16 މޭ 2022 - 12:47 2
މުހައްމަދު އުޝާމް
ކުރީގެ މޭޖާ ޖެނެރަލް އަހްމަދު ޝިޔާމް: ކުރިން ދައުވާއަށް އިންކާރުކުރި، މިއަދު ވިދާޅުވީ ދައުވާ ސާފުނުވާ ކަމަށް - ފޮޓޯ: ރައީސް އޮފީސް
16 މޭ 2022 - 12:47 2
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމްއަށް ކުރާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާގެ ފޯމުގައި ކުށެއް ކަމަށް ހިމެނޭ އަމަލަކީ ސިފައިންގެ ގާނޫނާއި އުސޫލުތަކުން ހުއްދަ ކޮށްފައިވާ ކަމެއް ކަމަށް ބުނެ ކްރިމިނަލް ކޯޓުން އެ ދައުވާ ބޭރުކޮށްލަން މިއަދު ހުށަހަޅުއްވައިފި އެވެ.
ޝިޔާމަށް ދައުވާ ކުރަނީ ސިފައިންގެ އެންމެ އިސް ޖެނެރަލްގެ ގޮތުގައި އޭނާ ހުންނެވިއިރު ކ. ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު ހުންނަ ބިމުގައި ހުރި ވީއައިޕީ ގެއެއްގައި، އޭނާގެ ބައްޕަ އަހަރަކަށް ވުރެ ގިނަ ދުވަހު ބަހައްޓައި، އޭނާގެ ބައްޕަ ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ އޮފިސަރަކާ ހަވާލުކުރި ކަމަށް ބުނާ މައްސަލާގަ އެވެ.
ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޖެނެރަލް ޝިޔާމްގެ ގާނޫނީ ވަކީލު ހަމްޒާ ލަތީފް ވިދާޅުވީ ސިފައިިންގެ ބޭފުޅުންނަށް އެހެން ދިމާވާ އެމަޖެންސީ ހާލަތްތަކުގައި ސިފައިންގެ އިމާރާތްތަކުގައި އާއިލާ މެންބަރުން ބެހެއްޓުމަކީ އެމްއެންޑީއެފްގައި އޮންނަ އުސޫލުތަކުގެ ތެރެއިން ކުރެވޭ ކަމެއް ކަމަށެވެ.
"އެމްއެންޑީއެފް އެހެން ސިފައިންނަށް ވެސް މިޒާތުގެ ލުއިތައް ދީފައިވޭ، އެ މީހުންނަށް އޮންނަ ބުރަ ގާނޫނީ ޒިންމާތައް އަދާ ކުރަމުން އާއިލާ ޒިންމާތައް އަދާ ކުރެވޭ ގޮތްތައް ހަމަޖެއްސުމަށް ޓަކައި، މި ޝަރީއަތް އިތުރަށް ގެންދިއުމުގެ ބޭނުމެއް ނެތް،" ދައުވާ ބޭރުކޮށްލަން ހުށަހަޅުއްވައި ވަކީލު ހަމްޒާ ވިދާޅުވި އެވެ.
ޝިޔާމްގެ ފަރާތުން ހުށަހެޅުއްވި ނުކުތާއަށް ބާރު ދެއްވުމުގެ ގޮތުން ގިނަ މިސާލުތަކެއް ވެސް ހަމްޒާ ދެއްކެވި އެވެ. މިގޮތުން ރީޖަނަލް ކޮމާންޑަރުން އެ މީހުން ތިބޭ ރީޖަންގެ ސެންޓަރުގައި އާއިލާ ތިބޭ ކަމާއި، އަނބިދަރީން ބަހައްޓާފައިވާ ކަން ފާހަގަ ކުރެއްވި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގަށް ބަޔާން ދިން ސިފައިންގެ ބައެއް ބޭފުޅުން ވެސް އެ ގޮތަށް ވިދާޅުވެފައި އޮތުމުން ދައުލަތުގެ ހެކިތަކުގައި ވެސް ޝިޔާމަށް ކުރާ ދައުވާ ސާބިތު ކުރުމުގެ ބުރަދަނެއް ނެތް ކަމަށް ހަމްޒާ ވިދާޅުވި އެވެ.
މީގެ އިތުރަށް އޭސީސީއަށް ފުރަތަމަ އެ މައްސަލަ ހުށަހެޅުމުން ނޮވެމްބަރު 2019 ގައި ދައުވާ ކުރަން ނުފޮނުވަން ނިންމި ނިންމުން ފާހަގަ ކުރެއްވި އެވެ. އޭސީސީން އަލުން މައްސަލަ ބަލައި ދައުވާ ކުރަން ފޮނުވީ ޕީޖީ އޮފީހަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން މައްސަލަ ބަލަން އެ އޮފީހުން އެންގުމުންނެވެ.
