު ގޮތް," ޝަފީގު ވިދާޅުވި އެވެ.
ޝަފީގު ވިދާޅުވި ގޮތުގައި, ކޮންމެ ރަށެއްގައި މިހާރު މެޖިސްޓްރޭޓަކު ހުންނެވި ނަމަވެސް, އެކި ރަށްރަށުގައި މައްސަލަތައް ހުންނަނީ އެކި ވަރަށެވެ. ބައެއް ރަށްރަށުގައި މައްސަލަތައް މަދު އިރު, އަނެއް ބައި ރަށްރަށުގައި އެއް މެޖިސްޓްރޭޓަކަށް ބެއްލެވޭ ވަރަށްވުރެ މައްސަލަތައް ގިނަ އެވެ.
"...އެހެންނަމަވެސް މި އިސްލާހުގެ ސަބަބުން މައްސަލަތައް ގިނަ ރަށަކަށް އެހެން ގާޒީން ވެސް ވަޑައިގެން މައްސަލަތައް ބެލޭނެ ފުރުސަތު އެބަ ފަހިވޭ," ޝަފީގު ވިދާޅުވި އެވެ.
ބިލަށް ބަހުސް ކުރައްވަމުން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުالله ފާހަގަ ކުރެއްވި ކަންބޮޑުވުމަކީ, ސުޕީރިއާ ކޯޓުތަކަށް އިހްތިސޯސް އޮންނަ މައްސަލަތަކުގައި އުތުރުގެ މައްސަލަތައް ކުޅުދުއްފުށީ ޑިސްޓްރިކްޓް ކޯޓަށް އަދި, ދެކުނުގެ މައްސަލަތައް އައްޑޫ ޑިސްޓްރިކްޓް ކޯޓަށް ހުށަހަޅަން ޖެހޭ ގޮތަށް އޮތުމެވެ.
ޔައުގޫބު ވިދާޅުވީ, ރާއްޖޭގެ ހާލަތު އޮތް ގޮތުން އެ "އޮޕްޝަން ލޮކްކޮށްފައި" އޮތުމުގެ ބަދަލުގައި އެކަން އިހްތިޔާރީ ގޮތެއްގަައިކަން ބާއްވަން ޖެހެ އެވެ. އޭނާ އެދެނީ ރައްޔިތުންނަށް ފުރުސަތުތައް ބޭއްވުމެވެ; އެގޮތުން އުތުރުގެ މައްސަލަތައް މާލެއަށް ނޫނީ ކުޅުދުއްފުއްޓަށް, ދެކުނުގެ މައްސަލަތައް މާލެ ނޫނީ އައްޑޫއަށް ހުށަހަޅާ ގޮތަށް ބޭއްވުމެވެ.
އެހެން ނޫންނަމަ, ރައްޔިތުންނަށް ދިމާވާނީ މާބޮޑު ތަކުލީފުތަކެއް ކަމަށް ޔައުގޫބު ވިދާޅުވި އެވެ. އެހެން އޭނާ ވިދާޅުވާ ސަބަބަކީ, ދަތުރުފަތުރުގެ ނިޒާމް އޮތް ގޮތުން, އައްޑޫ ނޫނީ ކުޅުދުއްފުއްޓަށް ދަތުރުކުރުމަށްވުރެ ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް މާލެއަށް ދަތުރުކުރަން ފަސޭހަވެފައި އޮންނަ އޮތުމެވެ.
"މިސާލަކަށް މައްސަލައެއް ހުށަހަޅަން ބޭނުންވާ މީހަކު އޭނާ ދިރިއުޅޭ ތަނަކުން ދަތުރުކޮށްފައި އޭނާއަށް ފަސޭހައީ މާލެއަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުން ކަމަށްވަންޏާ އެކަން ކުރެވޭނެ ގޮތަށް މަގުފަހިވެފައި އޮތުމަކީ, އެއީ އޭނާގެ އިހްތިޔާރަށް ދޫވެފައި އޮންނަ ގޮތަކީ ފަސޭހަ ގޮތަކަށް ވާނެ ކަމަށް ގަބޫލު ކުރެވޭ," ބަރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުالله ވިދާޅުވި އެވެ.
"ތަކުލީފަކަށް ނުވެ މިކަމުގެ ސަބަބުން ހެޔޮ ބަދަލެއް ފެނިގެން ދިޔުން އެއީ އެންމެ ރަނގަޅު ގޮތް,"
އެމްޑީޕީގެ ޕީޖީގެ ޑެޕިއުޓީ ލީޑަރު ހުސެއިން ޝަހީމް ވެސް ވިދާޅުވި ގޮތުގައި, ދަތުރުފަތުރު މިހާރު އޮތް ގޮތުން މާލެއަށް ދަތުރު ކުރާ ފަދައިން އެހެން ތަންތަނަށް ދަތުރުކުރުން ފަސޭހަ އޮތް ކަމަށް ގަބޫލެއް ނުކުރެވެ އެވެ. އެކަމަކު, ދަތުރުކުރުން އެއީ ފަސޭހަ ކަމެއް ކަމަށް ރައްޔިތުން ގަބޫލުކުރާނަމަ, މި އިސްލާހުން ގެންނަ ބަދަލަކީ ރަނގަޅު ބަދަލެއް ކަމަށެވެ.
