12 އޭޕްރީލް 2022 - 14:24 0
12 އޭޕްރީލް 2022 - 14:24 0
މިއުނިކް (އޭޕްރީލް 12) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެ ވަނަ ލެގުގައި މިރޭ ބަޔާން މިއުނިކް ދަނޑުގައި ކުޅޭ މެޗަކީ އޭނާގެ ކޯޗިން ކެރިއަރުގެ އެންމެ ބޮޑު ޗެެލެންޖް ކަމަށް ވިޔަރެއާލްގެ ކޯޗު އުނާއި އެމެރީ ބުނެފި އެވެ.
މިދިޔަ ހަފްތާގައި ވިޔަރެއާލް ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ވަނީ 1-0 އިން ބަޔާން ބަލިކޮށްފަ އެވެ. މިއީ 2017 ވަނަ އަހަރަށް ފަހު ޗެމްޕިއަންސް ލީގުގައި ރަށުންބޭރުގައި ކުޅުނު 23 މެޗުގެ ތެރެއިން ބަޔާން ބަލިވި ފުރަތަމަ ފަހަރެވެ. މިރޭ ބަޔާން ދަނޑުގައި އެއްވަރުކޮށްލައިގެން ވެސް ވިޔަރެއާލަށް ސެމީ ފައިނަލްގެ ޖާގައެއް ހޯދިދާނެ އެވެ. ވިޔަރެއާލުން އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ކުޅުނީ 2005 ވަނަ އަހަރު އެވެ.
މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެމެރީ ބުނީ ބަޔާން ދަނޑުގައި ނަތީޖާއެއް ނެރެގެން، ޗެމްޕިއަންސް ލީގުގެ ސެމީން ފުރުސަތު ހޯދަން ވިޔަރެއާލުން ނުކުންނައިރު، މިއީ އޭނާ އަށް ވެސް ވަރަށް ހާއްސަ މެޗެކެވެ.
"ތެދެއް، މިއީ ހަގީގަތުގައި ވެސް ކޯޗެއްގެ ގޮތުގައި އަހަރެން ނުކުންނާނެ އެންމެ ބޮޑު ޗެެލެންޖް، މި މެޗުން ނަތީޖާއެއް ލިިބިއްޖެނަމަ މިއީ އަހަންނަށް ތަށްޓެއް ލިބުން ފަދަ ކާމިޔާބެއް،" ސެވިއްޔާ އަށް ޖެހިޖެހިގެން ތިން ފަހަރު ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިދިން އެމެރީ ބުންޏެވެ.
ކުރިން އާސެނަލާއި ޕީއެސްޖީ އަށް ވެސް ކޯޗުކޮށްދިން އެމެރީ ބުނީ އަމިއްލަ ދަނޑުގައި ބަޔާންގެ ރެކޯޑް އަބަދުވެސް ވަރަށް ރަނގަޅު ކަމަށެވެ. އެހެންވެ، ވިޔަރެއާލުން މިރޭގެ މެޗަަށް ނުކުމެ ކުޅޭއިރު، ވިސްނަން ޖެހޭނީ އެއްވެސް ގޯހެއް ނުހަދައި، ރަނގަޅަށް ޑިފެންސްކޮށް، ލިބޭ ފުރުސަތުގައި ގޯލު ޖެހުމަށް ކަމަށް އެމެރީ ވަނީ ބުނެފަ އެވެ.
ފުރަތަމަ ލެގުގައި ވިޔަރެއާލް އަތުން ބަލިވި މެޗަށް ފަހު ބަޔާން ކޯޗު ހޫލިއަން ނާގަލްސްމަން ބުނީ އެ މެޗުގައި ބަޔާނަށް ލިބުނީ ހައްގު ނަތީޖާ ކަމަށެވެ.
މިރޭގެ މެޗުގެ ކުރިން ނާގަލްސްމަން ބުނީ މެޗުގެ ކުރިން ބައިވަރު ވާހަކަތަކެއް ދެއްކުމުގެ މާނައެއް ހަގީގަތުގައި ނެތް ކަމަށާއި ބޭނުންވަނީ ކުޅުންތެރިންނަށް މި މެޗުގެ މުހިންމުކަން ވިސްނައިދީގެން ނަތީޖާ ނެރުމަށް ކަމަށެވެ.
"ވިޔަރެއާލްގެ ރޭވުންތައް ކާމިޔާބު ވިޔަދޭން އަހަރެމެން ވަގުތު ދީގެން ނުވާނެ. މަސައްކަތް ކޮށްގެން ވީހާ ވެސް އަވަހަށް އަހަރެމެންގެ އަތަށް މެޗުގެ ކޮންޓްރޯލް ނެގުން މުހިންމުވާނެ. ވާހަކަ މަދުކޮށްފައި، ނަތީޖާ ނެރެން އެ ފޯކަސްގައި ބަޔާން މި އޮތީ،" ކުރިން ހޮފެންހައިމް އާއި އާރްބީ ލައިޕްޒިގަށް ޗެމްޕިއަންސް ލީގުގައި ކޯޗުކޮށްދިން ނާގަލްސްމަން ބުންޏެވެ.
ވިޔަރެއާލާއި ބަޔާން ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ.
Comment