Advertisement

ޔުުނައިޓެޑްގެ ކޯޗަކަށް ޓެން ހާގް ހަމަޖެއްސުމާ ގާތަށް: ރިޕޯޓް

13 އޭޕްރީލް 2022 - 22:28 0

ޔުނައިޓެޑާ ހަވާލުވާން ނިންމާފައިވާ ޓެން ހާގް.


ޔުުނައިޓެޑްގެ ކޯޗަކަށް ޓެން ހާގް ހަމަޖެއްސުމާ ގާތަށް: ރިޕޯޓް

13 އޭޕްރީލް 2022 - 22:28 0

ލަންޑަން (އޭޕްރީލް 13) - މެންޗެސްޓާ ޔުނައިޓެޑްގެ އާ ކޯޗަކަށް ނެދަލޭންޑްސްގެ އެރިކް ޓެން ހާގް ހަމަޖެއްސުމުގެ ކަންތައްތައް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި ޔުނައިޓަޑްގެ ކޯޗުކަމަށް އޭނާ ހަވާލުވާނެކަން ކަށަވަރުވެފައިވާ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ޔުުނައިޓަޑްގެ ކޯޗުކަމާ ހަވާލުވުމުގެ ހުރިހާ ޝަރުތުތަަކަކަށް ޓެން ހާގާއި ކްލަބާ ދެމެދު އަނގަބަހުން ވަނީ އެއްބަސްވުމަކަށް އާދެވިފަ އެވެ. އަދި މިހާރު ބާކީ އޮތީ ހަމައެކަނި ޓެން ހާގް މި ވަގުތު ހުރި އަޔަކްސްއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލުމުގެ ކަންކަމުގެ އިތުރުން، ޔުނައިޓެޑާ އެކު އެގްރީމެންޓެއްގައި ސޮއިކުރުމެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި ޑަޗް ކަޕްގެ ފައިނަލްގައި ޕީއެސްވީ އެއިންދޯވަންއާ ދެކޮޅަށް އަޔަސްކް އާދިއްތަ ދުވަހު ކުޅޭ މެޗުގެ ކުރިން ޓެން ހާގް ކޯޗަކަށް ހަމަޖައްސާފަައިވާކަން ރަސްމީކޮށް ޔުނައިޓެޑުން އިއުލާން ނުކުރާނެ އެވެ.

ޓެން ހާގް ،52، ޔުނައިޓަޑްގެ ކޯޗުކަމާ ހަވާލުވާނީ އަންނަ ސީޒަންގަ އެވެ. ޔުނައިޓަޑްގެ ކޯޗުކަމުގައި މި ވަގުތު ވަގުތީ ގޮތުން ހުރި ރަލްފް ރަންގްނިކް މި ސީޒަނަށް ފަހު އެ މަގާމާ ދުރަށް ޖެހިލާނެ އެވެ. ރަންގްނިކް ދެން ހަވާލުވާނީ ޔުނައިޓެޑްގެ އެޑްވައިޒަރީ ރޯލަކާ އެވެ. އެއީ ދެ އަހަރުގެ މުއްދަތަށެވެ.

ޓެން ހާގް އިރުޝާދުގެ ދަށުން އަޔަކްސް އިން ވަނީ ނެދަލޭންޑްސްގެ ލީގު ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. މިހާރު ހިނގަމުންދާ ސީޒަންގައި ވެސް އަޔަކްސް އޮތީ ތާވަލްގެ ކުރީގަ އެވެ.

ޓެން ހާގް ޔުނައިޓަޑާ އެކު ހަދަނީ ތިން އަހަރު ދުވަހު އެއްބަސްވުމެކެވެ. ދެ ފަރާތުން އެއްބަސްވެއްޖެ ނަމަ، މި އެއްބަސްވުން އިތުރު އެއް އަހަރަށް އާކުރެވޭނެ އެވެ. ރިޕޯޓްތަކުން ބުނާގޮތުގައި ޔުނައިޓަޑުން ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އަށް ވެސްް ސަމާލުކަން ދިނެވެ.

ޓެން ހާގް، އަޔަކްސްއާ ހަވާލުވީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. އެ ކްލަބްގައި ހުރެ އަހަރުން އަހަރަށް ޓީމެއް އެކުލަވާލައި ކުރި ރަނގަޅު މަސައްކަތުން ޓެން ހާގް ވަނީ 2019 ވަނަ އަހަރު އަޔަކްސް އަށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިދީފަ އެވެ. ޗެމްޕިިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑް ކަޓުވާލުމަށް ފަހު އެ ފަހަރު ސެމީން ފުރުސަތު ހޯދި، އަޔަކްސް އަށް ފައިނަލުން ފުރުސަތު ނުލިބުނީ ސެމީގެ ދެ ވަނަ ލެގުގެ ފަހު ވަގުތު ޓޮޓެންހަމުން ލަނޑު ޖެހުމުންނެވެ. އެ ފަހަރު އަޔަކްސް އިން ޗެމްޕިއަންސް ލީގުގެ ސެމީ އަށް ދަތުރުކުރުމަކީ 1997 ވަނަ އަހަރަށް ފަހު އެ ޓީމަށް ޗެމްޕިއަންސް ލީގުގައި އެންމެ ރަނގަޅު ނަތީޖާ އެވެ.

އަޔަކްސް ގޮވައިގެން މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ހަ މެޗުން މޮޅުވި ނަމަވެސް ގަދަ 16 ޓީމު ވާދަކުރާ ބުރުގައި ހަނި ގޮތަކަށް ބެންފީކާ އަތުން ކެޓީ އެވެ. ޓެން ހާގް ވަނީ އަޔަކްސްއާ އެކު ނެދަލެންޑްސްގެ ލީގާއި ކަޕް ދެ ފަހަރު ހޯދައިފަ އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޔުނައިޓެޑާ އެކު ޓެން ހާގް ބޭއްވި ބައްދަލުވުމުގެ ތެރޭގައި މި ވަގުތު ޔުނައިޓެޑްގެ ކޮންޓްރެކްޓްގައި ތިބި ކުޅުންތެރިންގެ ތެރެއިން އޭނާގެ އެކުލަވާލާ ސްކޮޑެއްގައި ފުރުސަތެއް ނެތް ހަ ކުޅުންތެރިއެއްގެ ކަންކަން ނިންމުމަށް ވަނީ މެނޭޖްމަންޓަށް ލަފާދީފަ އެވެ.