Advertisement

ހުލާސާކޮށް އިއްޔެ: ޔާމީންގެ މަރަށް އިންސާފު ނުލިބި ފަސް އަހަރު ފާއިތުވުން

24 އޭޕްރީލް 2022 - 07:46 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ބްލޮގަރު ޔާމީން ރަޝީދު. އޭނާ މަރާލި މައްސަލައިގައި ދެ މީހެއްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވާފައިވޭ


ހުލާސާކޮށް އިއްޔެ: ޔާމީންގެ މަރަށް އިންސާފު ނުލިބި ފަސް އަހަރު ފާއިތުވުން

24 އޭޕްރީލް 2022 - 07:46 0

ބްލޮގަރު ޔާމީން ރަޝީދު މަރާލިތާ ފަސް އަހަރު ފާއިތުވެގެން ގޮސްފައިވީ ނަމަވެސް އެ މައްސަލައަށް އިންސާފު ލިބިފައި ނުވާ ކަމަށާއި އެ މަރު ތަހުގީގު ކުރި ރިޕޯޓު ހާމަކުރަން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލީ އިއްޔެ އެވެ.

ޔާމީން ރަޝީދު މަރާލި ކަމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތު ވެއްޖެ ކަމަށް ކަނޑައެޅި މ. އަންނާރުމާގޭ، އިސްމާއީލް ހައިޝަމް ރަޝީދު އަދި މ. އިރާސްމިކުގޭ، އަހުމަދު ޒިހާން އިސްމާއީލް ހައި ކޯޓަށް ހުށަހަޅައިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ދަށު ކޯޓުން މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު އެ ދެ މީހުންގެ މައްޗަށް ހުކުމް ކުރީ އުމުރަށް ޖަލަށް ލުމާއެކު މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ޔާމީންގެ އާއިލާއަށް ދިނުމަށެވެ. އެއީ މަރަށް މަރު ހިފަން ޔާމީންގެ މަންމަ ބޭނުން ނުވުމުންނެވެ.

ޓަރާންސްޕޭރެންސީން އިއްޔެ ބުނީ ޔާމީންގެ މަރަށް ފަސް އަހަރު ވެގެން ދިޔައިރުވެސް އިންސާފު ލިބިފައި ނުވި ނަމަވެސް އިންސާފު ހޯދުމަށް ކުރާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ.

އަދި، ޔާމީން މަރާލުމަށް ފައިސާ ހަރަދު ކުރި މީހުން އިންސާފުގެ ކުރި މައްޗަށް ގެނައުމަށް ވެސް އެ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.

ޔާމީން މަރުގެ މައްސަލަ ތަހުގީގު ކުރި ރިޕޯޓު ހާމަކުރަން މިހާރުގެ ސަރުކާރަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ އިއްޔެ ގޮވާލާފައިވެ އެވެ.

ޔާމީން ރަޝީދު މަރައިލީ އޭނާގެ ރަހުމަތްތެރިޔާ އަދި ނޫސްވެރިޔާ ރިލްވާން އަބްދުﷲ ވަގަށް ނަގައި، ގެއްލުވާލާފައިވާ މައްސަލައިގައި އިންސާފު ހޯދުމަށް ވާހަކަ ދައްކަމުން ގެންދަނިކޮށް އޭޕްރީލް 23، 2017 ގަ އެވެ. ރިލްވާން ވެސް މަރާލާފައިވާ ކަމަށް ތަހުގީގީ އިދާރާތަކުން ފަހުން ހާމަކޮށްފައިވެ އެވެ.

ޔާމީން މަރައިލީ، އޭނާ ވަރަށް ލަސްވަންދެން އޮފީހުގައި މަސައްކަތް ކުރުމަށްފަހު ގެއަށް ގޮސް، ލިފްޓުން އަރަން އުޅެނިކޮށް ގޭ ތެރޭގަ އެވެ. ޔާމީންގެ ހަށިގަނޑު ފެނުނީ އެ ގޭގައި ދިރިއުޅެމުންދިޔަ މީހަކަށެވެ. ޔާމީން ރަޝީދު މަރައިލީ، ދުރާލާ ރާވައި، އޭނާއަށް އެކި ދުވަހުގެ މަތިން ފާރަލުމަށްފަހު އެވެ.

