20 މޭ 2022 - 14:17 0
20 މޭ 2022 - 14:17 0
މުމްބާއީ، އިންޑިއާ (މެއި 20) - އިންޑިއަން ޕްރިމިއާ ލީގުގައި ރޭ އެއް ވަނައިގައި އޮތް ގުޖުރާތު ޓައިޓަންސް އަތުން ރޯޔަލް ޗެލެންޖާސް ބެންގަލޫރު (އާރްސީބީ) މޮޅުވި ނަމަވެސް ޖުމްލަކޮށް މި މުބާރާތުގައި އޭނާ އަށް މިހާތަނަށް ދެއްކުނު ކުޅުމާ މެދު ހިތްހަމަނުޖެހޭ ކަމަށް ބެންގަލޫރު ޓީމުގެ މަޝްހޫރު ކްރިކެޓް ތަރި، ވިރާތު ކޯލީ ބުނެފި އެވެ.
ގުޖުރާތު ޓައިޓަންސް އަތުން ބެންގަލޫރު މޮޅުވީ އަށް ވިކެޓުންނެވެ. މި ނަތީޖާއާ އެކު މި ވަގުތު ބެންގަލޫރު އޮތީ ލީގު ތާވަލުގެ ހަތަރު ވަނައިގައި ބެންގަލޫރަށް ޕްލޭއޮފްގެ އުންމީދު ލިބުނީ ރޭގެ މެޗުން މޮޅުވެގެންނެވެ. ރޭގެ ނަތީޖާއާ އެކު ޕަންޖާބް ކިންގްސް އާއި ސަންރައިޒާސް ހައިދަރުއާބާދު ވަނީ ކަޓައިފަ އެވެ.
މުމްބާއީގެ ވަންކެޑޭ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ޓޮސް ދިމާވުމުން ގުޖުރާތުން ނިންމީ ބެޓް ކުރާށެވެ. އެ ޓީމުން 20 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 168 ލަނޑު އެއްކުރި އެވެ. ޖަވާބުގައި ބެންގަލޫރުން ކުޅެން އަރައި، 18.4 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވިއިރު، 170 ލަނޑު ހަދައި މެޗުން މޮޅުވީ އެވެ.
ގުޖުރާތު ޓައިޓަންސް އަތުން މޮޅުވި މި މެޗުގައި ބެންގަލޫރަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ، 73 ޕޮއިންޓް ހެދި ވިރާތު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް ވިރާތު އެވެ.
ވިރާތު ބުނީ ލަނޑު އެއްކުރެވުނު މިންވަރަށް ނުބަލާ ކަމަށެވެ. އޭނާ އަށް މިހާތަނަށް ބެންގަލޫރު މި ފަހަރުގެ މުބާރާތުގައި ކުޅުނު މެޗުތަކުގައި ސަޕޯޓަރުންގެ އުންމީދުތަކާ އެއްވަރަށް ކުޅެވިފައިނުވާ ކަމަށް ވިރާތު ވަނީ ބުނެފަ އެވެ.
"މީގެ ކުރިން ވެސް އަހަންނަށް އެކި މުބާރާތްތަކުގައި ދިމާވެފައި ހުރި ކަންތައްތައް މި ފަހަރުގެ އައިޕީއެލްގައި ވެސް އެބަވޭ، 2018 ވަނަ އަހަރު އިންގްލެންޑްގައި ވެސް އަހަންނަށް ޕްރެޝަރުގައި ގޯސްތަކެއް ހެދުނު. އެހެން ތަޖުރިބާ އަކުން ފަށަން ބަލާއިރު، 2014 ވަނަ އަހަރުގެ ޓުއާގައި ވެސް އަހަންނަށް ލިބުނީ ރަނގަޅު ތަޖުރިބާއެއް، އަހަރެން ފަހުރުވެރިކަމާ އެކު އެ ތަޖުރިބާތަކުން ދަސްވި ކަންކަމަށް ބަލައިގެން މި ގޮތަށް މި ހުންނަނީ،" މިދިޔަ އަހަރު އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ކަމުން ވަކިވި ވިރާތު، 33، ބުންޏެވެ.
ޕްލޭއޮފްގެ ޖާގައެއް ބެންގަލޫރަށް ލިބެން އޮތީ މާދަމާ މުމްބާއީ އިންޑިއަަންސް އަތުން ދެއްލީ ކެޕިޓަލް ބަލިވެގެންނެވެ. އެ ނޫން ނަތީޖާއެއް ނުކުމެއްޖެނަމަ ބެންގަލޫރު ކަޓާނެ އެވެ. ވިރާތު ބުނީ އުންމީދަކީ ޕްލޭއޮފްގެ ޖާގައެއް ލިބުން ކަމަށާއި ބެންގަލޫރު ޓީމަށް ހުރިހާ މެޗެއް ހަމަވެފައި އޮތުމުން މި ވަގުތު އޮތީ ހަމައެކަނި އިންތިޒާރުކުރުން ކަމަށެވެ.
އައިޕީއެލްގައި މިރޭ ކުޅޭނީ ތިން ވަނައިގައި އޮތް ރާޖަސްތާން ރޯޔަލްސް އާއި މުބާރާތުން ކަޓާފައިވާ ޗެންނާއީ ސުޕަ ކިންގްސް އެވެ. މި މެޗުން ރާޖަސްތާން މޮޅުވެއްޖެނަމަ ޕްލޭއޮފް ޔަގީންވީ އެވެ. ފްލޭއޮފްގެ ޖާގަ ޔަގީންވެފައި އޮތީ ގުޖުރާތު ޓައިޓަންސް އާއި ލަކްނޯ ސުޕަ ޖަޔަންޓްސް އެވެ.
Comment