21 އޭޕްރީލް 2022 - 04:59 0
ފިއޮރެންޓީނާގެ އީގޯ (ވ) ކައިރިން ޔުވެންޓަސްގެ ޑިބާލާ ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ
21 އޭޕްރީލް 2022 - 04:59 0
ޓިއުރިން (އޭޕްރީލް 21) - އިޓާލިއަން ކަޕްގެ ސެމީ ފައިނަލުގައި ފިއޮރެންޓީނާ ބަލިކޮށް ޔުވެންޓަސް އިން މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.
އަންނަ މަހު 11 ވަނަ ދުވަހު ރޯމްގައި ކުޅޭ ފައިނަލުގައި ޔުވެންޓަސް ކުޅޭނީ އިންޓަ މިލާނާ އެވެ. ފުރަތަމަ ސެމީގައި އިންޓަ އިން ވަނީ އޭސީ މިލާން ބަލިކޮށްފަ އެވެ. ސެމީ ދެ ވަނަ މެޗުގެ ފުރަތަމަ ލެގުން ފިއޮރެންޓީނާ ދަނޑުގައި ޔުވެންޓަސް 1-0 އިން މޮޅުވެފައިވާއިރު، މިރޭ އަމިއްލަ ދަނޑުގައި ކުރިހޯދީ 2-0 އިންނެވެ.
ޔުވެންޓަސް ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން 32 ވަނަ މިނިޓްގައި ޔުވެންޓަސް އަށް ލީޑުނަގައިިދިނީ ފެޑެރީކޯ ބާނަޑޭސްކީ އެވެ. މިއީ ޔުވެންޓަސްގެ އަލްވާރޯ މޮރާޓާ ނެގި ހުރަހެއް ދިފާއުކުރަން ފިއޮރެންޓީނާ ކުޅުންތެރިއަކު ބޮލުން ޖައްްސާލި ބޯޅައެއް އޭރިއާތެރެއިން މެއިން ކޮންޓްރޯލް ކުރުމަށް ފަހު ބާނަޑޭސްކީ ޖެހި ގޯލެކެވެ.
ދެ ވަނަ ހާފްގައި ނަތީޖާ ހަމަހަމަކުރަން ފިއޮރެންޓީނާގެ މާޓީނޭޒް ކުއާޓާ ބޮލުން ޖެހި ބޯޅައެއް ޔުވެންޓަސްގެ ގޯލުގައި ހުރި މަޓީއާ ޕެރީން ވަނީ މަތަކޮށްފަ އެެވެ. މި މެޗުގައި ފިއޮރެންޓީނާ އިން ގޯލެއް ޖަހަން ކުރި މަސައްކަތް ނާކާމިޔާބުވީ ޕެރީންގެ ހުށިޔާރުކަމުންނެވެ.
ޔުވެންޓަސް އިން ލީޑުފުޅާކުރަން ކުރި މަސައްކަތުގައި ދެ ވަނަ ހާފުގެ ކުރީކޮޅުގައި ޑޫސާން ވްލަހޯވިޗް ދިން ބޯޅައަކުން ޑެނިސް ޒަކާރިއާ ޖެހި ބޯޅަ ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެެ.
މެޗުގެ އިތުރު ވަގުުތުގައި ޔުވެންޓަސްގެ ދެ ވަނަ ގޯލު ޖެހީ އޭރިއާތެރެއިން ހުއާން ކުއަޑްރާޑޯ ހުސްކޮށްލާފައި ދިން ބޯޅައަކުން އެ ޓީމުގެ ފުލްބެކް، ޑަނީލޯ އެވެ. އޭގެ ކުރިން ޔުވެންޓަަސްގެ އޭޑްރިއަން ރަބިއޯ ޖެހި ގޯލެއް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.
މެޗަށް ފަހު ޔުވެންޓަސްގެ ކޯޗު މެސިމޯ އަލެގްރީ ބުނީ މި ސީޒަނުގައި ޔުވެންޓަސް އިން ކުރަން ޖެހުނު އުނދަގޫ ތަޖުރިބާތަކަށް ބަލާއިރު، އިޓާލިއަން ކަޕްގެ ފައިނަލަށް ދިއުމަކީ ކުޅުންތެރިން އެކުގައި ކުރި ވަރަށް ރަނގަޅު މަސައްކަތެއް ކަމަށެވެ.
Comment