Advertisement

"ޕާޓީ ސިސްޓަމް މިއަދުން މިއަދަށް! ދެން ލަލަލާ!"

2 ޖޫން 2022 - 14:13 0

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


"ޕާޓީ ސިސްޓަމް މިއަދުން މިއަދަށް! ދެން ލަލަލާ!"

2 ޖޫން 2022 - 14:13 0

އެއީ ޖޫން 2، 2005 ވީ ބުރާސްފަތި ދުވަހެވެ. އެ ދުވަހުގެ ފަތިސް ނަމާދަށްފަހު ރައްޔިތުންގެ މަޖިލިސްކުރާ ގެ ކައިރީގައި ދަމާލި ދިގު ކިޔޫ އަކީ ރައްޔިތުންގެ މަޖިލީހުގެ 2005 ވަނަ އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަޑުއެހުމަށް ވަންނަން އެދިގެން ތިބި މީހުންނެވެ. ސަފުގެ އެންމެ ކުރީގައި ހުންނެވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް، މުހައްމަދު ނަޝީދު އެވެ. ޖަލްސާ ފެށުމުގެ ވަގުތު ކުޑަތަންވެފައި ވަނިކޮށް، ކިޔަމަންތެރިކަމާއެކު ކިޔޫގައި ތިބި ރައްޔިތުންނާ ދިމާކޮށްލީ ސިފައިންގެ ފައުޖެކެވެ. ސަފުތައް ފޫއަޅުވާލާފައި ގޮސް އެއްވެސް ސަބަބެއް ވެސް އެންގުމެއް ނެތި ނަޝީދު ހައްޔަރުކޮށްގެން ގެންދިޔައީ އެވެ. އެކަމަށް ހުރަސް އަޅަން މަސައްކަތްކުރެއްވި ބައެއް ބޭފުޅުންނަށްވެސް ޖެހިވަޑައިގަތީ ނަޝީދު އަރިހުގައި ސިފައިންގެ ބެލުމުގެ ދަށަށް ވަޑައިގަންނަވާށެވެ. މާލެތެރޭގެ އެކި ދިމަދިމާލުން ސިފައިން ނުކުމެ އެކި މީހުން ހައްޔަރުކުރި އެވެ. އެއީ އެ ދުވަސް ފެށުނު ގޮތެވެ.

އެ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި އޮތް އެންމެ މުހިންމު ކަމަކީ ރާއްޖޭގައި ސިޔާސީ ޕާޓީ އުފައްދަން ހުއްދަދިނުމާމެދު ގޮތެއް ނިންމައި ދިނުމަށް އެދި ސަރުކާރުން ފޮނުވާފައިވާ މައްސަލަ އެވެ. އެކަމަކީ 2001 ވަނަ އަހަރު މަޖިލީހުން ގޮތް ނިންމަވާފައިވާ ކަމެކެވެ. ޖޫން 17، 2001 ގައި ރައްޔިތުންގެ މަޖިލީހުން އެ މައްސަލައިގައި ނިންމާފައި އޮތީ ސިޔާސީ ޕާޓީ އުފައްދަން ހުއްދަދޭން ނުފެންނަ ކަމަށެވެ. އޭރުގެ ބަންޑާރަނައިބުގެ ލަފަޔަކީވެސް އެއީ އެވެ. ރާއްޖޭގައި ސިޔާސީ ޕާޓީ އުފެއްދުމަށް ތާއީދުކޮށް ވޯޓު ދެއްވީ އޭރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި 48 މެންބަރުންގެ ތެރެއިން އެންމެ ފަސް މެންބަރުންނެވެ.

