Advertisement

ޔުވެންޓަސް ބަލިކޮށް އިންޓަ އިން އިޓާލިއަން ކަޕް ކާމިޔާބުކޮށްފި

12 މޭ 2022 - 08:55 0


ޔުވެންޓަސް ބަލިކޮށް އިންޓަ އިން އިޓާލިއަން ކަޕް ކާމިޔާބުކޮށްފި

12 މޭ 2022 - 08:55 0

ރޯމް (މެއި 12) - އިތުރު ވަގުުތުގެ ދެ ހާފް ކުޅެގެން ޔުވެންޓަސް 4-2 އިން ބަލިކޮށް އިންޓަ މިލާނުން އަށް ވަނަ ފަހަރަށް އިޓާލިއަން ކަޕް ކާމިޔާބުކޮށްފި އެވެ.

ރޭގެ ފައިނަލަށް ނުކުތްއިރު، އިންޓަ އިން އެންމެ ފަހުން އިޓާލިއަން ކަޕް ހޯދީ 2011 ވަނަ އަހަރު އެވެ. އިންޓަ އިން އަންނަނީ މި ފަަހަރުގެ އިޓާލިއަން ލީގަށް ވެސް ވާދަކުރަމުންނެވެ.

ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލުގައި އިންޓަ އިން ހަ ވަނަ މިނިޓްގައި ލީޑުނެގި އެވެ. މިއީ އޭރިއާ ބޭރުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ނިކޯލޯ ބަރޭލާ ޖެހި ގޯލެކެެވެ.

ފުރަތަމަ ހާފުގައި ޔުވެންޓަސް އަށް އެއްވަރުކޮށްދޭން ޑޫސާން ވްލަހޯވިޗް ޖެހި ޝޮޓް އިންޓަ ކީޕަރު ސާމިރް ހަންޑަނޯވިޗް ވަނީ މަތަކޮށްފަ އެވެ. ޔުވެންޓަސް އިން ނަތީޖާ ހަމަހަމަކުރީ މެޗުގެ 50 ވަނަ މިނިޓްގަ އެވެ. އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް އަލެކްސް ސަންޑްރޯ ޖެހި ބޯޅަ ގޯލަށް ވަނީ ހަންޑަނޯވިޗް އަތުގައި ޖެހިފަ އެވެ. އަލެކްސް ސަންޑްރޯ މިދިޔަ ސީޒަނުގެ ފައިނަލަށް ހުރީ ސަސްޕެންޝަނުގަ އެވެ. އެހެންކަމުން، މިއީ އޭނާ އަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ގޯލެކެވެ.

ނަތީޖާ ހަމަހަމަކުރިތާ ދެ މިނިޓް ފަހުން ޕައޮލޯ ޑި ބާލާ ދިން ބޯޅައަކުން ވްލަހޯވިޗް ވަނީ ޔުވެންޓަސް އަށް ލީޑުނަގައިދީފަ އެވެ. ވްލަހޯވިޗް ފުރަތަމަ ޖެހި ބޯޅަ ކީޕަރު ހަންޑަނޯވިޗް ގައިގައި ޖެހިފައި އަލުން ލިބުމުން ވްލަހޯވިޗް ވަނީ ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. އިންޓަ އިން އެއްވަރުކުރީ މެޗުގެ 80 ވަނަ މިނިޓްގައި ހަކާން ޗަނޮނޮގްލޫ ޖެހި ޕެނަލްޓީންނެވެ. މިއީ ޔުވެންޓަސް އޭރިއާތެރެއިން އެ ޓީމުގެ ލެއޮނާޑޯ ބޮނޫޗީ އިންޓަގެ ލަޓާރޯ މާޓީނޭޒަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ފުރިހަމަ ވަގުތު ހަމަވިއިރު، 2-2 އިން އެއްވަރުވެފައި އޮތުމުން ވަނީ ނަތީޖާ ނެރެން އިތުރު ވަގުުތުގެ ދެ ހާފް ކުޅެފަ އެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި އިންޓަ އިން ލީޑުނެގީ ޕެނަލްޓީ އަކުން އިވާން ޕެރިސިޗް ޖެހި ގޯލުންނެވެ. މިއީ މެޗުގެ 99 ވަނަ މިނިޓްގައި އިންޓަގެ ޑިފެންޑަރު ސްޓެފަން ޑި ވްރައި އަށް ޔުވެންޓަސްގެ މަތައިސް ޑި ލިޓް ފައުުލުކުރި ކަމަށް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދިން ޕެނަލްޓީ އެކެވެ. ޕެނަލްޓީ ކާމިޔާބުކުރިތާ ދެ މިނިޓް ފަހުން ޕެރިސިޗް ވަނީ އިތުރު ގޯލެއް ޖަހައި އިންޓަ އަށް ލީޑުފުޅާކޮށްދީފަ އެވެ. މިއީ ފެޑެރީކޯ ޑިމާކޯ ދިން ބޯޅައަކުން އޭރިއާ ރޮނގުކައިރިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ޕެރިސިޗް ޖެހި ގޯލެކެވެ.

މިއީ 2006 ވަނަ އަހަރުގެ އިޓާލިއަން ކަޕް ފައިނަލުގައި ރޯމާ އިން 6-2 އިން އިންޓަ ބަލިކުރި މެޗަށް ފަހު އިޓާލިއަން ކަޕް ފައިނަލެއްގައި އެންމެ ގިނަ ގޯލު ފެނުނު ފަހަރެވެ. އަނެއްކޮޅުން މި ފަހަރުގެ އިޓާލިއަން ކަޕް ފައިނަލުން ބަލިވެ ޔުވެންޓަސް އަށް މި ވަނީ 2012 ވަނަ އަހަރަށް ފަހު ފުރަތަަަމަ ފަހަރަށް ހުސްއަތައި ސީޒަނެއް ނިންމާލަން ޖެހިފަ އެވެ.