Advertisement

ނަޑާލް 14 ވަނަ ފަހަރަށް ފްރެންޗް އޯޕަން ކާމިޔާބުކޮށް ރެކޯޑަށް އިތުރު ފުރިހަމަކަމެއް

5 ޖޫން 2022 - 20:55 0

ފްރެންޗް އޯޕަން ތަށްޓާ އެކު ނަޑާލް އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ނަޑާލް 14 ވަނަ ފަހަރަށް ފްރެންޗް އޯޕަން ކާމިޔާބުކޮށް ރެކޯޑަށް އިތުރު ފުރިހަމަކަމެއް

5 ޖޫން 2022 - 20:55 0

ޕެރިސް (ޖޫން 5) - ފައިނަލުގައި ފަސޭހަކަމާ އެކު ނޯވޭގެ ކެސްޕާ ރޫޑް ބަލިކޮށް ސްޕެއިނުގެ ރަފައެލް ނަޑާލް ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން 14 ވަނަ ފަހަރަށް ހޯދައި، ރެކޯޑަށް އިތުރު ފުރިހަމަކަމެއް ގެނެސްފި އެވެ.

މިއީ، ނަޑާލް، 36، ކާމިޔާބުކުރި 22 ވަނަ ގްރޭންޑް ސްލޭމް ތަށްޓެވެ. އެންމެ ގިނަ ގްރޭންޑް ސްލޭމް ތަށި އުފުލާލުމުގެ ރެކޯޑް އޮތް ނަޑާލް މި ވަނީ ލީޑުފުޅާކޮށްފަ އެވެ. ދެ ވަނައިގައި އޮތް ސާބިއާގެ ނޯވަކް ޖޮކޮވިޗާއި ސްވިޒަލެންޑްގެ ރޮޖާ ފެޑެރާ ވަނީ 20 ގްރޭންޑް ސްލޭމް ތަށި ހޯދައިފަ އެވެ.

"މި ކާމިޔާބީގެ އެންމެ ބޮޑު ހިއްސާދާރުންނަކީ އަހަރެންގެ އާއިލާ، އަނިޔާއާ ހެދި އަހަރެން އެތައް ފަހަރެއްގެ މަތިން ކުޅުމާ ދުރުގައި ހުރިއިރު، އެ މީހުން ދިން ސަޕޯޓް މީގެ ހުރިހާ ވެސް އެއްޗަކީ، އެ މީހުންގެ އެހީ ނެތްނަމަ، އަހަރެން ވަރަށް ކުރިން ޓެނިހުން ރިޓަޔާކުރާނެ،" ނަޑާލް ބުންޏެވެ.

"ފްރެންޗް އޯޕަން އަކީ ޓެނިހުގެ އެންމެ ބޮޑު، އަހަންނަށް އަދި އެންމެ ކާމިޔާބު މުބާރާތް، ޕެރިހަކީ އަހަރެންގެ ހާއްސަ ކޯޓު، އުމުރުން 36 ގައި ވެސް އަހަރެން މި ތަނުގައި މި ހުރީ، މި މުބާރާތް ހާއްސަވީމަ، މި މުބާރާތަށް ފައިޓްކުރަން،"

ފްރެންޗް އޯޕަން ތަށްޓާ އެކު ނަޑާލް އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


މިއަދުގެ ފައިނަލުގައި ރޫޑް އަތުން ނަޑާލް މޮޅުވީ 6-3 6-3 6-0 އިންނެވެ. ނަޑާލްގެ ފަރާތުން މި މެޗުގައި ސެޓެއް ނުގެއްލި މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ.

ފައިނަލުގައި ނަޑާލާ ދެކޮޅަށް ނުކުތް ރޫޑަކީ މި ފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. އެކަމަކު، ގްރޭންޑް ސްލޭމް ފައިނަލެއްގައި ފުރަތަމަ ފަހަރަށް ކުޅެން ޖެހުމުން އެ ޕްރެޝަރުގައި، ނަޑާލާ ދެކޮޅަށް ނުކުޅެވުނީ އެވެ.

