20 އޭޕްރީލް 2022 - 03:45 0
ލަނޑު ޖެހުމަށް ފަހު އިންޓަގެ މާޓީނޭޒް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
20 އޭޕްރީލް 2022 - 03:45 0
މިލާން (އޭޕްރީލް 20) - ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި މިރޭ އޭސީ މިލާން 3-0 އިން ބަލިކޮށް، އިންޓަ މިލާނުން އިޓާލިއަން ކަޕްގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ފުރަތަމަ ލެގުގައި ދެ ޓީމު ލަނޑެއް ނުޖެހި އެއްވަރުވިއިރު، ދެ ވަނަ މެޗުން މޮޅުވާ ޓީމަކަށް ފައިނަލްގެ ޖާގަ އޮތީ ހުޅުވިފަ އެވެ. އިންޓަ އިން މިރޭ ކުރިހޯދީ މޮޅަށް ކުޅެގެންނެވެ.
މެޗު ފަށައިގެން މާގިނައިރެއް ނުވެ، އިންޓަ އިން ލީޑުނެގި އެވެ. މި ލަނޑު ޖެހީ ރަނގަޅު ފޯމެއްގައި ހުރި އާޖެންޓީނާގެ ފޯވާޑް ލަޓާރޯ މާޓީނޭޒް އެވެ. މިއީ މެޗުގެ ހަތަރު ވަނަ މިނިޓްގައި މަޓެއޯ ޑާމިއާން ނެގި ހުރަހަކުން މާޓީނޭޒް ޖެހި ވޮލީއެކެެވެ. ބޯޅަ ގޯލަށް ވަނީ މިލާން ކީޕަރު މައިކް މައިންގްނޯން އަތުގައި ޖެހިފަ އެވެ.
އިންޓަ އިން ދެ ވަނަ ގޯލު ޖެހުމުގެ ކުރިން ނަތީޖާ ހަމަހަމަކުރަން މިލާނުން ރަނގަޅު ދެ ހަމަލާ ފޮނުވާލި އެވެ. މިލާންގެ ރަފައެލް ލެއާއޯ އާއި އަލެކްސިސް ސަލަމޭކާ ޖެހި ބޯޅަތައް އިންޓަގެ ގޯލްކީޕަރު ސާމިރް ހަންޑަނޯވިޗް ވަނީ މަތަކޮށްފަ އެވެ. އަދި ފަހުން މިލާންގެ ސަންޑްރޯ ޓޮނާލީ އާއި ފްރޭންކް ކެސިއޭ، އިންޓަ އޭރިއާތެރެއިން ގޯލެއް ޖެހޭތޯ ކުރި މަސައްކަތް ވެސް ކާމިޔާބެއްނުވި އެވެ.
މިލާނަށް ފުރުސަތުތަކުގެ ބޭނުންނުހިފުމުގެ ފައިދާ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންޓަ އިން ނެގި އެވެ. އިންޓަ އިން މެޗުގެ 40 ވަނަ މިނިޓްގައި ލީޑުފުޅާކުރީ މާޓީނޭޒް މެޗުގައި ޖެހި ދެ ވަނަ ގޯލުންނެވެ. މިއީ ޔަކީން ކޮރޭއާ ހުސްކޮށްލާފައި ދިން ބޯޅައަކުން އޭރިއާތެރެއިން ހަމަޖެހިލާފައި މާޓީނޭޒް ވައްދާލި ގޯލެކެވެ.
ދެ ވަނަ ހާފްގައި މިލާންގެ އިސްމާއިލް ބެނަސެއާ ވަނީ ގޯލެއް ޖަހައިފަ އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ނިންމީ އޮފްސައިޑްގައި ހުރި ކުޅުންތެރިއަކު ކީޕަރު ހަންޑަނޯވިޗަށް ހުރަސްއެޅި ކަމަށާއި ގޯލު ބަލައިގަނެވެން ނެތް ކަމަށެެވެ.
އިންޓަ އިން ތިން ވަނަ ގޯލު ޖެހީ މެޗުގެ 82 ވަަނަ މިނިޓްގަ އެވެ. މިއީ މާސެލޯ ބްރޮޒޮވިޗް ހުސްކޮށްލާފައި ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައަކުން ފުލްބެކް، ރޮބިން ގޮސެންސް ޖެހި ގޯލެކެވެ.
ފައިނަލުގައި އިންޓަ ކުޅޭނީ ދެ ވަނަ ސެމީގައި ޔުވެންޓަސް އާއި ފިއޮރެންޓީނާ ތެރެއިން ކުރިހޯދާ ޓީމަކާ ދެކޮޅަށެވެ. ފުރަތަމަ ލެގުގައި ޔުވެންޓަސް ވަނީ 1-0 އިން މޮޅުވެފަ އެވެ.
އަންނަ މަހު 11 ވަނަ ދުވަހު އިޓާލިއަން ކަޕް ފައިނަލް ކުޅޭއިރު، އިންޓަ އިން އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 2011 ވަނަ އަހަރު އެވެ.
Comment