Advertisement

ސޮވްރިން ޑިވަލޮޕްމަންޓް ފަންޑަށް ގާނޫނީ ބާރު ދިނުމާމެދު މެންބަރުންގެ ކަންބޮޑުވުން

14 ޖޫން 2022 - 13:48 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-- ފޮޓޯ: މަޖިލިސް


ސޮވްރިން ޑިވަލޮޕްމަންޓް ފަންޑަށް ގާނޫނީ ބާރު ދިނުމާމެދު މެންބަރުންގެ ކަންބޮޑުވުން

14 ޖޫން 2022 - 13:48 0

ސޮވްރިން ޑިވަލޮޕްމަންޓް ފަންޑަށް ގާނޫނީ ބާރު ދޭ ގޮތަށް މާލިއްޔަތު ގާނޫނަށް ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން ގިނަ ކަންބޮޑުވުންތަކެއް ހުރި ކަމަށް އެ ބިލަށް ބަހުސް ކުރަމުން މެންބަރުން މިއަދު ބުނެފި އެވެ.

އެސްޑީއެފް ބެލެހެއްޓުމުގެ އެންމެހާ ބާރުތައް ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ފިނޭންސް މިނިސްޓަރަށް ލިބޭ ގޮތް ހެދުމަށް ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒެވެ. މި ބިލުގެ އިބްތިދާއީ ބަހުސް މިއަދު ވަނީ ފަށައިފަ އެވެ.

"މިހާރު ވެސް ސޮވެރިން ޑިވޮލޮޕްމެންޓް ފަންޑެއް ގާއިމްކޮށްފައިވޭ، މި ފަންޑަށް ފައިސާ ލިބެނީ ޔޫއެސް ޑޮލަރުން، ފައިސާ ލިބުނީމާ މިހާރު ސަރުކާރަށް ޑޮލަރު ލިބުނީމާ އެ ފަންޑުގައި ހުންނަ ޑޮލަރު ނަގާފައި ރިޒާވަށް ލާފަ އެއަށް ރުފިޔާ ލާފައި ހުންނަނީ، އެއީ ސިޔާސީ ގޮތުން އެކަން ކުރަން ބޭނުންވާތީ އެއިރަކު ސިޔާސީ ގޮތުން ފިނޭންސް މިނިސްޓަރަކަށް އިންނަވާ ބޭފުޅަކަށް އެ އޮޕަރޭޓު ކުރަން ފަސޭހަ ގޮތަށް އެ ކަން ކުރަނީ،" ބިލަށް ބަހުސް ކުރައްވަމުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވި ގޮތުގައި ސޮވަރިން ފަންޑް އިންވެސްޓް ކުރާނެ ގޮތްތައް ނިންމުމަށް އުފައްދާ ބޯޑު ވާން ޖެހޭނީ "ސިޔާސީ ގޮތުން އިންނަ ބޭފުޅެއްގެ ލަފާގެ މަތީން" އައްޔަން ކުރާ ބޯޑަކަށް ވުރެ، ސީދާ އެމްއެމްއޭއިން ނުވަތަ އެމްއެމްއޭގެ ލަފާގެ މަތީން އައްޔަން ކުރާ ބޯޑަކަށެވެ.

"އެއީ ކޮންމެ ސަރުކާރެއް އޮތަސް ސަރުކާރު ބަދަލު ވެގެން ބަދަލުވާ އެއްޗަކަށް ވެގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.

އެސްޑީއެފް ހިންގާނެ އުސޫލުތައް މާލިއްޔަތު ގަވާއިދުގައި ލިޔެ، އޮޑިޓްކޮށް ހިސާބުތައް ތައްޔާރުކުރަން ޖެހޭނެ ކަމަށް ވެސް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން އިލްޔާސް ލަބީބް ވިދާޅުވީ އެއީ އޮޑިޓާ ޖެނެރަލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

"އަޅުގަނޑަކަށް ތާއީދެއް ނުކުރެވޭ ސަރުކާރުގެ ތެރޭގައި އަނެއްކާ ވަކި އިންޓާނަލް އޮޑިޓަރަކު އައްޔަން ކުރައްވައިގެން އެކަން ކުރެއްވުން، އެއީ އެއް ނޫން ދައުލަތެއް ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން މިނިވަންކަމާއެކު ދައުލަތެއް ހިންގަން ޖެހޭނެ ގޮތަކީ،" އިލްޔާސް ވިދާޅުވި އެވެ.

