Advertisement

ރާއްޖެ އަށް މެޗު ގެއްލުނީ ހެދުނު ދެ ގޯހަކުން: މޮރިއޭރޯ

8 ޖޫން 2022 - 20:37 0

ތައިލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ގައުމީ ޓީމުގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ.--- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް


ރާއްޖެ އަށް މެޗު ގެއްލުނީ ހެދުނު ދެ ގޯހަކުން: މޮރިއޭރޯ

8 ޖޫން 2022 - 20:37 0

އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި މިއަދު ތައިލެންޑް އަތުން ބަލިވީ ހެދުނު ދެ ގޯހެއްގެ ސަބަބުން ކަމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.

އުޒްބެކިސްތާންގައި ސެންޓްރަލައިޒްކޮށް ކުރިއަށްދާ އޭޝިއަން ކަޕްގެ ގްރޫޕް ސީގައި މިއަދު ކުޅުނު މެޗުން ރާއްޖެ ވަނީ ތައިލެންޑް އަތުން 3-0 އިން ބަލިވެފަ އެވެ.

ރާއްޖެ ކޮޅަށް ތައިލެންޑުން ފުރަތަމަ ދެ ގޯލު ޖެހީ މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅުގަ އެވެ. އެ ގޮތުން 41 ވަނަ މިނިޓްގައި ސަރާޗް ޔޫޔެން ތައިލެންޑަށް ލީޑު ނަގައިދިނެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ތީރަސީލް ޓާންޑްގާ ވަނީ ތައިލެންޑްގެ ލީޑުފުޅާކޮށްދީފަ އެވެ. އަދި މެޗުގެ 80 ވަނަ މިނިޓްގައި ޕަންސާ ހެމްވިބޫންގެ ގޯލުން ތައިލެންޑުން ތިން ޕޮއިންޓް ކަށަވަރުކުރި އެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޮރިއޭރޯ ބުނީ ކުޅުންތެރިން ގާތުގައި އޭނާ އެދުނު ގޮތަށް ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރި ކަމަށެވެ. އެކަމަކު ފަރުވާ ކުޑަކޮށްދިޔަ މަދު ވަގުތު ކޮޅެއްގެ ސަބަބުން މެޗުން ބަލިވީ ކަމަށް މޮރިއޭރޯ ބުނެފައިވެ އެވެ.

"އަހަރެމެން ފެށީ ވެސް ބޭނުންވި ގޮތަށް، ރޭވުމެއް ވެސް އޮތް، އެކަަމަކު ފުރަތަމަ ހާފުގެ ފަހު ކޮޅުގައި އެ ހެދުނު ދެ ގޯހުގެ ސަބަބުން މެޗު އަތުން ގޮސްފި، މި ލެވަލްގައި އެ ގޮތަށް ގާތްގާތުގައި ވަންނަ ގޯލުތަކުގެ ސަބަބުން އަލުން މެޗުގެ ތެރެއަށް ވަންނަން އުނދަގޫވާނެ،" އިޓަލީ އަށް އުފަން މޮރިއޭރޯ ބުންޏެވެ.

އަލުން މެޗުގެ ތެރެއަށް ވަންނަން ދެ ވަނަ ހާފުގައި ބަދަލުތަކެއް ގެނެސްގެން މަސައްކަތްތަކެއް ކުރެވުނު ކަމަށާއި މިއަދުގެ މެޗުގެ އޮއެވަރު ދިޔަ ގޮތަށް ބަލާއިރު، މިއީ ގޯލެއް ޖެހޭނެ ނަސީބު ވެސް އެންމެ ރަނގަޅު ދުވަހެއް ނޫން ކަމަށެވެ.

"ގޯލެއް ޖެހޭ ގޮތަކަށް ނޫން ނަސީބުގެ އެހީ ވެސް އޮތީ، ތައިލެންޑަކީ މޮޅު ޓީމެއް، ވަރަށް ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން ކުޅޭ ޓީމެއް. އަހަރެން ކުރިން ވެސް ބުނިހެން، މެޗަކީ އެޕިސޯޑްތަކެއް ގޮތަށް ހިނގާ ކަމެއް. އެއްވެސް ވަގުތެއްގައި މެޗަށް އޮންނަ ސަމާލުކަން ދަށްވެގެން ދިޔަ ދީގެން ނުވާނެ، އެ ގޮތަށް ދިޔަ ވަގުތު ކޮޅެއްގެ ސަބަބުން މިއަދު އަތުން މެޗު މިދިޔައީ،" މޮރިއޭރޯ ބުންޏެވެ.

ފުރަތަމަ މެޗުން ތައިލެންޑް އަތުން ބަލިވުމުން ރާއްޖެ އަށް ދެން އަންނަ އަހަރުގެ އޭޝިއަން ކަޕުން އަމިއްލަ ބާރުގައި ފުރުސަތު ހޯދޭނީ ދެން ކުޅޭ ދެ މެޗުން އުޒްބެކިސްތާނާއި ލަންކާ ބަލިކޮށްގެންނެވެ. އެއީ ގްރޫޕް އެއް ވަނަ ނުލިބޭނަމަ ދެ ވަނަ ހޯދައިގެން ވެސް އޭޝިއަން ކަޕަށް ވަންނަން ފުރުސަތެއް އޮންނާނީ ދެން އޮތް މެޗުތަކުގައި ނަތީޖާ ނެރެގެން ކަމަށްވާތީ އެވެ.

އޭޝިއަން ކަޕްގެ ކޮލިފައިން ހަ ގްރޫޕުގެ އެއް ވަަނަ ޓީމާއި ހަ ގްރޫޕްގެ ދެ ވަނަ ޓީމުތަކުގެ ތެރެއިން ފަސް ޓީމަށް އަންނަ އަހަރު ބާއްވާ އޭޝިއަން ކަޕްގެ ޖާގަ ލިބޭނެ އެވެ.

މިއީ ގައުމީ ޓީމުގެ ކޯޗަކަށް މޮރިއޭރޯ ހުއްޓައި ރާއްޖެ ބަލިވި ދެ ވަނަ މެޗެވެ. މީގެ ކުރިން ބަލިވީ މިދިޔަ އަހަރު ނޮވެމްބަރު މަހު .ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕްގަ އެވެ. އެއީ ބަންގްލަދޭޝް އަތުން 1-0 އިންނެވެ.

މި ފަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެރޭ ކުޅޭނީ އުޒްބެކިސްތާނާ ދެކޮޅަށެވެ. ހޮނިހިރު ދުވަހުގެރޭ މެޗު ފަށާނީ 20:30 ގަ އެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅޭނީ އަންނަ އަންގާރަ ދުވަހު ހަވީރު 17:00 ގަ އެވެ.