28 މޭ 2022 - 14:03 1
އަމަން ހަލީމް
އޮފީހެއްގެ މުވައްޒަފުންތަކެއް:ދިވެހިންގެ ހުނަރުވެރިކަން އިތުރުކުރަން ވެސް ވާލްޑް ބޭންކުގެ އެހީ ބޭނުންކުރާނެ. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު
28 މޭ 2022 - 14:03 1
ދިވެހި މަސައްކަތްތެރިންނަށް އިޖުތިމާއީ ރައްކާތެރިކަމުގެ ކަވަރޭޖު ރަނގަޅު ކުރުމަށާއި ވަޒީފާ އަދާކުރުމުގެ ގާބިލުކަން އިތުރުކުރަން ވާލްޑް ބޭންކުން ދޭން ނިންމާފައިވާ 24 މިލިއަން ޑޮލަރު (360 މިލިއަން ރުފިޔާ)ގެ ހިލޭ އެހީ ބޭނުންކޮށްގެން، ވަޒީފާ ނެތް މީހުންނަށް އިނާޔަތް ދޭން ފަންޑެއް ގާއިމްކުރަން ނިންމައިފި އެވެ.
ވަޒީފާ ނެތް މީހުންނަށް އެލަވަންސެއް ދޭން ފެށުމަކީ މި ސަރުކާރުގެ ވައުދެކެވެ. އަދި، މިދިޔަ އަހަރު ނޮވެމްބަރުގައި މިނިމަމް ވޭޖް ގަރާރު ނެރުއްވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ވާލްޑް ބޭންކާ ގުޅިގެން މި މަސައްކަތް ކުރެވެމުންދާ ކަން ހާމަކުރައްވާފަ އެވެ.
މަސައްކަތްތެރިންނަށް އަމާޒުކޮށް ވާލްޑް ބޭންކުން އިއުލާނުކުރި މި ޕެކޭޖާއެކު މިހާރު އެކަން ކުރެވޭނެ މަގުފަހިވީ އެވެ.
ވާލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން އިއްޔެ ފާސްކުރި މި ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫއަށް ދީފައިވާ ނަމަކީ ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓަޑް ލޭބާ ސާވިސަަސް (ސެއިލްސް) އެވެ. މި މަޝްރޫއުގެ ދަށުން ވަޒީފާ ނެތް މީހުުންގެ އިންޝުއެރެންސް ސްކީމެއްގެ އިތުރުން ވަޒީފާގެ ހިދުމަތުގެ ސްކީމެއް ގާއިމްކުރެވޭނެ އެވެ.
މި މަޝްރޫއަށް ހަރަދުކުރާ ފައިސާ ވާލްޑް ބޭންކުން ހަމަޖެއްސީ ތަރައްގީވަމުން އަންނަ ގައުމުތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ އެ ބޭންކުގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިންނެވެ.
ރާއްޖެއަށް ދޭން ނިންމާފައިވާ އެހީއާ ގުޅީގެން ވާލްޑް ބޭންކުގެ ނޫސް ބަޔާނެއްގައިވާ ގޮތުގައި ވަޒީފާ ނެތް މީހުންނަށް އިނާޔަތްދޭ ސްކީމަަށް ބޭނުންކުރާ ފަންޑު ގާއިމުކުރާނީ ވާޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތައް ގުޅިގެންނެވެ. މި ފަންޑު ބަލަހައްޓާނީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުންނެވެ.
މި ފަންޑުން ނުރަސްމީ އަދި އަމިއްލަ މަސައްކަތް ކުރާ މީހުންނަށް ވެސް އިގުތިސޯދީ ކާރިސާތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ގޮންޖެހުންތައް ދިމާވާ ހާލަތްތަކުގައި ފައިސާ ހޯދުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.
ސެއިލްސް މަޝްރޫއުގެ ދަށުން ކުރެވޭ އަނެއް މަސައްކަތަކީ އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރުތައް ފުޅާކުރުމެވެ. އެގޮތުން، ފަސް ސަރަހައްދީ ހަބް ގާއިމުކޮށް، ކައުންސެލިން އާއި ވަޒީފާ ހޯދުމުގައި އެހީތެރިވެދިނުމުގެ އިތުރުން ތަމްރީނުތަކާއި ކޯޗިން ދީގެން ވަޒީފާ ހޯދަން އެހީ ދޭން ވާލްޑް ބޭންކުގެ އެހީ ބޭނުންކުރާނެ އެވެ.
ވާލްޑް ބޭންކުގެ ދިވެހި މަސައްކަތެރިންނަށް އަމާޒުކޮށް އެހީ ދޭން ނިންމި ސަބަބުތަކުގެ ތެރޭގައި ވަޒީފާ ނެތް ޒުވާނުންގެ ނިސްބަތް މަތި މައްސަލައަށް ހައްލެއް ހޯދައި ދިނުމާއި ވަޒީފާތަކުގައި އަންހެނުން އިތުރުކުރުމާއި ވަޒީފާ އަދާކުރުމުގައި ދިވެހިންގެ ގާބިލުކަން އިތުރުކުރުން ހިމެނެ އެވެ.
މި އެހީއާ ގުޅިގެން ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވީ "މި އެހީތެރިކަމުގެ ސަބަބުން ފަތުރުވެރިކަމާއި އިއާދަކުރަނިވި ހަކަތަ ފަދަ މުހިންމު ދާއިރާތަކުން ވަޒީފާ އިތުރުކޮށް، އިގްތިސާދީ ފުރުސަތުތަކަށް ވާސިލުވެވޭނެ މަގު ތަނަވަސްވެގެންދާނެ" ކަމަށެވެ.
"ސެއިލްސް" މަޝްރޫއު ކުރިއަށް ގެންދާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ގުޅިގެންނެވެ.
66.67%
0.00%
0.00%
33.33%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment