Advertisement

ޓީއެފްޖީން އާ ކަމެއް؛ ފައިސާގެ އިނާމު ލިބޭ އެމްވީރަންގައި ބައިވެރިވާން ހުޅުވާލައިފި

3 މޭ 2022 - 06:31 1

ޓީއެފްޖީން މިދިޔަ އަހަރު ބޭއްވި ދުވުމުގެ ތެރެއިން: ޖޫން 3 ގައި ބާއްވާ އެމްވީ ރަންގައި ބައިވެރިވެވޭނީ 1،000 ދުވުންތެރިންނަށް. -- ފޮޓޯ: ޓީއެފްޖީ


ޓީއެފްޖީން އާ ކަމެއް؛ ފައިސާގެ އިނާމު ލިބޭ އެމްވީރަންގައި ބައިވެރިވާން ހުޅުވާލައިފި

3 މޭ 2022 - 06:31 1

ރާއްޖޭގައި ދުވުމުގެ އިވެންޓްތަކާއި އެ ދުވުންތަކަށް އާ ކަންކަމާއި ޒަމާނީ ބަދަލާއި ދުވުމާ ގުޅޭ ޓެކްނޮލޮޖީ ގެނައީ ޓީއެފްޖީންނެވެ. މި ލިސްޓަށް އަނެއްކާ ވެސް އާ ކަމެކެވެ. ޓީއެފްޖީގެ ކަލެންޑަރުގައި "އެމްވީރަން" ގެ ނަމުގައި ޖޫން 3 ގައި ބާއްވަން ތާވަލްކޮށްފައިވާ 10 ކިލޯމީޓަރުގެ ދުވުމަކީ ތަފާތު ދުވުމެކެވެ.

"އަޅުގަނޑުމެން އަބަދު ވެސް ބަލަނީ ދުވުމުގެ ކަންކަން އެހެން ހަރުފަތަކަށް ގެންދިއުން" ޓީއެފްޖީގެ ކޯ ފައުންޑަރު ހުސެއިން ޒިނާން ބުންޏެވެ.

މީގެ ކުރިން ރާއްޖޭގައި ބާއްވާ ދުވުންތަކުގައި ފައިސާގެ އިނާމެއް ނުދެ އެވެ. އެމްވީރަން އަކީ ފައިސާގެ އިނާމު ލިބޭ ގޮތަށް ބާއްވާ ފުރަތަމަ ދުވުމެވެ. އިނާމު ލިބޭ ގޮތް ވެސް ތަފާތެވެ. ޓީއެފްޖީގެ ފަލްސަފާއަކީ އެއް ވަނަ އަށް ނިންމާ ދުވުންތެރިޔާ އާއި އެންމެ ފަހުން ނިންމާ ދުވުންތެރިޔާ ވެސް ހަމަހަމަ ކުރެވޭނެ ގޮތެއް ހޯދުމެވެ. އެ ވިސްނުމުގައި، ރޭސް ނިންމާ ހުރިހާ އެންމެންގެ ތެރެއިން ގުރުއަތުން ހަ ދުވުންތެރިޔަކު ހޮވާނެ އެވެ. އެގޮތަށް ހޮވާ ނަސީބުވެރި ކޮންމެ ދުވުންތެރިޔަކަށް 42،000ރ. ދޭނެ އެވެ. އެއީ ޖުމްލަ 252،000ރ. އެވެ.

ހުޅުމާލޭގައި ބާއްވާ މި ދުވުމުގެ ވަނަ ވަނަ އަށް ވެސް ދެނީ ފައިސާގެ ގޮތުން ހެޔޮވަރު ވަރެކެވެ. ދުވުމުގެ އެއް ވަނަ ހޯދާ އަންހެން، ފިރިހެން ދުވުންތެރިޔަކަށް 21،000ރ، ދެ ވަނަ ހޯދާ އަންހެން، ފިރިހެން ދުވުންތެރިޔަކަށް 10،000ރ، އަދި ތިން ވަނަ ހޯދާ އަންހެން، ފިރިހެން ދުވުންތެރިޔަކަށް 5000ރ. ލިބޭނެ އެވެ.

"މިހާރު އެހެން މީހުން ވެސް ދުވުންތައް އެބަ ބާއްވާ. އަޅުގަނޑުމެން މި ބޭނުންވީ ދުވެގެން މާލީ ގޮތުން ވެސް ދުވުންތެރިޔާއަށް މަންފާއެއް ލިބުން،" ޒިނާން ވިދާޅުވި އެވެ.

ދުވުމަށް ލޯބިކުރާ، އަދި މުބާރާތްތަކުގައި ވެސް ބައިވެރިވާ ގިނަ ބަޔަކު އުޅޭއިރު، ދުވެގެން އެ މީހުންނަށް މާލީ ގޮތުން ލިބޭ އެއްޗެއް ނެތެވެ. އަދި ރާއްޖޭން ބޭރުގައި ބާއްވާ ދުވުންތަކުގައި ވެސް ބައެއް މީހުން ބޮޑު ހަރަދުކޮށްގެން ވެސް ބައިވެރިވެ އެވެ. އެހެންވެ، ޓީއެފްޖީގެ އެމްވީ ރަންގެ އެއް މަގުސަދަކީ، އެފަދަ ފަރާތްތަކަށް ވެސް މާލީ މަންފާއެއް ލިބޭނެ ފުރުސަތެއް ތަނަވަސްކޮށް ދިނުން ކަމަށް ޒިނާން ބުންޏެވެ.

ގިނަވެގެން 1،000 ދުވުންތެރިންނަށް ހުޅުވާލާފައިވާ އެމްވީރަންގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. ރަޖިސްޓްރޭޝަން ފީއަކީ 777ރ. އެވެ. ދުވުމުގައި އޮންލައިންކޮށް ރަޖިސްޓްރީކުރެވެވި ފައިސާ ވެސް ދައްކާލެވެ އެވެ.

ޓީއެފްޖީ 2022 ރަނިން ކަލަންޑަރު