4 މޭ 2022 - 02:08 0
ލިވަޕޫލަށް މިރޭގެ މެޗުގައި ތަފާތު ދެއްކި ޑިއާޒް.-- ފޮޓޯ: އޭއެފްޕީ
4 މޭ 2022 - 02:08 0
މެޑްރިޑް (މެއި 3) - ވިޔަރެއާލް ދަނޑުގައި މިރޭ ކުޅުނު ދެ ވަނަ ލެގުގެ މެޗުގައި ދެ ވަނަ ހާފުގައި ފަހަތުން އަރައި 3-2 އިން މޮޅުވެ، ލިވަޕޫލުން ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
އެގްރިގޭޓަށް ބަލާއިރު، ވިޔަރެއާލްގެ މައްޗަށް ލިވަޕޫލަށް ކުރި ލިބުނީ 5-2 އިންނެވެ. ލިވަޕޫލުން މި ވަނީ އެ ކްލަބްގެ ތާރީހުގައި 10 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. ލިވަޕޫލްގެ ކޯޗުކަމާ 2015 ވަނަ އަހަރު އޮކްޓޫބަރު މަހު ހަވާލުވި ޔާގެން ކްލޮޕްގެ ކޯޗުކަމުގައި އެ ޓީމުން މި ވަނީ ތިން ވަނަ ޗެމްޕިއަންސް ލީގު ފައިނަލުން ފުރުސަތު ހޯދައިފަ އެވެ.
ކްލޮޕްގެ ކޯޗުކަމުގައި ލިވަޕޫލް 2018 ވަނަ އަހަރުގެ ފައިނަލުގައި ރެއާލް މެޑްރިޑް އަތުން ބަލިވި ނަމަވެސް 2019 ވަަނަ އަހަރު ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށް ހަ ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި އެވެ.
މި ސީޒަނުގައި ހަތަރު ތަށި ކާމިޔާބު ކުރުމުގެ ފުރުސަތު އޮތް ލިވަޕޫލުން ވަނީ ފެބްރުއަރީ މަހު ޕެނަލްޓީ ޖަހައިގެން ޗެލްސީ ބަލިކޮށް ލީގު ކަޕް ކާމިޔާބު ކޮށްފަ އެވެ. މި މަހު 14 ވަނަ ދުވަހު އެފްއޭ ކަޕް ފައިނަލުގައި ޗެލްސީއާ ދެކޮޅަށް ލިވަޕޫލުން ކުޅޭނެ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނައިގައި ލިވަޕޫލް އޮތީ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވުރެ އެއް ޕޮއިންޓް ފަހަތުގަ އެވެ. އަދި މި މަހު 28 ގައި ލިވަޕޫލުން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކުރާނެ އެވެ.
މިދިޔަ ހަފްތާގައި ލިވަޕޫލް ދަނޑުގައި ކުޅުނު ލެގުން އެ ޓީމު ވަނީ 2-0 އިން މޮޅުވެފަ އެވެ. އެހެންވެ، އެ ނަތީޖާ އަނބުރާލަން މިރޭ ވިޔަރެއާލުން ނުކުތީ ވަރަށް ބޮޑަށް އެޓޭކިން ގޭމަކަށް ވިސްނައިގެންނެވެ. އެ ޓީމަށް އެ މަސައްކަތުގައި ލިބުނު އެންމެ ބޮޑު ހިތްވަރަކީ ސްޕެއިންގެ ފޯވާޑް ޖެރާޑް މޮރޭނޯ އަށް މި މެޗުގައި ކުޅެވޭގޮތްވުމެވެ.