ގޮތެއް ނިމިފައި އޮތް ކަމަކަށް ވިޔަސް، އެ މައްސަލަ ދެވަނަ ފަހަރަށް މަޖިލީހަށް ފޮނުވަންޖެހުނީ އާ ބަންޑާރަނައިބު ދެއްވާފައިވާ ލަފަޔާ ގުޅިގެންނެވެ. ރައީސް މައުމޫނުގެ ކެބިނެޓަށް ބަންޑާރަނައިބެއްގެ ގޮތުގައި އައްޔަނުކުރެއްވި ޒުވާން ވަޒީރު، ޑރ.ހަސަން ސައީދު ދެއްވި ލަފާގައި ވިދާޅުވީ، ސިޔާސީ ޕާޓީ އުފެއްދުން މަނާކުރާ މާއްދާއެއް އޭރު އަމަލުކުރަމުން ދިޔަ ގާނޫނު އަސާސީގައި ނެތް ކަމަށެވެ. ރާއްޖެއަކީ ޑިމޮކްރެޓިކް ހަމަތައް ގަބޫލުކުރާ ގައުމެއްކަމަށް އެ ގާނޫނު އަސާސީގައި ވެސް ބުނެފައި އޮތްއިރު، ޑިމޮކްރަސީގެ އެންމެ އަސާސީ ސިފަޔަކީ ސިޔާސީ ޕާޓީތައް ކަމަށް ބަންޑާރަނައިބު ޑރ.ހަސަން ސައީދު ދެކެވަޑައިގަތެވެ. ސަރުކާރުން ނިންމީ އެ ލަފަޔާމެދު ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތެއް ހޯދުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މި ތާރީހީ ޖަލްސާއަށް ހާޒިރުވެޑައިގަތީ 46 މެންބަރުންނެވެ. މާލޭގެ މެންބަރު މުހައްމަދު ޝިހާބާއި ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ޒާހިޔާ ޒަރީރު ހުންނެވީ ޗުއްޓީގަ އެވެ. އަރިއަތޮޅު ދެކުނުބުރީ މެންބަރު އަބްދުއްރަޝީދު އަލީ ހުންނެވީ ސަލާމުގަ އެވެ. ތިލަދުންމަތީ ދެކުނުބުރީ މެންބަރު އަހުމަދު އަބްދުﷲ ވަޑައިނުގަންނަވާ ސަބަބެއް އަންގަވާފައެއް ނެތެވެ. ޖަލްސާ އަޑުއެހުމަށް ހާޒިރުވި އާންމުންގެ އަދަދަކީ 120 އެވެ. އެއީ މަޖިލިސްކުރާ ގޭގެ ބޭރުގައި ތިބި ވަރަށް ގިނަ މީހުންގެ ތެރެއިން ކިޔޫގެ ކުރީގައި ތިބި މީހުންނާއި އެގޮތްމިގޮތަށް އެތެރެޔަށް ދެމިގަތް މީހުންނެވެ. ޖަލްސާ އަޑުއަހަން ތިބި ސުކޫލު ކުދިންގެ އަދަދަކީ 9 އެވެ. ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަހުމަދު ޒާހިރު އެވެ.

އެޖެންޑާގެ ފުރަތަމަ އައިޓަމަކަށް އޮތީ ދެ ވަޒީރަކާ ސުވާލުކުރުމެވެ. ރައްޔިތުންގެ މަޖިލީހުގެ އައްޑުއަތޮޅު މެންބަރު އިބްރާހީމް ޝަރީފް އެޓޯލްސް މިނިސްޓަރު އަލްއުސްތާޒު އަބްދުﷲ ހަމީދުއާ ސުވާލުކުރެއްވީ މަރަދޫ ކަތީބު އަބްދުއްލަތީފްއާއި ކަތީބު އަބްދުﷲ ސައީދުއާއި ހުޅުދޫ ކަތީބު އަބްދުއްޝަފީގު ވަކި ސަބަބެއް އެންގުމަކާނުލައި ގޭގައި މަޑުކޮށްލަން އަންގާފައިވާތީ އެކަމާ ގުޅިގެނެވެ. މާލޭގެ މެންބަރު އިބްރާހީމް އިސްމާއީލް ހޯމް މިނިސްޓަރު އުމަރު ޒާހިރުއާ ސުވާލުކުރެއްވީ ތިން ޖަމްއިއްޔާއެއް ރަޖިސްޓްރީކޮށްނުދީ ހިފަހައްޓާފައި އޮތީ ކީއްވެތޯ އެވެ. އެ ސުވާލުތަކަށް ވަޒީރުން ޖަވާބު ދެއްވުމުން ދެން އޮތީ ސިޔާސީ ޕާޓީ އުފެއްދުމަށް ހުއްދަދިނުމާމެދު މަޖިލީހުން ގޮތެއް ނިންމުމަށް އެދި ސަރުކާރުން ހުށަހެޅި މައްސަލައަށް ބަހުސްކޮށް ގޮތެއް ނިންމުމެވެ.