"ނަޑާލަކީ މި މުބާރާތުގައި އަދި މި ލެވަލްގެ ޓެނިހުގައި ކޮން ފެންވަރެއްގެ ކުޅުންތެރިއެއްކަން އެންމެނަށް އެނގޭ، މިއީ ނަޑާލްގެ 14 ވަނަ ފްރެންޗް އޯޕަން، 22 ވަނަ ގްރޭންޑް ސްލޭމް، މި ލެވަލްގެ މެޗެއްގައި ނަޑާލާ ދެކޮޅަށް ކުޅެވުން ވެސް އެއީ އަހަންނަށް މޮޅެއް، ކުރިއަށް އޮތްތަނުގައި އިތުރު ގްރޭންޑް ސްލޭމްތަކުގެ ފައިނަލުގައި ކުޅެވޭނެ ކަމުގެ އުންމީދުގައި މި ހުރީ،" ގްރޭންޑް ސްލޭމްގެ ފައިނަލެއްގައި ކުޅުނު ފުރަތަމަ ނޯވޭގެ ކުޅުންތެރިޔާގެ ޝަރަފް ހޯދި ރޫޑް ބުންޏެވެ.

މިރޭގެ ފައިނަލް މެޗުގެ ތެރެއިން ރޫޑް: ފުރަތަމަ ފަހަރު ގްރޭންޑް ސްލޭމްގެ ފައިނަލަށް ނުކުތް ރޫޑަށް ޕްރެޝަރާ ހެދި ނުކުޅެވުނު.-- ފޮޓޯ: އޭއެފްޕީ


ނަޑާލް ވަނީ މި ފަަހަރުގެ ފްރެންޗް އޯޕަންގައި ރޫޑްގެ ފަރާތުން ފެނުނު ކުޅުމަށް ތައުރީފުކޮށް، ކާމިޔާބު ކެރިއަރަކަށް އެދޭ ކަމަށް ބުނެފަ އެވެ.

މިދިޔަ އަހަރުގެ ސެމީ ފައިނަލުގައި ޖޮކޮވިޗް އަތުން ނަޑާލް ބަލިވި ނަމަވެސް މި ފަހަރުގެ މުބާރާތަށް ނަޑާލް އައީ އާދަޔާހިލާފު ރޫހެއްގަ އެވެ. އަނިޔާއިން ރަނގަޅުވުމުގެ ރިކަވަރީގެ ކަންކަން ވެސް ކުރިއަށް ގެންދަމުން މުބާރާތުގައި ވާދަކުރި ނަޑާލް ވަނީ ސެމީ ފައިނަލުގައި ޖޮކޮވިޗް ބަލިކޮށްފަ އެވެ.

ފްރެންޗް އޯޕަން ތަށީގެ ނިސްބަތުން ނަޑާލާ އެންމެ ކައިރީގައި އޮތީ ފްރާންސްގެ ކުރީގެ ޓެނިސް ތަރި، މެކްސް ޑެކިއުޖިސް އެވެ. އޭނާ އަށް ތަށި ހޯދި އެވެ.

ނަޑާލް ވަނީ 2005، 2006، 2007، 2008، 2010، 2011، 2012، 2013، 2014، 2017، 2018، 2019، 2020 އަދި 2022 ގައި ފްރެންޗް އޯޕަންގެ ތަށި ހޯދައިފަ އެެވެ. ފައިނަލަށް ދިޔަ ކޮންމެ ފަހަރަކު ނަޑާލް ވަނީ މި މުބާރާތް ކާމިޔާބުކޮށްފަ އެވެ. މިދިޔަ 18 އަހަރުގެ ތެރޭގައި ނަޑާލް އަތުން ހަތަރު ފަހަރު މި މުބާރާތް ގެއްލުނުއިރު، އެ ހަތަރު ފަހަރުގެ ތެރެއިން ދެ ފަހަރު ޖޮކޮވިޗް ތަށި އުފުލާލިއިރު، ފެޑެރާ އާއި ސްޓޭން ވަވްރިންކާ ކޮންމެ ކުޅުންތެރިއަކު ވަނީ އެއް ފަހަރު ޗެމްޕިއަންކަން ހޯދައިފަ އެވެ.