ޔާމީން ރަޝީދު މަރާލި ކަމަށް ދަށު ކޯޓުގައި ކުށް ސާބިތުވި ދެ މީހުންގެ މައްޗަށް އިއްވީ އުމުރު ދުވަހުގެ ޖަލު ހުކުމަކާއި މަރުގެ ދިޔަ ނެގުމުގެ ހުކުމަކާއި ކައްފާރާގެ ގޮތުގައި ވިދިވިދިގެން ހިޖުރީ ދެ މަހު ރޯދަ ހިފުމަށެވެ. މި ގޮތަށް ހުކުމް އިއްވީ ޔާމީންގެ މަންމަ މަރުގެ ދިޔަ ނަގަން އެދުމުންނެވެ.

ބައެއް މުހިންމު ހަބަރުތައް

  • މިއަހަރު ހައްޖަށް ދިޔުމަށް ދިވެހިރާއްޖެއަށް ލިބުނީ އެންމެ 453 ކޯޓާ ކަމަށް ބައެއް ނޫސްތަކުން ބުނި ނަމަވެސް ސައުދީ އަރަބިއްޔާގެ ސަރުކާރުން ރަސްމީކޮށް ދިވެހި ސަރުކާރަށް އެކަން އަންގާފައިނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނީ އިއްޔެ އެވެ.
  • ވިލާ ކޮލެޖާއި ޖެހިގެން އޮންނަ ހުސްބިމުގައި އަޅާ ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް އަންނަ ޖުލައި މަހުގެ 15 އަށް ނިމޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނީ އިއްޔެ އެވެ.
  • އައްޑޫ ސިޓީގެ ހިތަދޫގެ ގޮނޑުދޮށަށް ގެއްލުންތަކެއް ދީފައިވާ މައްސަލައެއް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބަލަން ފެށީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ވިކްޓަރީ ސްޕޯޓްސް ކްލަބް އަލުން ފުޓްބޯޅަ އަށް ނެރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަން ފަށާފައިވާކަން ހާމަކުރަމުން އެ ޓީމުގެ އިންޓަރިމް ޗެއާމަނެއްގެ ގޮތުގައި ހަވާލުވެހުރީ ކުރިން ވިކްޓަރީ އަށް ކޯޗުކޮށްދިން މުހައްމަދު އާދަމް ވިދާޅުވީ:

"އަޅުގަނޑުމެން އެފްއޭއެމާ ވާހަކަ ދައްކައިގެން ހޯދި ހޯދުމުން އެނގެން އޮތީ ހައެއް ނޫނީ ހަތް ލައްކަ ރުފިޔާއޭ މި އުޅެނީ ކްލަބް އެކްޓިވް ހާލަތަށް އަންނަން ނުދެއްކި.،"

ދުވަހުގެ ފޮޓޯ

މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި ކްލަބް އީގަލްސް ވެޓެރަންސް އަދި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން. މި މެޗު 2-0 އިން ކާމިޔާބުކުރީ ގްރީން ސްޓްރީޓްސް. މިއީ އެ ޓީމުން މި މުބާރާތުގައި ހޯދި ފުރަތަމަ މޮޅު --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ދިރާސާތަކުން ކިޔާލުމަށް

"ނޭޝަނަލް ސްޓްރެޓެޖީ ފޯ ޑިވެލޮޕްމަންޓު އޮފް ސްޓެޓިސްޓިކްސް"

މިއީ ރާއްޖޭގައި ގައުމީ ފެންވަރުގައި ތަފާސްހިސާބުތައް ހޯދައި، އެއްކޮށް، ޝާއިއުކޮށް އާންމުކުރުމަށް 2021 އިން 2030 ގެ ނިޔަލަށް ގެންގުޅޭނެ ސިޔާސަތުތައް ހިމަނައިގެން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އެކުލަވާލާފައިވާ އޮނިގަނޑެކެވެ.