މައްސަލަ ތައާރަފްކޮށްދެއްވައި އިތުރު ބަޔާނެއް ދެއްވީ ބަންޑާރަނައިބު ޑރ.ހަސަން ސައީދު އެވެ. ބަންޑާރަނައިބުގެ ވާހަކަފުޅުގައި، އޭނާގެ ގާނޫނީ ލަފާ ބިނާކުރެއްވި ގޮތާއި، ކުރީގެ ބަންޑާރަނައިބު ޑރ.މުހައްމަދު މުނައްވަރު ދެއްވި ގާނޫނީ ލަފަޔާ ތަފާތު ލަފައެއް ދެއްވި ސަބަބުތައް ތަފްސީލުކޮށްދެއްވި އެވެ. މި ބަޔާނަށް ފަހު މަޖިލިސް ތަޅުން ބަހުސަށް ހުޅުވާލެވުނެވެ. ބަހުސްކުރުމަށް ކަނޑައެޅުނީ 3 ގަޑިއިރާއި 30 މިނެޓްގެ ވަގުތުކޮޅެކެވެ. އެންމެ ފުރަތަމަ ވާހަކަފުޅު ދެއްކެވީ މިލަދުންމަޑުލު ދެކުނުބުރީ މެންބަރު އަބްދުﷲ ޔާމީން އެވެ. އޭނާގެ ވާހަކަފުޅުގައި ސިޔާސީ ޕާޓީ އުފެއްދުމަށް ތާއީދުކުރައްވާކަން ހާމަކުރައްވައި ވިދާޅުވީ "ރާއްޖޭގައި ސިޔާސީ ޕާޓީ އުފެއްދުމަކީ ދަނޑިވަޅު އައިސް ޖެހިއްޖެ ކަމެއް ކަމުގައި ނިންމަވައި ދެއްވުމަކީ އަޅުގަނޑު އެދޭ ކަމެއް" ކަމަށެވެ.