ބިލަށް ބަހުސް ކުރައްވަމުން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ މިނިސްޓަރު ބޭނުންވާ ގޮތަށް ދަރަނި ނެގުމަށްފަހު، ފަސް އަހަރު ފަހުން ވަޑައިގަތުމުން އެ ދަރަނި އެޅެނީ ރައްޔިތުންގެ ބޮލުގައި ކަމަށެވެ.

"މި ގާނޫނު މިހާރު އޮތް ގޮތަށް ފާސްކޮށްފިއްޔާ އަޅުގަނޑުމެންނަށް އަނެއްކާ ވެސް ދެވޭނީ އެތައް ބައިވަރު ދަރަނިތަކެއް އަޅުގަނޑުމެން ބޮލުގައި އެޅޭ ގޮތަށް،" އަފީފް ވިދާޅުވި އެވެ،

ބިލާ ގުޅިގެން މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.

"މިހާރު ކަންބޮޑުވަނީ 2026 ވަނަ އަހަރު އަންނައިރުގައި 600 މިލިއަން އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެތީ، މިއީ ޑެޓް ރީސްޓްރަކްޗާ ކުރައްވާ ވާހަކައެއް ނަގަނަގައިގެން ވެސް ދައްކަން މިއޮތީ،" ސައީދު ވިދާޅުވި އެވެ.

ސޮވެރިން ފަންޑުގައި މި ސަރުކާރުން އަތް ނުލައި ތިބި ނަމަ 2026 ވަނަ އަހަރަށް އެ ފަންޑުގައި 800 މިލިއަން ޑޮލަރު ހުންނާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

އިތުރު ބައެއް މެންބަރުން ވެސް ބިލާ މެދު ކަންބޮޑުވުން ފާޅުކުރިއިރު، ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ވަނީ ބިލަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވާފަ އެވެ.

ބިލަށް ހުށަހަޅާފައިވާ އިސްލާހު

ދައުލަތުގެ ސޮވްރިން ޑިވަލޮޕްމަންޓް ފަންޑް (އެސްޑީއެފް) ބެލެހެއްޓުމުގެ އެންމެހާ ބާރުތައް ރައީސުލްޖުމްހޫރިއްޔާއަށާއި ފިނޭންސް މިނިސްޓަރަށް ދޭން ވަނީ ހިމަނާފަ އެވެ.

އެސްޑީއެފްގެ ގޮތުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ކަސްޓޯޑިއަން އެކައުންޓެއް ގާއިމުކޮށް ބަލަހައްޓަންވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. ނަމަވެސް އެސްޑީއެފްއަށް ފައިސާ ޖަމާކުރުމާއި އެ ފަންޑުން ހަރަދުކުރާނެ ގޮތް ނިންމާނީ ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

އެ ބިލު ފާސްވެއްޖެ ނަމަ އެސްޑީއެފްއަކީ މާލިއްޔަތު ގާނޫނުގައިވާ ވަކި އުސޫލުތަކެއްގެ ދަށުން ބަލަހައްޓަންޖެހޭ ފަންޑެއްގެ ގޮތުގައި ހަމަޖެހިގެންދާއިރު، އެސްޑީއެފްގެ ފައިސާ ބަހައްޓަން ޖެހޭނީ އެމްއެމްއޭގައި ވަކި ހާއްސަ އެކައުންޓެއް ހުޅުވައިގެން ކަމަށާއި ޕަބްލިކް ބޭންކް އެކައުންޓާއި އެސްޑީއެފް އެއްކޮށްގެން ނުވާނެ ކަމަށާއި ސޮވަރިން ފަންޑް އިންވެސްޓް ކުރާނެ ގޮތްތައް ނިންމުމަށް ފަސް މެންބަރުންގެ ކޮމިޓީއެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަން ޖެހޭނެ އެވެ.