21 ޖޫން 2022 - 07:57 0
ގައުމީ ރެކޯޑް އާކުރި ދެ ފެތުންތެރިން ކަމަށްވާ މުބާލް (ވ) އާއި ސައުސަން.
21 ޖޫން 2022 - 07:57 0
މިދިޔަ ހުކުރު ދުވަހު ހަންގޭރީގެ ބުޑަޕެސްޓްގައި ފެށި ފީނާ ވޯލްޑް ޗެމްޕިއަންޝިޕް މުބާރާތުގައި ވާދަކުރާ ގައުމީ ފެތުންތެރިންގެ ސްކޮޑުގައި ހިމެނޭ، އައިޝަތު ސައުސަން އާއި މުބާލް އައްޒާމް އިބްރާހިމް ގައުމީ ރެކޯޑެއް އާ ކޮށްފި އެވެ.
މި ފަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ސައުސަން އާއި މުބާލްގެ އިތުރުން، ދެން ރާއްޖޭން ވާދަކުރާ ފެތުންތެރިންނަކީ ހަމްނާ އަހުމަދާއި މުހައްމަދު އާން ހުސެއިން އެވެ.
ދުނިޔޭގެ އެންމެ ވަރުގަދަ މުބާރާތުގައި ވާދަކޮށް، ފިރިހެނުންގެ ލޯންގް ކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް، މުބާލް އާ ކޮށްފައިވަނީ 05.14.91 އިން އިވެންޓް ފުރިހަމަ ކޮށްގެންނެވެ.
މި އިވެންޓްގެ ގައުމީ ރެކޯޑް އެންމެ ފަހުން އާ ކޮށްފައިވަނީ ވެސް މުބާލް އެވެ. އެއީ، 2018 ވަނަ އަހަރު، އިންޑޮނީޝިއާގެ ޖަކާޓާ އާއި ޕަލެމްބަމްގައި ބޭއްވި 18 ވަނަ އޭޝިއަން ގޭމްސްގަ އެވެ. އެ މުބާރާތުގައި 400 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓް މުބާލް ފުރިހަމަ ކޮށްފައިވަނީ 05.35.41 އިންނެވެ. މި ފަަހަރުގެ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްގައި ނިބާލް މި އިވެންޓް ފުރިހަމަކުރި ޓައިމިންއާ އަޅާކިޔާއިރު، މިއީ 20.50 ސިކުންތުގެ ކުރިއެރުމެކެވެ.
ގައުމީ ސްކޮޑުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު ފެތުންތެރިޔާ، ސައުޝަން، އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އާކުރީ 01.18.76 އިން އިވެންޓް ފުރިހަމަ ކޮށްގެންނެވެ. މި އިވެންޓްގެ ގައުމީ ރެކޯޑް އެންމެފަހުން އާކޮށްފައިވަނީ ވެސް ސައުސަން އެވެ. އެއީ، 2018 ވަނަ އަހަރު ބޭއްވި 18 ވަނަ އޭޝިއަން ގޭމްސްގަ އެވެ. އެ ފަަހަރު ސައުސަންގެ ޓައިމިން އަކީ 01.18.96 އެވެ.
އެންމެ ފަހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރި ގައުމީ ސްކޮޑުގައި ހިމެނުނުނީ ހަމްނާ، ސައުސަން، އާން އަދި އިމްއާން އެވެ. މިިދިޔަ އަހަރު ޔޫއޭއީގައި ކުރިއަށްދިޔަ މުބާރާތުގައި ރާއްޖޭގެ ފެތުންތެރިން ވަނީ ނުވަ ގައުމީ ރެކޯޑެއް އާ ކޮށްފަ އެވެ.
Comment