ޔާމީނަށްފަހު ވާހަކަ ދެއްކެވި، ނިލަންދެއަތޮޅު އުތުބުރީ މެންބަރު އަހުމަދު ސިޔާމުއާއި، އައްޑުއަތޮޅު މެންބަރު އިބްރާހީމް ޝަރީފްއާއި ކޮޅުމަޑުލު މެންބަރު އިބްރާހީމް ޝަރީފް ވާހަކަފުޅު ދެއްކެވީ ސިޔާސީ ޕާޓީތަކަށް ހުއްދަ ދިނުމަށް ބާރުއަޅުއްވަ އެވެ. މާޅޮސްމަޑުލު އުތުރުބުރީ މެންބަރު އިބްރާހީމް ޝަހީދު ވިދާޅުވީ ސިޔާސީ ޕާޓީ ހުއްދަކުރުމަކީ ރާއްޖޭގެ ހާލަތު އޮތްގޮތުން އެއްގޮތަކަށްވެސް ފެނިވަޑައިގަންނަވާ ކަމެއް ނޫންކަމުގަ އެވެ. ހުވަދުއަތޮޅު އުތުބުރީ މެންބަރު އަބްދުﷲ ޖާބިރަށް ފުރުސަތު ލިބިވަޑައިގެންނެވިއިރު އޮތީ އިންޓަވަލް ގަޑި ކައިރިވެފަ އެވެ. ގަޑިޖެހެން އޮތީ 5 މިނެޓެވެ. އެހެންނަމަވެސް މެދުކެނޑުމެއްނެތި 10 މިނެޓް ވާހަކަފުޅު ދެއްކެވުމުން، ރިޔާސަތުން އެންގެވީ ވަގުތަށް އިހުތިރާމު ކުރުމަށެވެ. "ވަރަށް އަވަސް ކުރާނަން އިނގޭތޯ" ވިދާޅުވެ އިތުރު 10 މިނެޓް ވާހަކަ ދެއްކެވުމުން ރިޔާސަތުން އަނެއްކާވެސް އެންގެވީ ކުރުކޮށްލުމަށެވެ. "އާދެ.. ދެން މަނިކުފާނު ވީމާ ޖެހޭނީ ހުއްޓާލާކަށް ނޫންތޯ އޭ.. އެގޮތުން މި ދަންނަވަނީ.." އޭ ވިދާޅުވެ އަނެއްކާވެސް އިތުރު 5 މިނެޓެއްހައިއިރު ވާހަކަފުޅު ދެއްކެވި އެވެ. އެ ހުރިހާ ވާހަކައެއްގެ ހުލާސާއަކީ ރާއްޖޭގައި ސިޔާސީ ޕާޓީ ހުއްދަކުރަން ފެނިވަޑައިގަންނަވާ ކަމެވެ.

އިންޓަވަލް ގަޑިއަށްފަހު ފުރަތަމަ ވާހަކަ ދެއްކެވީ ހައްދުންމަތީ މެންބަރު މޫސާ މަނިކެވެ. ވަރަށް ދިގުކޮށް ވިދާޅުވީ ސިޔާސީ ޕާޓީ އުފެއްދުމަކީ މިހާރު ނުކޮށް ވާން ނެތް ކަމެއް ކަމުގަ އެވެ.

ފާދިއްޕޮޅު މެންބަރު އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވީ، ސިޔާސީ ޕާޓީ އުފެއްދުމަކީ ގާނޫނުއަސާސީން ހުއްދަކޮށްފައި އޮތް ކަމަކަށްވާއިރު، އެކަމުގައި އިދާރީ ގޮތުން ހުއްދަ ދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް މައްސަލައެއް ހުށަހަޅަންޖެހޭނޭ ކަމަށްވެސް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެންނަމަވެސް ވޯޓަކަށް ގޮސްފިނަމަ އަމަލުކުރައްވާނީ 2001 ވަނަ އަހަރުވެސް އަމަލުކުރެއްވި ގޮތަށް ކަމަށާއި، ރާއްޖޭގައި ސިޔާސީ ޕާޓީ އުފެއްދުން ހުއްޓުވޭނޭ އެއްގޮތެއް ވެސް ނޯންނާނޭ ކަމަށް ވެސް ވާހަކަފުޅުގައި ވިދާޅުވި އެވެ. އެ މެންބަރުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވި ކަންބޮޑުވުމަކީ އެ ދުވަހުގެ ޖަލްސާއާ ދިމާކޮށް، ނަޝީދާއި އިތުރު ބައެއް މީހުން ހައްޔަރުކޮށްފައިވާކަމުގެ ކަންބޮޑުވުމެވެ. އެ އެންމެންނަކީ 2001 ވަނަ އަހަރު ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތްކުރެއްވި ބޭފުޅުންކަންވެސް ކަންބޮޑުވުމާއެކު ފާހަގަކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޭރު ކުރިއަށް ގެންދަނީ މެންދުރު 12 ޖަހަންދެނެވެ. މެންބަރުން ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް، މަޖިލީހުގެ ޖަލްސާއަށް ކަނޑައެޅިފައި އޮތް ވަގުތު ހަމަވާކަން ރިޔާސަތުން އިއުލާނުކުރެއްވި އެވެ. އެހެން ވިދާޅުވުމާއެކު މަޖިލިސް ތަޅުން ކެކިގަތެވެ. އިއުތިރާޒުގެ ފުރަތަމަ ބަސް ވިދާޅުވީ އައްޑުއަތޮޅު މެންބަރު އިބްރާހީމް ޝަރީފް އެވެ. ބަހުސަށް ކަނޑައެޅުއްވި 3 ގަޑިއިރާއި 30 މިނެޓުގެ ވަގުތު ލިބިދީ ވޯޓަށް އެހުމަށްފަހުގައި މެނުވީ ޖަލްސާ ނިންމާ ނުލުމަށް އޭނާ އެދިވަޑައިގަތެވެ. އެ ހުށަހެޅުމަށް ތާއީދު ލިބުނު ނަމަވެސް އިތުރު މެންބަރުން ފުރުސަތު ނުދެއްވަނީސް ތެދުވެވަޑައިގެން ވަރަށް ގިނަ ހުށަހެޅުއްވުންތަކާއި ހިޔާލުތައް ހުށަހެޅުއްވި އެވެ.

