Advertisement

އާއިލީ ސަބަބަކާ ހުރެ މެލޭޝިއާގައި ހުންނަވާ ސަފީރުކަމުން ވިސާމް އިސްތިއުފާ ދެއްވައިފި

6 އޭޕްރީލް 2022 - 10:55 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވިސާމް އަލީ ރައީސް ސޯލިހު އާ ބައްދަލުކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް


އާއިލީ ސަބަބަކާ ހުރެ މެލޭޝިއާގައި ހުންނަވާ ސަފީރުކަމުން ވިސާމް އިސްތިއުފާ ދެއްވައިފި

6 އޭޕްރީލް 2022 - 10:55 0

ރާއްޖޭން މެލޭޝިއާ އަށް ކަނޑައަޅާފައި ހުންނެވި ސަފީރު، ވިސާމް އަލީ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ވިސާމް އެ މަގާމު އަދާކުރައްވަމުން ގެންދެވީ 2019 އިން ފެށިގެންނެވެ. އޭނާ އެ މަގާމަށް ރައީސް ސޯލިހު އައްޔަނުކުރެއްވީ މާޗް 26، 2019 ގަ އެވެ.

އޭނާ އިސްތިއުފާ ދެއްވި ނަމަވެސް އެކަމާ ބެހޭ އެއްވެސް ތަފުސީލެއް ފޮރިން މިނިސްޓްރީން ދީފައެއް ނުވެ އެވެ. ނަމަވެސް، މި ނޫހަށް އެނގިފައިވާ ގޮތުގައި ވިސާމް އިސްތިއުފާ ދެއްވީ އާއިލީ ސަބަބަކާ ހުރެ އެވެ.

އިސްތިއުފާ ދެއްވި ސަބަބު ކަށަވަރުކުރުމަށް މި ނޫހުން ވިސާމަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ. އޭނާއަކީ ޑީއާރުޕީގެ ކުރީގެ ލީޑަރު ތަސްމީން އަލީގެ އަނބިކަނބަލުންނެވެ.

ނަމަވެސް، މިއަދު ކުރެއްވި ޓްވީޓެއްގައި ވިސާމް ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާ ދިނީ "އަމިއްލަ ސަބަބުތަކަށްޓަކައި" ކަމަށެވެ. އަދި ސަރުކާރުން ތަރައްގީއަށް ކުރަމުން އަންނަ ކަންކަމަށް "ތައުރީފް ހައްގު" ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ވަނީ މަގާމުގައި ހުންނަވައިގެން ވިސާމް ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އޭނާ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަން ވަގުތީ ގޮތުން ހިންގަވާނީ ޑެޕިއުޓީ ހައި ކޮމިޝަނަރެވެ. ރާއްޖެ އާއި މެލޭޝިއާ އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 51 އަހަރު ވަނީ ވެފަ އެވެ.