Advertisement

ޓެނިސް ތަރި ސްވިއަޓެކް އަށް 6 މުބާރާތުން 6 ތަށި!

5 ޖޫން 2022 - 01:42 0

ސްވިއަޓެކް ތަށި ހިފައިގެން: ރެކޯޑަކާ އެކު ގްރޭންޑް ސްލޭމް ތަށްޓެއް ލިބުމުން ހާއްސަ އުފަލެއް ލިބުނު ކަމަށް ބުނެފައިވޭ.-- ފޮޓޯ: އޭއެފްޕީ


ޓެނިސް ތަރި ސްވިއަޓެކް އަށް 6 މުބާރާތުން 6 ތަށި!

5 ޖޫން 2022 - 01:42 0

ޕެރިސް (ޖޫން 5) - އެމެރިކާގެ ކޯކޯ ގޯފް ބަލިކޮށް، ފްރެންޗް އޯޕަން އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައި، ދުނިޔޭގެ އަންހެން އެއް ވަނަ ޓެނިސް ކުޅުންތެރިޔާ، ޕޮލެންޑްގެ އީގާ ސްވިއަޓެކް ރެކޯޑަކާ ހަމަކޮށްފި އެވެ.

އުމުރުން 21 އަހަރުގެ ސްވިއަޓެކަކީ މި އަހަރު އޭނާ އެންމެ ފަހުން ވާދަކުރި ހަ މުބާރާތުގެ ޗެސް ޗެމްޕިއަނެވެ. އެ ގޮތުން، އޮސްޓްރޭލިއަން އޯޕަން ސެމީ ފައިނަލުން ބަލިވި ނަމަވެސް އޭގެ ފަހުން ފަސް އެނބުރި ބަލާފައެއް ނުވެ އެވެ. އެ ގޮތުން ގަތަރު ޓޯޓަލް އޯޕަން، އިންޑިއަން ވެލްސް، މިއާމީ އޯޕަން، ސްޓުޓްގާޓް އޯޕަން އަދި އިޓާލިއަން އޯޕަން ތަށި ކާމިޔާބުކޮށް، އެއް ވަނަ އަށް ސީޑްކޮށްފައިވާ ކުޅުންތެރިޔާގެ ގޮތުގައި، މި ފަހަރުގެ ފްރެންޗް އޯޕަން ތަށި އުފުލާލީ އެވެ.

މިއަދު ކުޅުނު މި ފަހަރުގެ ފްރެންޗް އޯޕަން ފައިނަލުގައި އެމެރިކާގެ، 18، އަހަރުގެ ގޯފްގެ މައްޗަށް ސްވިއަޓެކް ކުރި ހޯދީ 6-1، 6-3 އިންނެވެ. މިއީ ގޯފްގެ ފުރަތަމަ ގްރޭންޑް ސްލޭމް ޓެނިސް ފައިނަލެވެ. އަނެއްް ކޮޅުން މިއީ ސްވިއަޓެކްގެ ދެ ވަނަ ގްރޭންޑް ސްލޭމް ތަށްޓެވެ. އޭނާ އެންމެ ފުރަތަމަ ކާމިޔާބުކުރީ 2020 ވަނަ އަހަރުގެ ފްރެންޗް އޯޕަން އެވެ.

މެޗަށް ފަހު ސްވިއަޓެކް ވަނީ އިދިކޮޅަށް ނުކުތް ކޯކޯ އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެެވެ. އަދި ފައިނަލުގައި ކޯކޯ ދެއްކި ހިތްވަރު ކުރިއަށް އޮތް އަހަރުތަކުގައި ކޯކޯގެ ފަރާތުން ފެނިއްޖެނަމަ ގިނަ ކާމިޔާބީތަކެއް ހޯދޭނެ ކަމަށް ސްވިއަޓެކް ވަނީ ބުނެފަ އެވެ.

ސްވިއަޓެކް ބުނީ މި ފަހަރުގެ ގްރޭންޑް ސްލޭމް ހާއްސަވަނީ 35 މެޗުން ޖެހިޖެހިގެން މޮޅުވެ، ރެކޯޑަކާ އެކު މި ތަށި ހޯދުމުންނެވެ. ސްވިއަޓެކަކީ 21 ވަނަ ގަރުނުގައި އެމެރިކާގެ ޓެނިސް ލެޖެންޑް ސެރީނާ ވިިލިއަމްސް އަށް ފަހު ޖެހިޖެހިގެން 35 މެޗުން މޮޅުވި ފުރަތަމަ ކުޅުންތެރިޔާ އެެވެ.

ޓެނިހުގެ ތާރީހުގައި އަންހެން ކުޅުންތެރިއަކު އެންމެ ގިނަ މެޗުން ޖެހިޖެހިގެން މޮޅުވެގެން ރެކޯޑެއް ހަދާފައި އޮތީ 1984 ވަނަ އަހަރު ޖެހިޖެހިގެން 74 މެޗުން މޮޅުވި، ޗެކޮސްލޮވާކިއާ ތަމްސީލްކުރި މާޓީނާ ނަވްރަޓިލޯވާ އެވެ. އެ ރެކޯޑާ އެންމެ ކައިރިއަށް ޖެހިލެވުނީ ޖަރުމަނުގެ ކުރީގެ އަންހެން ކުޅުންތެރިޔާ، ސްޓެފީ ގްރާފް އަށެެވެ. އޭނާ ވަނީ 1989 އިން 1990 އަށް ޖެހިޖެހިގެން 66 މެޗުން މޮޅުވެފަ އެވެ.

ސްވިއަޓެކް، ޓެނިހުގެ ރޭންކިން އެއް ވަނަ އަށް އެރީ މިދިޔަ މާޗް މަހު އެވެ. އެއީ އޮސްޓްރޭލިއާގެ އެއިޝްލީ ބާޓްލީ ކުއްލިއަކަށް ރިޓަޔާކުރަން ނިންމުމާ ގުޅިގެންނެވެ. ރޭންކިން ކުރިއަށް ޖެހިލަން ލިބުނު ފުރުސަތުގެ ބޭނުން، ސްވިއަޓެކް އަންނަނީ އެންމެ ފުރިހަމަ އަށް ހިފަމުންނެވެ.