1 ޖޫން 2022 - 09:33 0
ރޭގެ މެޗަށް ފަހު ނަޑާލް އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ
1 ޖޫން 2022 - 09:33 0
ޕެރިސް (ޖޫން 1) - ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލުގައި ރޭ ދުނިޔޭގެ އެއް ވަނަ ނޮވަކް ޖޮކޮވިޗް އަތުން މޮޅުވެ، ރަފައެލް ނަޑާލް ސެމީ ފައިނަލުން ފުރުސަތު ހޯދިއިރު، ރަނގަޅު ފޯމެއްގައި ކުޅެމުން އައި ސްޕެއިންގެ ކާލޯސް އަލްކަރާޒް ކުޅުނު މެޗުން އަލެކްސަންޑަ ޒްވެރެވް އަތުން ބަލިވެ ކަޓައިފި އެވެ.
ހަތަރު ގަނޑި އިރަށް ދިގުދެމިގެންދިޔަ މެޗުން ނަޑާލް މޮޅުވިއިރު، ސެޓުތައް ދިޔައީ 6-2 4-6 6-2 7-6 (7-4) އިންނެވެ.
ފްރެންޗް އޯޕަން ތަށި 13 ފަހަރު ހޯދާފައިވާ ނަޑާލް މި ވަނީ ކެރިއަރުގައި، 29 ވަނަ ފަހަރަށް ޖޮކޮވިޗް ބަލިކޮށްފަ އެވެ. އަދި ކްލޭ ކޯޓުގައި ނަޑާލްގެ ރެކޯޑް މާ ރަނގަޅެވެ. މިއީ ޖޮކޮވިޗް އަތުން ކްލޭ ކޯޓުގައި ނަޑާލް މޮޅުވި 20 ވަނަ މެޗެވެ.
"ނޮވަކް (ޖޮކޮވިޗް) އަތުން މޮޅުވެވޭނީ ފުރަތަމަ ޕޮއިންޓުން ފެށިގެން އެންމެ ފަހު މިނިޓާ ހަމައަށް މޮޅަށް ކުޅެގެން. މިއީ އެ ފަދަ ގޮތަކަށް ދިޔަ މެޗެއް، ސަޕޯޓަރުންނަށް ޝުކުރު އަދާކުރަން، މިއީ އަހަރެންގެ ޓެނިސް ކެރިއަރުގައި ހާއްސަކޮށް ހަނދާން ހުންނާނެ މެޗެއް،" ރޭގެ މެޗަށް ފަހު 35 އަހަރުގެ ނަޑާލް ބުންޏެވެ.
ޖޮކޮވިޗް ބުނީ ނަޑާލް މި މެޗުގައި ވެސް ސާބިތުކޮށްދިނީ އޭނަ އަކީ އަދިވެސް މެންޓަލީ ވަރުގަދަ ކުޅުންތެރިއެެއް ކަމަށާއި ދެއްކި ކުޅުމަށް ބަލާއިރު، ނަޑާލަށް މި މޮޅު ހައްގުވާ ކަމަށެވެ.
މި ފަހަރުގެ ފްރެންޗް އޯޕަން ކާމިޔާބުކޮށްފިނަމަ ނަޑާލަށް 22 ވަނަ ގްރޭންްޑް ސްލޭމް ތަށި ހާސިލްކޮށް، ރެކޯޑް ލީޑު ފުޅާކުރެވޭނެ އެވެ.
ހުކުރު ދުވަހު ކުޅޭ ސެމީ ފައިނަލް މެޗުގައި ނަޑާލް ނުކުންނާނީ ޒްވެރެވްއާ ދެކޮޅަށެވެ. ޒްވެރެވް ވަނީ ރޭގެ ކުއާޓާ ފައިނަލް މެޗުގައި ސްޕެއިނުގެ އަލްކަރާޒް ބަލިކޮށްފަ އެވެ.
އުމުރުން 19 އަހަރުގެ އަލްކަރާޒަކީ މި މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ވެސް ބެލުނު ކުޅުންތެރިއެކެވެ. އެކަމަކު، ރޭ ޒްވެރެވާ ދެކޮޅަށް ގޯސްތަކެއް ހެދި މެޗުން ބަލިވީ އެވެ. މެޗުގެ ސެޓުތައް ދިޔައީ 6-4، 6-4، 4-6، 7-6، (9-7) އިންނެވެ.
ސެމީގެ އަނެއް މެޗުގައި ޖެހޭ ދެ ކުޅުންތެރިއަކު އެނގޭނީ މިއަދު ކުޅޭ ކުއާޓާގެ ފަހު ދެ މެޗަށް ފަހު އެވެ.
Comment