Advertisement

ޑި ބްރޭނާގެ ހަތަރު ގޯލާ އެކު މޮޅުވެ ސިޓީ ލީގު ހޯދުމާ ގާތަށް

12 މޭ 2022 - 08:34 0

ސިޓީގެ ޑި ބްރޭނާ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ޑި ބްރޭނާގެ ހަތަރު ގޯލާ އެކު މޮޅުވެ ސިޓީ ލީގު ހޯދުމާ ގާތަށް

12 މޭ 2022 - 08:34 0

ލަންޑަން (މެއި 12) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކެވިން ޑި ބްރޭނާ ޖެހި ހަތަރު ގޯލާ އެކު 5-1 އިން ވުލްވަހެމްޓަން ވެންޑާސް (ވުލްވްސް) ބަލިކޮށް މެންޗެސްޓާ ސިޓީ ލީގު ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

މި މޮޅާ އެކު ސިޓީ ލީގުގެ އެއް ވަނައިގައި އަލުން ތިން ޕޮއިންޓުގެ ލީޑެއް ނެގިއިރު، ލަނޑުގެ ތަފާތު ވެސް ވަނީ އިތުރުކޮށްފަ އެވެ. ލީގުގެ އެއް ވަނައިގައި ސިޓީ އޮތީ 36 މެޗުން 89 ޕޮއިންޓާއި ފައިދާ 72 ގޯލާ އެކު އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 36 މެޗުން 86 ޕޮއިންޓާއި ފައިދާ 65 ގޯލު ލިބިފަ އެވެ.

ސިޓީ އަށް ބާކީ އޮތް ދެ މެޗުން ކުރެ އެއް މެޗުން ބަލިވެގެން ވެސް ލަނޑުގެ ތަފާތުން ލީގު ހޯދުމުގެ ފުރުސަތު އެބައޮތެވެ. ސީޓީ އަށް ދެން އޮތީ ރަށުންބޭރުގައި ވެސްޓް ހޭމް ޔުނައިޓެޑާ ކުޅޭ މެޗާއި އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާ ބައްދަލުކުރާ މެޗެެވެ.

ވުލްވްސް ދަނޑުގައި ރޭ ސިޓީން ލީޑުނެގީ މެޗުގެ ހަތް ވަނަ މިނިޓްގައި ޑި ބްރޭނާ ވައްދާލި ގޯލުންނެވެ. އެކަމަކު، ކައުންޓަ އެޓޭކުގައި މެޗުގެ 11 ވަނަ މިނިޓްގައި ވުލްވްސްގެ ލެއަންޑޯ ޑެންޑޮންކާ ވަނީ ގޯލެއް ޖަހައި އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ.

އެކަމަކު، މެޗުގެ 16 ވަނަ މިނިޓާއި 24 ވަނަ މިނިޓްގައި ޑި ބްރޭނާ ވަނީ އިތުރު ދެ ގޯލު ޖަހައި ސިޓީ އަށް މެޗުގެ ކޮންޓްރޯލް ނަގައިދީ އިނގިރޭސި ފުޓްބޯޅައިގައި އޭނާގެ ފުރަތަމަ ހެޓްރިކް ހަދައިފަ އެވެ. ޑި ބްރޭނާ ތިން ގޯލު ވެސް ޖެހީ ވާތުފައިންނެވެ. ދެ ވަނަ ހާފުގެ ކުޅުން ފެށިގެން 15 މިނިޓް ތެރޭ ވުލްވްސް އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ޑި ބްރޭނާ ވަނީ ހަތަރު ވަނަ ގޯލެއް ޖަހައިފަ އެވެ. މި ގޯލާ އެކު އޭނާ ވަނީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި 19 ގޯލު ޖަހައިފަ އެވެ. މިއީ 2015 ވަނަ އަހަރު ސިޓީއާ ގުޅުނު ފަހުން ޑި ބްރޭނާގެ ލަނޑު ޖެހުމަށް ބަލާއިރު، އެންމެ ރަނގަޅު ސީޒަނެވެ.

ސިޓީގެ ފަހު ގޯލު މެޗުގެ 84 ވަނަ މިނިޓްގައި ޖެހީ ރަހީމް ސްޓާލިން އެވެ. އޭގެ ކުރިން ސްޓާލިން ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ޗެލްސީ ގަދަ ހަތަރެއް ކަށަވަރު ކުރުމާ ގާތަށް

ލީގުގައި ރޭ ޗެލްސީ ކުޅުނު މެޗުން ވަނީ ރަށުންބޭރުގައި ލީޑްސް ޔުނައިޓެޑް އަތުން 3-0 އިން މޮޅުވެފަ އެވެ. މި މޮޅާ އެކު ޗެލްސީ ތިން ވަނައިގައި އޮތީ 36 މެޗުން 70 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އޮތް އާސެނަލަށް 35 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އަށް ވަނީ 35 މެޗުން 62 ޕޮއިންޓް ލިބިފަ އެވެ.

ލީޑްސް ދަނޑުގައި ރޭ ޗެލްސީން ލީޑުނެގީ މެޗުގެ ހަތަރު ވަނަ މިނިޓްގައި މޭސަން މައުންޓް ޖެހި ގޯލުންނެވެ. މި މެޗުގައި ލީޑްސް އަށް މައްސަލަ ދިމާވީ 24 ވަނަ މިނިޓްގައި އެ ޓީމުގެ ޑެނިއަލް ޖޭމްސް އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އެއީ ޗެލްސީގެ މަޓެއޯ ކޮވަސިޗަށް ކުރި ނުރައްކާތެރި ފައުލަކަށެވެ. ކޮވަސިޗަށް ނުކުޅެވިގެން ވަނީ ބަދަލުކޮށްފަ އެވެ.

ދެ ވަނަ ހާފުގައި ޗެލްސީގެ އަނެއް ގޯލުތައް ޖެހީ ކްރިސްޓިއަން ޕުލިސިޗް އާއި ރޮމެލޫ ލުކާކޫ އެވެ.

ލީގުގައި ރޭ އެވަޓަން އާއި ވަޓްފޯޑްގެ މެޗު ވަނީ 0-0 އިން އެއްވަރުވެފަ އެވެ. ރެލިގޭޓްވެފައިވާ ނޮރިޗް ސިޓީ އަތުން ލެސްޓާ ސިޓީ މޮޅުވީ 3-0 އިންނެވެ. ލެސްޓާގެ ޖޭމީ ވާޑީ ދެ ގޯލު ޖެހިއިރު، އަނެއް ލަނޑު ޖެހީ ޖޭމްސް މެޑިސަން އެވެ.