Advertisement

ރޭޑިއަންޓްގެ ކޯޗަކަށް ސޮބާ ހަަމަޖައްސައިފި

5 އޭޕްރީލް 2022 - 20:42 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ސޮބާ ރޭޑިއަންޓަށް ސޮއިކުރުމަށް ފަހު ކްލަބްގެ އެގްރީމެންޓް ދައްކާލަނީ.-- ފޮޓޯ: ރޭޑިއަންޓް ސްޕޯޓްސް ކްލަބް


ރޭޑިއަންޓްގެ ކޯޗަކަށް ސޮބާ ހަަމަޖައްސައިފި

5 އޭޕްރީލް 2022 - 20:42 0

ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބް ނިއު ރޭޑިއަންޓްގެ ސަޕޯޓަރުން އިސްވެގެން ވުޖޫދުކޮށްފައިވާ, ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޓީމުގެ ކޯޗަކަށް މަޝްހޫރު ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ) ހަމަޖައްސައިފި އެވެ.

ސޮބާގެ އިތުރުން ރޭޑިއަންޓުން މިއަދު އެ ކްލަބްގެ އެސިސްޓަންޓް ކޯޗަކަށް ހަމަޖައްސާފައިވަނީ ކުރިން ނިއު ރޭޑިއަންޓްގެ ކެޕްޓަން ބޭންޑް އަޅައިގެން ގިނަ މެޗުތަކެއް ކުޅެފައިވާ އަހުމަދު މުހައްމަދު (އައްމަޑޭ) އެވެ.

މިދިޔަ މަހު ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކުރި ރޭޑިއަންޓުން ކްލަބްގެ ހަރަކާތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންގޮސް މިހާރު މަސައްކަތް ކުރަމުން އަންނަނީ އޮގަސްޓް މަހު ބާއްވަން އެފްއޭއެމުން ޝެޑިއުލްގައި ހިމަނާފައިވާ ތިން ވަނަ ޑިވިޝަނުގައި ވާދަކުރާށެވެ. ރޭޑިއަންޓަކީ ކުރިން ނިއު ރޭޑިއަންޓް އައުމުގެ ކުރިން ހެންވޭރުގައި އޮތް ކްލަބެވެ. ނިއު ރޭޑިއަންޓް، 1979 ވަނަ އަހަރު ވުޖޫދުވީ ރޭޑިއަންޓް އުވުނު ފަހުންނެވެ.

ނިއު ރޭޑިއަންޓް އޮތީ 2019 ވަނަ އަހަރުން ފެށިގެން ފީފާގެ ސަސްޕެންޝަނެއް އަތުވެގެން ކްލަބްގެ މަސައްކަތް ހުއްޓިފަ އެވެ. އެއީ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ނުދިން މައްސަލައެއްގަ އެވެ.

ނިއު އަަށް ކުޅުނު ސޮބާ ކޯޗިން ކެރިއަރު ފެށީ 2014 ވަނަ އަހަރު ނިއު އިންނެވެ. ފަހުން ވެސް ނިއުގެ ކޯޗުކަން ކޮށްދިން ސޮބާ، ރޭޑިއަންޓާ ހަވާލުވުމަކީ އެ ކްލަބްގެ ސަޕޯޓަރުންނަށް ލިބޭނެ ހިތްހަމަޖެހުމެކެވެ. އެއީ ސޮބާ އަކީ ނިއު ރޭޑިއަންޓާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައި، ސަޕޯޓަރުންގެ ހިތުން ޖާގަ ހޯދާފައިވާ ކުޅުންތެރިއަކަށްވާތީ އެވެ.

ދާދި ފަހުން 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ލީޑުކުރުމުގެ ޒިންމާއާ ހަވާލުވެހުރި، ސޮބާ އަކީ ކޯޗިންގައި ވެސް މިހާތަނަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ ކޯޗެކެވެ. އެ ގޮތުން ފުރަތަމަ ޑިވިޝަނުގައި ނިއު ރޭޑިއަންޓްގެ އިތުރުން ސޮބާ ވަނީ ކްލަބް ވެލެންސިއާ އާއި ކްލަބް ގްރީން ސްޓްރީޓްސް އަށް ކޯޗުކޮށްދީފަ އެވެ. ގްރީން ސްޓްރީޓްސް ދެ ވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވިއިރު، ކޯޗަކަށް ހުރީ ސޮބާ އެވެ.

ކުރިން ޓީސީ ސްޕޯޓްސް ކްލަބްގެ ޔޫތު ކޯޗަކަށް ހުރި ސޮބާ މިހާރު ޔޫތު ލެވަލްގައި އިރުޝާދުދެމުން އަންނަނީ ވެލެންސިއާ އަށެވެ. ޓީސީގައި ހުރިއިރު، ސޮބާ ވަނީ ތައިލެންޑްގައި ބޭއްވި ޖޫނިއާ މުބާރާތަކުން ރިހި މެޑަލް ހޯދައިފަ އެވެ. ސޮބާ ވަނީ ތިން ވަނަ ޑިވިޝަނުގައި ކްލަބް އޮންލީ ވަން އޮޕޮޗޫނިޓީ (އޯވަންއޯ) އަށް ވެސް ކޯޗުކޮށްދީފަ އެވެ.

ސޮބާއާ އެކު ރޭޑިއަންޓްގެ ކޯޗިން ޓީމަށް އައި އައްމަޑޭ އަކީ ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަނުގެ ޓީމުތަކުގައި ކޯޗިން މަސައްކަތްކޮށްފައިވާ ފަރާތެކެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ރޭޑިއަންޓުން އަންނަނީ ތިން ވަނަ ޑިވިޝަނަށް ވަރުގަދަ ޓީމެއް އެކުލަވާލުމުގެ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން ފުރަތަމަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަނުގައި ކުރިން ކުޅެފައިވާ ރަނގަޅު ކުޅުންތެރިންތަކަކާ ރޭޑިއަންޓުން އަންނަނީ ވާހަކަ ދައްކަމުންނެވެ. އަދި ބައެއް ކުޅުންތެރިން ވަނީ ރޭޑިއަންޓަށް ކުޅެން އެއްބަސްވެފަ އެވެ.