Advertisement

ފީނާ ވޯލްޑް ޗެމްޕިއަންޝިޕް: ރާއްޖޭން އިތުރު ތިން ރެކޯޑެއް އާ ކޮށްފި

22 ޖޫން 2022 - 08:39 0


ފީނާ ވޯލްޑް ޗެމްޕިއަންޝިޕް: ރާއްޖޭން އިތުރު ތިން ރެކޯޑެއް އާ ކޮށްފި

22 ޖޫން 2022 - 08:39 0

ހަންގޭރީގެ ބުޑަޕެސްޓްގައި ފެށި ފީނާ ވޯލްޑް ޗެމްޕިއަންޝިޕް މުބާރާތުގައި ވާދަކުރާ ގައުމީ ފެތުންތެރިންގެ ސްކޮޑުން އިތުރު ގައުމީ ރެކޯޑްތަކެއް އާ ކޮށްފި އެވެ.

މިދިޔަ ހުކުރު ދުވަހު ފެށި މުބާރާތުގައި މިހާތަނަށް ރާއްޖޭގެ ފެތުންތެރިން ވަނީ ޖުމްލަ ފަސް ގައުމީ ރެކޯޑެއް އާ ކޮށްފަ އެވެ. އެ ގޮތުން މުބާލް އައްޒާމް އިބްރާހިމް ދެ ރެކޯޑެއް އާ ކުރިއިރު، ހަމްނާ އަހުމަދާއި އައިޝަތު ސައުސަން، އަދި މުހައްމަދު އާން ހުސެއިން، ކޮންމެ ފެތުން ތެރިއަކު ވަނީ ރެކޯޑެއް އާ ކޮށްފަ އެވެ.

ފިރިހެނުންގެ ލޯންގް ކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް، މުބާލް އާ ކޮށްފައިވަނީ 05.14.91 އިން އިވެންޓް ފުރިހަމަ ކޮށްގެންނެވެ. މި އިވެންޓްގެ ގައުމީ ރެކޯޑް އެންމެ ފަހުން އާ ކޮށްފައިވަނީ ވެސް މުބާލް އެވެ. އެއީ، 2018 ވަނަ އަހަރު، އިންޑޮނީޝިއާގެ ޖަކާޓާ އާއި ޕަލެމްބަމްގައި ބޭއްވި 18 ވަނަ އޭޝިއަން ގޭމްސްގަ އެވެ. އެ މުބާރާތުގައި 400 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓް މުބާލް ފުރިހަމަ ކޮށްފައިވަނީ 05.35.41 އިންނެވެ. މި ފަަހަރުގެ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްގައި ނިބާލް މި އިވެންޓް ފުރިހަމަކުރި ޓައިމިންއާ އަޅާކިޔާއިރު، މިއީ 20.50 ސިކުންތުގެ ކުރިއެރުމެކެވެ.

މުބާލް ވަނީ ފިރިހެނުންގެ ލޯންގް ކޯސް 200 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރެކޯޑްވެސް އާ ކޮށްފަ އެވެ. މުބާލް މި ރެކޯޑް އާކޮށްފައިވަނީ 02.36.74 އިން އިވެންޓް ފުރިހަމަ ކޮށްގެންނެވެ. މި އިވެންޓް އެންމެ ފުރަތަމަ ފަތާފައިވަނީ 2019 ވަނަ އަހަރު ބޭއްވި 10 ވަނަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި އަހުމަދު އައްޒާން ޒާހިދު އެވެ. އެ މުބާރާތުގައި 200 މީޓަރ ބަޓަފްލައި އިވެންޓް އައްޒާން ފުރިހަމަ ކޮށްފައިވަނީ 03.03.11 އިންނެވެ.

ކުރިއެރުންތަކެއް ހޯދަމުން އަންނަ ފެތުންތެރިޔާ، އާން، ފިރިހެނުންގެ ލޯންގް ކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފައިވަނީ 01.05.77 އިން އިވެންޓް ފުރިހަމަ ކޮށްގެންނެވެ. މިއީ 3.30 ސިކުންތުގެ ކުރިއެރުމެކެވެ. މި އިވެންޓްގެ ގައުމީ ރެކޯޑް އެންމެފަހުން އައުކޮށްފައި ވަނީ، 2021 ވަނަ އަހަރު ބޭއްވުނު ގޯލްޑަން އޮލާންޑޯ އިވެންޓްގައި އަލީ އިމްއާން އެވެ. އިމްއާން، އެ ފަހަރު 100 ބެކްސްޓްރޯކް އިވެންޓް ނިންމީ 01.09.07 ގެ ޓައިމިން އަކުންނެވެ.

ރަނގަޅު ފޯމެއްގައި މިދިޔަ އަހަރުން ފެށިގެން ހުރި ހަމްނާ، އަންހެނުންގެ ލޯންްގް ކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އާ ކުރީ 00.34.53 އިން އިވެންޓް ފުރިހަމަ ކޮށްގެންނެވެ. މި އިވެންޓްގެ ގައުމީ ރެކޯޑް އެންމެފަހުން އާ ކުރީ ސައުސަން އެވެ. އެއީ، 2019 ވަނަ އަހަރު ބޭއްވި 18 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްސްގައި 00.35.41 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.

ރާއްޖޭގެ ގައުމީ ސްކޮޑުގައި ހިމެނޭ އެންމެ ތަޖުރިބާކާރު ފެތުންތެރިޔާ، ސައުސަން ވަނީ މި ފަހަރުގެ މުބާރާތުގައި ވެސް ރެކޯޑެއް އާ ކޮށްފަ އެވެ.

ސައުޝަން، އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އާކުރީ 01.18.76 އިން އިވެންޓް ފުރިހަމަ ކޮށްގެންނެވެ. މި އިވެންޓްގެ ގައުމީ ރެކޯޑް އެންމެފަހުން އާކޮށްފައިވަނީ ވެސް ސައުސަން އެވެ. އެއީ، 2018 ވަނަ އަހަރު ބޭއްވި 18 ވަނަ އޭޝިއަން ގޭމްސްގަ އެވެ. އެ ފަަހަރު ސައުސަންގެ ޓައިމިން އަކީ 01.18.96 އެވެ.

އެންމެ ފަހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރި ގައުމީ ސްކޮޑުގައި ހިމެނުނުނީ ހަމްނާ، ސައުސަން، އާން އަދި އިމްއާން އެވެ. މިިދިޔަ އަހަރު ޔޫއޭއީގައި ކުރިއަށްދިޔަ މުބާރާތުގައި ރާއްޖޭގެ ފެތުންތެރިން ވަނީ ނުވަ ގައުމީ ރެކޯޑެއް އާ ކޮށްފަ އެވެ.

މި ފަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕް އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.