ރިޔާސަތުން ނިންމެވީ އައްޑުއަތޮޅު މެންބަރު އިބްރާހީމް ހުށަހެޅުމަށް ވޯޓަށް އެއްސެވުމަށެވެ. ވޯޓަށްފަހު މަޖިލިސްތެރެ ހޫނުވެ، ރިޔާސަތުން ފުރުސަތު ނުދެއްވަނީސް މެންބަރުން ތެދުވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ގެންދެވި އެވެ. މަޖިލިސް ތަޅުން ހަމައަކަށް އަޅުއްވައި، ރިޔާސަތުން އިއުލާނުކުރެއްވީ އައްޑުއަތޮޅުގެ މެންބަރު އިބްރާހީމް ޝަރީފްގެ ހުށަހެޅުން ފާސްނުވި ކަމަށެވެ. އެހެންނަމަވެސް، "އެއްވެސް މެންބަރަކު އިއުތިރާޒު ނުކުރައްވާނަމަ" އެޖެންޑާ އައިޓަމް ނިމެންދެން ޖަލްސާ ކުރިއަށް ގެންދަވާ ގޮތަށް ނިންމެވީކަމުގައި ރިޔާސަތުން އިއުލާނުކުރެއްވި އެވެ. އަދި ކޮންމެ މެންބަރަކުވެސް ވާހަކަފުޅު ދެއްކެވުމަށް 5 މިނެޓްގެ ވަގުތު ކަނޑައެޅުއްވި އެވެ. އެ ދުވަހުގެ ކުރިން ތަޅުމުގައި އަމަލުކުރާ ގޮތަކީ މުޅި ބަހުސަށް ވަގުތު ކަނޑައެޅުމެވެ. ކޮންމެ މެންބަރަކަށް ކިތައް މިނެޓުތޯ ކަނޑައެޅިފައި ނޯވެ އެވެ. ކޮންމެ މެންބަރަކަށް ލިބިވަޑައިގަންނަވާނީ 5 މިނެޓްކަމަށް ރިޔާސަތުން ކަނޑައެޅުއްވި ނަމަވެސް، ބައެއް މެންބަރުން 15 ވަރަކަށް މިނެޓުވެސް ވާހަކަފުޅު ދެއްކެވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި އާންމު ގޮތެއްގައި ހޭދަވަނީ 3 ގަޑިއިރާއި 30 މިނެޓް ނަމަވެސް، އެދުވަހުގެ ޖަލްސާ 5 ގަޑިއިރަށް ދެމިގެން ދިޔަ އެވެ. ސިޔާސީ ޕާޓީ އުފައްދަން ހުއްދަ ދިނުމުގައި ހުރި ކަންބޮޑުވުންތައް ފާޅުކުރުމާއެކުވެސް އެ ހުއްދަ ދޭންވެއްޖެކަމަށް މެންބަރުން ވާހަކަފުޅު ދެއްކެވި އެވެ. ދެން އޮތީ ވޯޓަށް އެހުމެވެ. ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި 46 މެންބަރުންގެ އިއްތިފާގުން ފާސްވީ ޖަމިއްޔާ ޖަމާއަތް އުފެއްދުމަށް ގާނޫނުއަސާސީން ލިބިދޭ މިނިވަންކަމުގެ ތެރޭގައި ސިޔާސީ ޕާޓީ އުފައްދައި ހިންގުމަށް ފުރުސަތު ދިނުމަކީ ރައްޔިތުންގެ މަޖިލީހަށް ފެންނަ ކަމެއް ކަމުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެ ނިންމުމަށްފަހު އޭރު ސަރުކާރާ އިދިކޮޅު މެންބަރުން މިސްރާބު ޖެއްސެވީ ފަހުން އެމްޑީޕީގެ މައި މަރުކަޒަކަށްވީ ދުންފިނި ހަރުގެއަށެވެ. ދުންފިނި ހަރުގޭ ކުރިމަތީގައި ދަމާފައި އޮތް ބެނާގައި ލިޔެފައި އޮތް 'ޕާޓީ ސިސްޓަމް މިއަދުން މިއަދަށް. ދެން ލަލަލާ!' އަކީ ރައްޔިތުންގެ އެތައް ދުވަހެއްވީ މަސައްކަތެއްގެ ކާމިޔާބީ އިއުލާނުކުރި އިބާރާތެވެ. ރައްޔިތުންގެ މަޖިލީހުގެ ނިންމުމަށްފަހު ސިޔާސީ ޕާޓީތައް ރަޖިސްޓްރީކޮށްދިނުމަށް ނިންމިކަން ހޯމް މިނިސްޓްރީން އިއުލާނުކުރުމާއެކު އެންމެ ފުރަތަމަ ރަޖިސްޓްރީކުރެވުނު ސިޔާސީ ޕާޓީއަކީ އެމްޑީޕީ އެވެ. ދެން ރައީސް މައުމޫނުގެ ޑީއާރުޕީ އެވެ. އޭގެ ފަހުން އެތައް ޕާޓީއެއް އުފެދި، އެތައް ޕާޓީތަކެއް އުވިގޮސްފި އެވެ.

