Advertisement

މެންޗެސްޓާ ޔުނައިޓެެޑްގެ އޮފާ ރަނގަޅުނަމަ އެރިކްސަން ފޯނު ނަގާނެ!

15 ޖޫން 2022 - 15:22 0


މެންޗެސްޓާ ޔުނައިޓެެޑްގެ އޮފާ ރަނގަޅުނަމަ އެރިކްސަން ފޯނު ނަގާނެ!

15 ޖޫން 2022 - 15:22 0

ކޯޕެންހާގެން (ޖޫން 15) - މެންޗެސްޓާ ޔުނައިޓެޑްގެ އޮފާ ނޫނީ އެހެން ޓީމަކުން ލިބޭ ހުށަހެޅުމެއް ވިޔަސް އެއީ އޭނާ ކެރިއަރު ކުރިއަށް ގެންދަން ލިބޭ ރަނގަޅު ޑީލެއް ކަމަށް ގަބޫލުކުރެވޭނަމަ އެ ޓީމަކަށް ބަދަލުވާން ތައްޔާރަށް ހުރި ކަމަށް ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ބުނެފި އެވެ.

މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފިންލޭންޑާ ދެކޮޅަށް ޑެންމާކް ކުޅުނު މެޗުގެ ތެރެއިން ހާޓްއެޓޭކެއް ޖެހި، ހިތްހުއްޓިގެން ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު ދަނޑުން ގެންދިޔައީ ހޮސްޕިޓަލަށެވެ. އެރިކްސަން ކުޅުމާ ދުރުގައި ހަ ވަރަކަށް މަސް ދުވަހު ހުރެ، ގިނަ ފަރުވާތަކެއް ކުރުމަށް ފަހު މިދިޔަ ޖެނުއަރީ މަހު ބްރެންޓްފޯޑާ ގުޅުނެވެ.

އެރިކްސަން، ހާޓްއެޓޭކް ޖެހުނުއިރު، ކުޅެމުން އައީ އިޓަލީގެ ޗެމްޕިއަން އިންޓަ މިލާނަށެވެ. އެކަމަކު، އެރިކްސަންގެ ސިއްހީ ހާލަތު ހުރި ގޮތުން އިންޓަ އަށް ޖެހުނީ އޭނާ ދޫކޮށްލާށެވެ. އެއީ ހިތަށް އިމްޕްލާންޓަބަލް ކާޑިއޮވާޓާ ޑެފިބްރިލޭޓާ (އައިސީޑީ) ލައްވައިގެން ކުޅުމުގެ ހުއްދަ އިޓާލިއަން ލީގުގައި ނެތުމުންނެވެ. ގިނަ މެޑިކަލް ޓެސްޓްތަކެއް ފުރިހަމަކޮށް ޖެނުއަރީ މަހު، އެރިކްސަން ބްރެންޓްފޯޑަށް ސޮއިކޮށް އެ ޓީމުގައި މޮޅު ކުޅުމެއް ދެއްކި އެވެ. އަދި ފަހަކަށް އައިސް ޑެންމާކް ގައުމީ ޓީމަށް ވެސް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

ބްރެންޓްފޯޑާ އެކު އެރިކްސަންގެ ކޮންޓްރެކްޓް އޮތީ މިދިޔަ މަހުގެ ނިޔަލަށެވެ. ހިލޭ ޓްރާންސްފާއެއްގައި އެރިކްސަންގެ ސޮއި ހޯދަން މެންޗެސްޓާ ޔުނައިޓެޑާއި ނިއުކާސަލް ޔުނައިޓެޑް އަދި ސެވިއްޔާ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޓެލެގްރާފް ނޫހުން ރިޕޯޓްކުރާގޮތުގައި ޔުނައިޓެޑުން ވަނީ އެރިކްސަން އަށް ކޮންޓްރެކްޓެއް ހުށަހަޅައިފަ އެވެ.

"މި ކަހަލަ ނިންމުންތައް ނިންމާއިރު ވަރަށް ގިނަ ކަންކަން އެތެރޭގައި ހިނގާނެ. ވަރަށް ގިނަ ކަންކަމަށް ބަލާފައި ނިންމުމެއް ނިންމަން ޖެހޭނީ. ފުޓްބޯޅައިގައި ވަރަށް އަވަހަށް ކަންކަން ބަދަލުވާ ފަހަރު ވެސް އަންނާނެ. ލަސް ލަހުން ނިންމުންތައް އަންނަ ފަހަރު ވެސް ދިމާވާނެ. އަމިއްލަ ކޮންޓްރޯލުން ބޭރުގައި ހުންނަ ކަންކަން ވެސް ދިމާވާނެ، މީގެ އަހަރެން ގޮތެއް ނިންމާއިރު ބަލަނީ އަވަސް އަރުވާލައިގެން ނޫޅެން،" ޔުނައިޓެޑްގެ ހުށަހެޅުމާއި މުސްތަގުބަލާ ބެހޭގޮތުން ޑެންމާކުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އެރިކްސަން ބުންޏެވެ.

"އަހަރެންގެ ފޯނު އެ އޮތީ ހުޅުވާފައި. އަހަރެންގެ އޭޖެންޓަށް ވެސް ވަރަށް ރަނގަޅަށް އެނގޭނެ އަހަންނަށް ރަނގަޅު އޮފާއެއް ލިބިއްޖިއްޔާ. އެ އޮފާއެއް އައުމުން އޭނާ ގުޅީމަ އަހަރެން ފޯނު ނަގާނަން،"

ޔުނައިޓެޑުން އެރިކްސަން އަށް ކޮންޓްރެކްޓެއް ހުށަހެޅީ ބާސެލޯނާގެ މިޑްފީލްޑަރު، ފްރެންކީ ޑި ޔޯން ނުލިބުމުގެ ބިރު އޮތުމުންނެވެ.

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ނެދަލެންޑްސް އިން ވޭލްސް ބަލިކުރި މެޗަށް ފަހު ޑި ޔޯން ދިން އިންޓަވިއުގައި ބުނީ ޓްރާންސްފާ މާކެޓާ ގުޅޭގޮތުން ދޭނެ ހަބަރެއް ނެތް ކަމަށާއި އޭނާ މި ވަގުތު ކުޅެމުން އަންނަ ބާސެލޯނާ އަކީ ދުނިޔޭގެ އެންމެ ބޮޑު ކްލަބް ކަމަށެވެ.

ޕްރިމިއާ ލީގުގައި އެރިކްސަން ކުޅުނު ޓޮޓެންހަމް ހޮޓްސްޕާސް އިން ވެސް އޭނާ އަލުން ހޯދަން މަސައްކަތް ކުރި އެވެ. ރިޕޯޓްތައް ބުނާގޮތުން އަމިއްލަ ސަބަބަކާ ހެދި އެރިކްސަން ވަނީ އެ ކްލަބްގެ ހުށަހެޅުން ބަލައިގަންނަން ދެކޮޅު ހަދައިފަ އެވެ. އެރިކްސަން ނުލިބޭތީ، ޓޮޓެންހަމުން ވަނީ ބްރައިޓަން އަށް ކުޅެމުން އަންނަ މާލީ ގައުމީ ޓީމުގެ މިޑްފީލްޑަރު ޔްވެސް ބިސޫމާ ގެންނަން އެއްބަސްވުމަކަށް އަތުވެފަ އެވެ.