Advertisement

"ހަމަޖެހުމެއް ބޭނުން.. ބަޑީގެ ހަމަލާތައް ހުއްޓާލާ"

3 ޖޫން 2022 - 14:11 0

ފްރެންޗް އޯޕަންގެ މެޗެއްގެ ތެރެއިން ގޯފް: ސެމީ ފައިނަލް މެޗަށް ފަހު ގޯފް ވަނީ މުހިންމު މެސެޖެއް ދީފައި.--- ފޮޓޯ: އޭއެފްޕީ


"ހަމަޖެހުމެއް ބޭނުން.. ބަޑީގެ ހަމަލާތައް ހުއްޓާލާ"

3 ޖޫން 2022 - 14:11 0

"ހަމަޖެހުމެއް ބޭނުން.. ބަޑީގެ ހަމަލާތައް ހުއްޓާލާ،"

މިއީ ފްރެންޗް އޯޕަން އަންހެން ސިންގަލްސްގެ ސެމީ ފައިނަލުގައި އިޓަލީގެ މަރްޓީނާ ޓްރެވިސާން ބަލިކޮށް، މުބާރާތުގެ ފައިނަލުން ޖާގަ ހޯދުމަށް ފަހު، އެމެރިކާގެ ޓެނިސް ތަރި، ކޯކޯ ގޯފް ދިން މެސެޖެވެ.

ގޯފް، 18، ގެ މި މެސެޖަކީ އެމެރިކާގައި މިހާރު ދެމުން އަންނަ ބަޑީގެ ހަމަލާތަކަށް އިޝާރާތްކޮށް ފާޅުކުރި ޝުއޫރެކެވެ. މިދިޔަ ހަފްތާގައި ބަޑިހިފައިގެން ދިޔަ މީހަކު ވަނީ ޓެކްސަސްގައި 19 ސްކޫލު ކުދިންނާއި ދެ ޓީޗަރުން މަރާލައިފަ އެވެ. އަދި އިއްޔެގެ ވަގުތެއްގައި އެމެރިކާގެ އޮކްލަހޯމާގެ ހޮސްޕިޓަލަށް ބަޑިހިފައިގެން ވަން މީހަކު ވަނީ ހޮސްޕިޓަލުގެ ތިން މުވައްޒަފުންނާއި ބަލިމީހަކު މަރާލައިފަ އެވެ.

މަރްޓީނާގެ މައްޗަށް، 6-3 6-1، އިން ކުރިހޯދައި، ކެރިއަރުގައި ގްރޭންޑް ސްލޭމެއްގެ ފައިނަލަށް ފުރަތަމަ ފަހަރަށް ދަތުރުކުރި ގޯފް މި މެސެޖް އާންމުކުރުމާ ބެހޭގޮތުން ބުނެފައިވަނީ "އެއްވެސް ފަރުވާލެއްނެތި"، އޭނާ ސިކުނޑީގައި އޮތް ވާހަކަ ކެމެރާގައި ލިޔުނީ ކަމަށެވެ.

"ހަގީގަތަށް ބުނަންޏާ ޝުއޫރުފާޅުކުރާނީ ކިހިނެއް ކަމެއް އަހަރެންގެ ވިސްނުމަކު ނެތް، އެ ވަގުތު އެންމެ ރަނގަޅު ކަމަކަށް ފެނުނީ ކެމެރާ އަށް ފެންނަ ވަރުގެ ކަމެއް ކުރަން،" ދުނިޔޭގެ ރޭންކިންގެ 23 ވަނައިގައި އޮތް ގޯފް ބުންޏެވެ.

"ވަރަށް ގިނަ މީހުން ބުނާނެ ކުޅިވަރާއި ސިޔާސީ ކަންކަން ވަކިކުރާށޭ. އަހަރެން ވެސް ގަބޫލުކުރަނީ އެ ގޮތަށް، އެކަމަކު، ކުޅިވަރެއް ވިޔަސް، ނޫނީ ސިޔާސީ މީހެއް ވިޔަސް، އަހަރެމެން ފުރަތަމަ ވާން ޖެހޭނީ އިންސާނަކަށް، އަހަރެންގެ މި މެސެޖަކީ ކުޅިވަރަށް ނުރަނގަޅު ކަމެއް ވެއްދުމެއް ނޫން، އިންސާނިއްޔަތަށް މެސެޖެއް ދިނުން،"

އެމެރިކާގައި ހިނގަމުން އަންނަ ކަންތައްތަކާ މެދު ކަންބޮޑުވެ، ގޯފް މެސެޖެއް ދޭން ނިންމީ އަމިއްލަ ތަޖުރިބާގެ އަލީގައި ވެސް ކަމެއް ދިމާވެފައިވާތީ އެވެ. އެ ގޮތުން 2018 ވަނަ އަހަރު ޕާކްލޭންޑްގެ ހައި ސްކޫލެއްގައި ބަޑިހަަމަލާއެއްގައި 17 މީހުން މަރުވިއިރު، އެ ވަގުތު އެ ތަނުގައި ގޯފްގެ ގާތް ގިނަ ބަޔަކު ތިއްބެވެ. އެ މީހުންގެ ތަޖުރިބާތައް ގޯފްއާ ވެސް ހިއްސާކޮށްފައިވެ އެވެ.

"ކުޅިވަރަކީ އެންމެން އެއްބައިވަންތަ ކޮށްދޭ ޕްލެޓްފޯމެއް، އެހެންވީމަ، އިންސާނިއްޔަތަށްޓަކައި މެސެޖެއް ދޭން އެންމެ ރަނގަޅު މާހައުލަކީ މިއީ،" ގޯފް ބުންޏެވެ.

މާދަމާ އަށް ޝެޑިއުލްކޮށްފައިވާ ފްރެންޗް އޯޕަން އަންހެން ސިންގަލްސް ފައިނަލުގައި ގޯފް ކުޅޭނީ ދުނިޔޭގެ އެއް ވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ، ޕޮލެންޑްގެ އީގާ ސްވިއަޓެކާ އެވެ. ސްވިއަޓެކް ވަނީ އެންމެ ފަހުން ކުޅުނު 34 މެޗާއި ފަސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ގޯފް، ކެރިއަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް ފައިނަލަށް ނުކުންނައިރު، އޭނާ އަކީ 2001 ވަނަ އަހަރު ފްރެންޗް އޯޕަން ފައިނަލުގައި ބެލްޖިއަމްގެ ކިމް ކްލައިސްޓާސް ވާދަކުރި ފަހުން، މި މުބާރާތުގެ ފައިނަލުން ފެންނަ އެންމެ ޒުވާން ކުުޅުންތެރިޔާ އެވެ.

ގޯފް ވަނީ މީގެ ކުރިން ވެސް ހައި ލެވަލް މެޗުތަކުގައި އާދަޔާހިލާފު ނަތީޖާ ނެރެފަ އެވެ. އެ ގޮތުން އުމުރުން އެންމެ 15 އަހަރުގައި ގޯފް ވަނީ 2019 ވަނަ އަހަރުގެ ވިމްބަލްޑަން ގަދަ 16 ބުރުން ފުރުސަތު ހޯދައިފަ އެވެ. އެ ފަހަރު ގޯފް ވަނީ އެމެރިކާގެ ޓެނިސް ލެޖެންޑް، ވީނަސް ވިލިއަމްސް ބަލިކޮށްފަ އެވެ.