ހުސެއިން ޝަހީމް ވިދާޅުވި ގޮތުގައި, ތަކުލީފު ރައްޔިތުންނަށް އަންނަ ކަމަށްވާނަމަ, އެ ބަދަލު ގެނެވޭނެ އެވެ. މުހިންމީ, ރައްޔިތުންގެ މައްސަލަތައް ކޯޓުތަކުން އަވަހަށް ނިމިގެން ދިޔުން ކަމަށެވެ.
ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވީ, މި އިސްލާހާއެކު އޮޅުންބޮޅުންގަނޑަކަށް ދާ މަންޒަރު ފެންނަ ކަމަށެވެ; އޭނާ ގަބޫލުކުރައްވާ ގޮތުގައި މީހުން ދިރިއުޅޭ ހަމަ ކޮންމެ ރަށެއްގައި ވެސް މެޖިސްޓްރޭޓަރަކު ހުރުމަކީ މުހިންމު ކަމެކެވެ.
"...މިއަދު އަޅުގަނޑުމެން ވަކިން މޮޅު އާ ގޮތަކަށް ކުރަން އުޅިއްޖެނަމަ ނުކުންނާނެ މައްސަލަތައް އަޅުގަނޑުމެންނަށް އެބަ އެނގޭ," އަލީ ހުސެއިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި, ކޮންމެ ރަށެއްގައި ފަސް ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީ މެންބަރުން ތިބޭއިރު މެޖިސްޓްރޭޓަރަކު ކޮންމެ ރަށަކު ނުހުންނަންވީ އެއްވެސް ސަބަބެއް ނެތެވެ.
"ހަމައެކަނި މެޖިސްޓްރޭޓަރަކު ބަހައްޓަންވީމަ ދައުލަތުގެ ހަރަދު ބޮޑުވާ ވާހަކަ މި ދައްކަނީ, މިއީ އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ ކަމެއް ނޫން, ހަރަދު ކުޑަކުރަން ވިސްނާނަމަ ހިންގުމުގެ ހަރަދު ކުޑަކުރަން ވިސްނަންވީ," އަލީ ހުސެއިން ވިދާޅުވި އެވެ.
"ވަރި ކައިވެނިތަކާއި ކޮންމެ ވަގުތަކު ވެސް ނެރެން ޖެހިދާނެ ކޯޓު އަމުރުތަކަށް ކޮންމެ ރަށެއްގައި ވެސް މެޖިސްޓްރޭޓަރަކު ހުންނަން ޖެހޭ,"
އަލީ ހުސެއިން ފާހަގަ ކުރެއްވި ގޮތުގައި, މާމޮޅު ބަދަލެއް ކަމަށް ބަލައިގެން ހައިކޯޓުގެ ދެ ގޮފި, ދެ ސަރަހައްދުގައި ގާއިމުކުރުމުން ވެސް ނަތީޖާއެއް ނެތް ކަމަށެވެ. ރައްޔިތުންގެ ޝަކުވާތައް ގިނަވުން ނޫން ކަމެއް ނުވި ކަމަށެވެ.
ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވެސް ފާހަގަކުރެއްވި ގޮތުގައި, މި އިސްލާހުން ޖުޑިޝަރީގެ ހަރަދުތައް ވަކި ކުޑަވާ ތަނެއް ނުފެނެ އެވެ. ޑިސްޓްރިކްޓް ކޯޓުތަކާއެކު މެޖިސްޓްރޭޓް ކޯޓުތައް ވެސް ހުންނާނެކަން ފާހަގަ ކުރައްވަމުން ޝިޔާމް ވިދާޅުވީ, ބައެއް ރަށްރަށުގައި ހުންނާނީ ކޯޓުތަކުގެ ފާރުތައް އެކަނި ކަމަށެވެ.
"ހަތަރު ފާރު ހުރީމަ އެ ތަނުން އިންސާފު ލިބޭތޯ ދިވެހި ރައްޔިތުން ސުވާލު އުފައްދާނެ,"
ކޯޓުތަކުގެ ގާނޫނުން އަދުލުއިންސާފުގެ ނިޒާމަށް މި ގެންނަނީ އިންގިލާބީ ބަދަލެކެވެ. މިއީ ތަހުޒީބު އެހެން ބައެއް ޑިމޮކްރެޓިކް ގައުމުތަކުގައި ވެސް ކޯޓުތަކުގެ ނިޒާމު އެތުރިފައި އޮންނަ ގޮތެވެ. އަހަރަކު ދެ މައްސަލަ ބަލައި ނިޔާކަނޑައަޅަން ކޮންމެ ރަށެއްގައި މެޖިސްޓްރޭޓަކު ހުންނަން ނުޖެހޭ ގޮތަށް ގާނޫނު ބަދަލުކުރެވިގެންދާއިރު، މި ނިޒާމުގެ ކާމިޔާބު ވުން ބިނާވެފައި އޮތީ ރަނގަޅު ދަތުރުފަތުރުގެ ނިޒާމާއި، ގާބިލު ފަނޑިޔާރުން އައްޔަނުކުރެވުން ފަދަ ވަރަށް ގިނަ ޝަރުތުތައް ފުރިހަމަވެގެންނެވެ.
Comment