ވިޔަރެއާލް ދަނޑުގައި ކުޅުނު މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި އެ ޓީމުން ލީޑުނެގި އެވެ. މިއީ ވިޔަރެއާލްގެ ފުލްބެކް ޕާވިސް އެސްޓޫޕީނިއާން ނެގި ހުރަހަކުން އޭރިއާތެެރެއިން އެޓިއެން ކަޕޫއެ ދިނީ ހުސްކޮށް ހުރި ބުލާއެ ޑިއާ އަށެވެ. އޭނާ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ލިވަޕޫލަށް ހަމަޖެހިލައިގެން ކުޅެވޭނެ ޖާގައެއް އެއްވެސް ވަރަކަށް ނުލިބި ވިޔަރެއާލުން ދިޔައީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެ ގޮތުން ވިޔަރެއާލުން ވަނީ މެޗުގެ 39 ވަނަ މިނިޓްގައި ޕެނަލްޓީ އަކަށް އެޕީލްކޮށްފަ އެވެ. މޮރޭނޯ ހުސްކޮށްލާފައި އޭރިއާތެރެއިން ޖިއޮވާނީ ލޮ ސެލްސޯ އަށް ދިން ބޯޅަ އޭނާ މަސައްކަތްކުރީ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ކައިރިން ނައްޓާފައި ޖަހާށެވެ. އެކަމަކު، އެލިސަން ފުރަަތަމަ ބޯޅަ ހޯދަން މަސައްކަތްކުރި ކަމަށް ބަލައި، ރެފްރީ ނިންމީ ޕެނަލްޓީ ނުދޭށެވެ. އަދި ރެފްރީގެ އެ ނިންމުން ދެ ވަނަ ފަހަރަށް ބަލަން ނުޖެހޭ ކަމަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ކަނޑައެޅި އެވެ.
ވިޔަރެއާލުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ވަނަ ގޯލެއް ޖެހި އެވެ. މިއީ މެޗުގެ 41 ވަނަ މިނިޓްގައި ފްރާންސިސް ކޮކަލާން ޖެހި ގޯލެކެވެ. ކަޕޫއެ ނެގި ހުރަހަކުން ކޮކަލާން ބޮލުން ޖެހި ބޯޅަ ގޯލުގެ ކަނަށް ވަންއިރު، ލިވަޕޫލްގެ ކީޕަރު އެލިސަން އަށް ހަރަކާތްކުރެވޭ ގޮތެއްނުވި އެވެ.
ލިވަޕޫލް ކޮޅަށް ނަތީޖާ އަނބުރާލުމުގައި މިރޭ އެންމެ އިސް ދައުރެއް އަދާކުރި ކޮލަމްބިއާގެ ފޯވާޑް ލުއިސް ޑިއާޒް ކުޅެން އެރީ ދެ ވަނަ ހާފު ފެށިއިރު، ބަދަލެއްގެ ގޮތުގަ އެވެ. ލިވަޕޫލަށް ފުރަތަމަ ލަނޑު ޖަހައިދިނީ މެޗުގެ 62 ވަނަ މިނިޓްގައި ފަބީނިއޯ އެވެ. މުހައްމަދު ސަލާހު ދިން ބޯޅަ އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު ފަބީނިއޯ ވަނީ ވިޔަރެއާލް ކީޕަރު ޖެރެމީއޯ ރޫލީ ފައިގައި ޖައްސާފައި ގޯލަށް ބޯޅަ ވައްދާލައިފަ އެވެ. މެޗުގެ 67 ވަނަ މިނިޓްގައި ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ނެގި ހުރަހަކުން ލިވަޕޫލަށް އެއްވަރުކޮށްދިނީ ޑިއާޒް ބޮލުން ޖެހި ގޯލުންނެވެ.
ފުލުފުލުގައި އެޓޭކްތައް ކުރަމުންދިޔަ ލިވަޕޫލުން ނަތީޖާ އަނބުރާލި ގޯލު ޖެހީ 74 ވަަނަ މިނިޓްގައި ސަޑިއޯ މާނޭ އެވެ. މާނޭ މި ގޯލު ޖެހީ ވިޔަރެއާލް ކީޕަރު ރޫލީ އާއި ޑިފެންޑަރު ހުއާން ފޮއިތު ނައްޓާފައި ގޮހެވެ. އިތުރު ގޯލެއް ޖަހަން ލިވަޕޫލްގެ ކާޓިސް ޖޯންސް ޖެހި ބޯޅަ ކީޕަރު ރޫލީ މަތަކުރިއިރު، ސަލާހު ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.
ވިޔަރެއާލުން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 85 ވަނަ މިނިޓްގައި ކަޕޫއެ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ.
ޕެރިހުގައި ކުޅޭ ފައިނަލުގައި ލިވަޕޫލް ނުކުންނަން ޖެހޭނީ ދެ ވަނަ ސެމީގައި ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ފުރަތަމަ ސެމީގައި ސިޓީން ވަނީ އަމިއްލަ ދަނޑުގައި 4-3 އިން ރެއާލް ބަލިކޮށްފަ އެވެ.
Comment