Advertisement

ޓީއެފްޖީގެ އެމްވީރަންގެ އެއް ވަނަ ފަޒީލް އާއި ޖައިޝާ އަށް

3 ޖޫން 2022 - 11:33 0

އެމްވީރަންގެ އެއް ވަނަ ހޯދި ފަޒީލް އާއި ޖައިޝާ -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ޓީއެފްޖީގެ އެމްވީރަންގެ އެއް ވަނަ ފަޒީލް އާއި ޖައިޝާ އަށް

3 ޖޫން 2022 - 11:33 0

ފައިސާގެ އިނާމު ދޭ ގޮތަށް ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން ބޭއްވި ފުރަތަމަ ދުވުން، "އެމްވީރަން"ގެ އެއް ވަނަ ހުސައިން ފަޒީލް ހާރޫން (ފްލޭޝް) އާއި އައިމަނަތު ޖައިޝާ ޖުނީޒު ހޯދައިފި އެވެ.

ޖުމުލަ 277 މީހުން ބައިވެރި މި ދުވުމުގެ ފިރިހެން ކެޓަގަރީން އެއް ވަނަ ފަޒީލް ހޯދީ، 32 މިނެޓާއި 30 ސިކުންތުން ދުވުން ނިންމައިގެންނެވެ. އަންހެން ކެޓަގަރީން ޖައިޝާ އެއް ވަނަ ހޯދީ 41 މިނެޓް 05 ސިކުންތުން ދުވުން ފުރިހަމަ ކޮށްގެންނެވެ.

މި ދެ ދުވުންތެރިންނަކީ ވެސް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ދިވެހި ރާއްޖެ ތަމްސީލްކޮށްފައިވާ ދުވުންތެރިންނެވެ. ރޭހުގެ ވަނަ ތަކަށް ބަލާއިރު، އަންހެން އަދި ފިރިހެން ކެޓަގަރީގައި ވެސް ގަދަ ތިނެއް ތަމްސީލްކުރަނީ ދިގު ދުވުންތަކުގައި މަގުބޫލު ދުވުންތެރިންނެވެ.

އެމްވީރަން ރޭހުގެ ވަނަތައް ހޯދި ދުވުންތެރިން -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ފިރިހެން ކެޓަގަރީ

  1. ވަނަ: ހުސައިން ފަޒީލް ހާރޫން (ފްލޭޝް) - 32:33 މިނެޓް
  2. ވަނަ: ޔޫސުފް އިބްރާހިމް - 33:14 މިނެޓް
  3. ވަނަ: މުހައްމަދު ރަޝީދު (މޯޑް) - 33:48 މިނެޓް

އަންހެން ކެޓަގަރީ

  1. ވަނަ: އައިމަނަތު ޖައިޝާ ޖުނީޒު - 41:05 މިނެޓް
  2. ވަނަ: މަރިޔަމް އަބްދުލް ހަކީމް - 42:39 މިނެޓް
  3. ވަނަ: އައިޝަތު ރާނިޔާ - 42:49 މިނެޓް

މިއަދު ހެނދުނު ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުން ފަށައިގެން ބޭއްވި މި ރޭހުގައި 10 ކިލޯމީޓަރުގެ ރޭހުގެ އެއް ވަނަ ހޯދި އަންހެން، ފިރިހެން ދުވުންތެރިޔާ އަށް 21،000ރ، ދެ ވަނަ ހޯދި އަންހެން، ފިރިހެން ދުވުންތެރިޔަކަށް 10،000ރ، އަދި ތިން ވަނަ ހޯދި އަންހެން، ފިރިހެން ދުވުންތެރިޔަކަށް 5000ރ. ހުށަހަޅާފައިވެ އެވެ.

އެމްވީރަންގައި ބައިވެރިވެ ނަސީބުވެރިންގެ ގޮތުގައި ހޮވުނު ހަ ދުވުންތެރިން - ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ރޭހުގެ ވަގުތުގެ ގޮތުގައި ކަނޑައަޅާފައިވާ ދޮޅު ގަޑިއިރުގެ ތެރޭގައި 10 ކިލޯމީޓަރު ފުރިހަމަ ކުރި ދުވުންތެރިންގެ ތެރެއިން ގުރުއަތުން ހޮވި ހަ ނަސީބުވެރިންގެ ތެރެއިން ކޮންމެ މީހަކަށް 42،200ރ. ވެސް ދިނުމަށް ކަނޑައަޅާފައިވެ އެވެ. އެއީ ޖުމްލަ 252،000ރ. އެވެ.

އެމްވީރަންގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ބައިވެރިވެ ވަޑައިގެން 10 ކިލޯމީޓަރު ފުރިހަމަ ކުރެއްވެވި އެވެ. އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) ވެސް މިއަދުގެ ރޭހުގައި ދުވެފައިވެ އެވެ.

މިއަދުގެ ދުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ދުވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މި ދުވުމުގައި 309 މީހުން ރެޖިސްޓަ ކުރި ނަމަވެސް ދުވެފައިވަނީ 277 މީހުންނެވެ. އެއީ 205 ފިރިހެން ދުވުންތެރިންނާއި 72 އަންހެން ދުވުންތެރިންނެވެ.

ފިރިހެން ކެޓަގަރީގެ ގިނަ ދުވުންތެރިން ރޭސް ފުރިހަމަ ކުރީ 50 މިނެޓުންނެވެ. އަންހެން ކެޓަގަރީގެ ގިނަ މީހުން ފުރިހަމަ ކުރީ އެއް ގަޑިއިރާއި 10 މިނެޓް ތެރޭގަ އެވެ.

ކުރިން ޓީއެފްޖީގެ ދުވުންތަކުގައި ބޭރުގެ ޓައިމިން ސިސްޓަމް ބޭނުން ކުރި ނަމަވެސް، މި ފަހަރުގެ ދުވުމަށް ބޭނުންކުރީ އަމިއްލަ މޯބައިލް އެޕަކާއި ޓައިމިން ސިސްޓަމެކެވެ. ދުވުން ކުރިއަށް ދިޔަ ވަގުތުގައި އަދި ފަހުން ވެސް މި އެޕުން ދުވުންތެރިންގެ ރޭންކާއި ތަފާސްހިސާބު ވެސް ބަލާލެވެ އެވެ.

ކުރިއަށް ހުރި ދުވުންތައް

  • ސެޕްޓެމްބަރު 2: ބޮޑު ފަހެއް
  • ޑިސެމްބަރު 9: ދަ މޯލްޑިވްސް ލޯންގް ރަން