ޕަބްލިކް ޕްރޮސެކިއުޓަރު މަރިޔަމް ޝައުމާ ވިދާޅުވީ މައްސަލަ އަލުން ބަލަން އެންގީ ހެކި ގަރީނާތައް ވަޒަން ކުރުމަށް ފަހު ކަމަށެވެ. ދައުވާގައި ހިމެނޭ ކުށަކީ އާންމުންނަށް ލިބެން ނެތް މަންފާއަށް ވަކި މީހަކަށް ނުވަތަ ބަޔަކަށް ހޯދައިދޭން މަގާމުގެ ބޭނުން ކުރުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
އެއީ ހުއްދަ ކަމެއް ކަމަށް ބުނެ ޝިޔާމް ފާހަގަ ކުރައްވާ ނުކުތާއަށް ރައްދު ދެއްވަމުން ޝައުމާ ވިދާޅުވީ އެމްއެންޑީއެފް ސިފައިންގެ ބަޔާނުގައި ހަމަޖައްސާފައިވާ ކަންކަމަކީ ވަގުތީ ގޮތުން ކުދިކުދި ކަންކަމަށް އައިސް ބޭނުން ކުރި ކުރުން ކަމަށެވެ. އެ ކަމާ، ދެ އަހަރުގެ ދިގު މުއްދަތަކަށް އާއިލާ މީހަކު ބަހައްޓައި، އޭނާ ބަލަހައްޓަން ސިފައިންގެ އޮފިސަރަކު ބެހެއްޓުމާ ތަފާތު ކަމަށް ވިދާޅުވި އެވެ.
"މިއީ މުޅިން ވެސް ތަފާތު ދެ ސިނޭރިއޯއެއް، ހުއްދަ ކަމެއް ކަމަށް ބުނެ އެ ދައްކާ ވާހަކަތަކަކީ ވެސް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދެކެވޭ ވާހަކައެއް،" ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
ދެ ފަރާތުން ދެއްކި ވާހަކަތަކަށް ރިއާޔަތްކޮށް ނިންމަވާ ގޮތެއް ދެން އޮންނަ އަޑުއެހުމެއް ހާމަކުރައްވާނެ ކަމަށް މައްސަލަ ބައްލަވާ ގަޒީ ހަސަން ސައީދު ވިދާޅުވި އެވެ. ދެން އަޑުއެހުމެއް އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އެހެން ވިދާޅުވެ މިއަދުގެ އަޑުއެހުން ނިންމަވާލެއްވި އެވެ.
މި މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފައިވަނީ އެމްއާރުސީސީގެ ވީއައިޕީ ގޭގައި މީހުން ބޭތިއްބުމުގައި އަމަލުކުރާނެ ވަކި ހާއްސަ އުސޫލެއް ނެތް ނަމަވެސް، އެތަނުގެ އިމާރާތުގައި ހުރި ތަންތަނަކީ ސިފައިންގެ ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން އަމަލުކުރެވޭ ތަންތަން ކަމަށްވާތީ، އެމްއާރުސީސީއަށް ހިނގާ އުސޫލު އެތަނުގެ ވީއައިޕީ ގެއަށް ވެސް ހިނގާނެ ކަމަށެވެ. އަދި އެމްއާރުސީސީގައި އާންމުންނަށް ދިރިނޫޅެވޭ އުސޫލުން ވީއައިޕީ ގޭގައި އާންމުންނަށް ދިރިނޫޅެވޭނެކަން އެނގޭ ކަމަށެވެ.
އޭގެ އިތުރުން ސިފައިންގެ ގާނޫނުގައި ބަޔާންކުރާ ސިފައިންގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން އާންމު ފަރުދުންނަށް ފޯރުކޮށްދެންޖެހޭ ހިދުމަތެއް ފޯރުކޮށްދިނުން ފިޔަވައި، ސިފައިންގެ ވެރިއެއްގެ އިރުޝާދުގެ ދަށުން އާންމު ފަރާތެއް ބެލެހެއްޓުމަށް ސިފައިންގެ އޮފިސަރެއް ހަމަނުޖެއްސޭނެ ކަމަށް ބުނެފައި އޮތް ނަމަވެސް، ޝިޔާމްގެ އެންގުމުގެ މަތިން ސިފައިންގެ އޮފިސަރެއް އޭނާގެ ބައްޕަ ބެލެހެއްޓިކަން ތަހުގީގަށް ހޯދާފައިވާ ލިޔުންތަކުންނާއި ލިބިފައިވާ މައުލޫމާތުން އެނގިފައިވާ ކަމަށެވެ.
އެ ކޮމިޝަނުން ބުނާ ގޮތުގައި ޝިޔާމްގެ ބައްޕަ ދިގު މުއްދަތަކަށް އެ ތަނުގައި ދިރިއުޅުމަށް ބަހައްޓައި، އަދި ބެލެހެއްޓުމަށް ސިފައިންގެ މުވައްޒަފެއް ބަހައްޓާފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، އެނގިހުރެ ސިފައިންގޭގެ ގާނޫނާއި ގަވައިދާ ހިލާފަށް އޭނާގެ ބައްޕައަށް ނާޖާއިޒު ފައިދާތަކެއް ހޯދައިދިނުމަށެވެ.
އަމިއްލަ ފަރާތަކުން ހުށަހެޅި އެ މައްސަލަ ތަަހުގީގުކޮށް، އޭސީސީން ކުރިން ނިންމީ އެކަމުގައި ކޮރަޕްޝަނެއް ނެތް ކަމަށެވެ. އެހެންނަމަވެސް މިދިޔަ އަހަރު ފަހުކޮޅު، ޕީޖީން މި މައްސަލަ އަލުން ތަހުގީގު ކުރުމަށް އެންގުމުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ ޝިޔާމްގެ މައްޗަށް ކޮށްދިނުމަށް އެ ކޮމިޝަނުން އެދުނެވެ.
Comment