މީގެ 17 އަހަރުކުރިން މި ދުވަހު، ސިޔާސީ ޕާޓީތައް އުފައްދައި ހިންގަން ހުއްދަ ދިނީ އެ ހުއްދަ ދިނުން ނޫން ގޮތެއް ނެތުމުންނެވެ. އޭރުވެސް ސިޔާސީ ޕާޓީތައް ދިޔައީ ހިނގަމުންނެވެ. ސަރުކާރު ހިންގާ ޕާޓީއާއި، ސަރުކާރު ތެރޭގައި ފެކްޝަންތަކުގެ ބައިބައިވުމުގެ ތެރެއިން އުފެދިފައި ހުރި ކުދި ޕާޓީތަކާއި، ސަރުކާރާއި ދިމާ އިދިކޮޅު މީހުންގެ އެކުވެރި ޖަމްއިއްޔާތަކަކީ ސިޔާސީ ޕާޓީތަކެކެވެ. ހަމައެކަނި ތަފާތަކީ ސިޔާސީ ޕާޓީއެކޭ ކިޔައި ރަޖިސްޓްރީ ކުރެވިފައި ނުހުންނަ ކަމެވެ. ދިވެހި ރައްޔިތުންގެ ތެރެއިން ބަޔަކު ކުޅަ މަސައްކަތުން ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ ލިބި، އެކަމުގައި ރަސްމީ ސިއްކަ ޖެހިގެން ދިޔަ ދުވަހަކީ މިއީ އެވެ.