Advertisement

ފްރެންްޗް އޯޕަން ފައިނަލުގައި ނަޑާލް ނުކުންނާނީ ރޫޑާ ދެކޮޅަށް

4 ޖޫން 2022 - 10:42 1

ރޭގެ މެޗުގެ ތެރެއިން ނަޑާލް: މިއީ އޭނާ ފްރެންްޗް އޯޕަން ފައިނަލުގައި ކުޅޭ 14 ވަނަ ފަހަރު. -- ފޮޓޯ: އޭއެފްޕީ


ފްރެންްޗް އޯޕަން ފައިނަލުގައި ނަޑާލް ނުކުންނާނީ ރޫޑާ ދެކޮޅަށް

4 ޖޫން 2022 - 10:42 1

ޕެރިސް (ޖޫން 4) - ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލުގައި ސްޕެއިނުގެ ރަފައެލް ނަޑާލާއި ނޯވޭގެ ކެސްޕާ ރޫޑް ބައްދަލުކުރަން ޖެހިއްޖެ އެވެ.

ނަޑާލް 14 ވަނަ ފަހަރަށް ފްރެންޗް އޯޕަން ފައިނަލަށް ދަތުރުކުރީ އިއްޔެ، އަލެކްސަންޑާ ޒެވްރެވާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލުގައި އޭނާގެ ކުޑަހުޅަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން މެޗު ކުރިއަށް ނުގެންދެވި، ދޫކޮށްލަން ޖެހުމުންނެވެ. ޒްވެރެވް ކޯޓުން ގެންދިޔައީ ފުރޮޅުލީ ގޮނޑިއެއްގައި އޭނާގެ މެޑިކަލް ޓީމުގެ އެހީގަ އެވެ.

ޒްވެރެވަށް އަނިޔާވިއިރު، ނަޑާލް އޮތީ ލީޑުގަ އެވެ. އެއީ 7-6 (10-8) 6-6 އިންނެވެ. މެޗަށް ފަހު ދިން އިންޓަވިއުއެއްގައި ނަޑާލް ބުނީ ފައިނަލުގެ ޖާގަ ލިބުނީ އޭނާ އެންމެ ބޭނުންވާ ގޮތަށް ކަމަށާއި ރަނގަޅު މެޗެއް ކުޅެގެން މޮޅުވެގެން ފައިނަލަށް ދަތުރުކުރިނަމަ އޭގެ ފައިދާ ކުރާނެ ކަމަށެވެ.

ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން ޒްވެރެވް އަސާގެ އެހީގައި ދަނޑުން ފައިބަނީ.--- ފޮޓޯ: އޭއެފްޕީ


"ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކުރަން ކުރާ މަސައްކަތުގައި ޒްވެރެވް އައީ މި ފަހަރު ވަރަށް މޮޅަށް ކުޅެމުން. އޭނާ އަށް ހިތްދަތި ގޮތަކަށް މުބާރާތް ނިމުމަކީ އަހަރެން ޕްރޮފެޝަނަލެއްގެ ހައިސިއްޔަތުން ހިތާމަކުރާނެ ކަމެއް. އެކަމަކު، ގަބޫލުކުރަން ޖެހޭ ކުޅުންތެރިއެއްގެ ދިރިއުޅުމުގައި އިންޖަރީ އަކީ ކޮންމެ ވަގުތެއްގައި ވެސް އަންނާނެ ކަމެއް،" 13 ފަހަރު ފްރެންްޗް އޯޕަން ތަށި އުފުލާލާފައިވާ ނަޑާލް ބުންޏެވެ.

އެކާވީސް ގްރޭންޑް ސްލޭމްގެ ޗެމްޕިއަންކަން ހޯދައި، ރެކޯޑެއް ގާއިމްކޮށްފައިވާ ނަޑާލް މި ފަހަރުގެ ފްރެންޗް އޯޕަން ފައިނަލުން ފުރުސަތު ހޯދުމާ އެކު މިއީ އޭނާގެ ކެރިއަރުގައި ކުޅޭނެ 30 ވަނަ ގްރޭންޑްސްލޭމް ފައިނަލެވެ.

ފައިނަލުގައި ނަޑާލް ކުޅެން ޖެހޭ ރޫޑް ވަނީ ރޭ ކުޅުނު ފަހު ސެމީ ފައިނަލުގައި ކްރޮއޭޝިއާގެ މާރިން ސިލިޗް ބަލިކޮށްފަ އެވެ. ރޫޑް އަކީ ނޯވޭގެ ތާރީހުގައި ގްރޭންޑް ސްލޭމް ފައިނަލެއްގައި ވާދަކުރާނެ ފުރަތަމަ ކުޅުންތެރިޔާ އެވެ. ރޫޑް ފައިނަލަށް ދިޔައީ ސެމީގައި ސިލިޗް އަތުން ފޯރިގަދަ މެޗަކަށް ފަހު 3-6 6-4 6-2 6-2 އިން ސެޓުތައް ގެންގޮސްގެންނެވެ.

ސިލިޗް އަތުން މޮޅުވި މެޗަށް ފަހު ރޫޑް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


ދުނިޔޭގެ އަށް ވަނައިގައި އޮތް ރޫޑް ވަނީ ރޭގެ މެޗުގައި ސިލިޗާ ދެކޮޅަށް މޮޅަށް ކުޅެފަ އެވެ. ޔޫއެސް އޯޕަން ޗެމްޕިއަންކަން 2014 ވަނަ އަހަރު ހޯދި ސިލިޗަށް ރޭގެ މެޗު ގެއްލުމަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އަމިއްލަ އަށް ހެދުނު ގޯސްތަކެވެ. އޭގެ ފައިދާ ރޫޑް ރަނގަޅަށް ނެގި އެވެ.

މާދަމާ ކުޅޭ ފައިނަލް މެޗުގައި ނަޑާލްއާ ދެކޮޅަށް ނުކުންނައިރު، މިއީ ރޫޑާއި ނަޑާލްގެ ފުރަތަމަ ކުރިމަތިލުމެވެ. ރޫޑް ބުނީ ނަޑާލް އަކީ ޓެނިހުގައި އޭނާގެ އައިޑަލް ކަމަށެވެ.

ފްރެންޗް އޯޕަންގެ އަންހެން ފައިނަލުގައި މިއަދު އެމެރިކާގެ ކޯކޯ ގޯފް ނުކުންނާނީ ދުނިޔޭގެ އެއް ވަނަ އަންހެން ކުޅުންތެރިޔާ، ޕޮލެންޑްގެ އީގާ ސްވިއަޓެކާ ދެކޮޅަށެވެ.