Advertisement

ސަލާހު މިސްރު ގައުމީ ޓީމުން ރިޓަޔާކުރަނީ

1 އޭޕްރީލް 2022 - 09:29 0


ސަލާހު މިސްރު ގައުމީ ޓީމުން ރިޓަޔާކުރަނީ

1 އޭޕްރީލް 2022 - 09:29 0

ގާހިރާ، މިސްރު (އޭޕްރީލް 1) - މި އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލުން ބަލިވުމާއި ގަތަރު ވޯލްޑް ކަޕްގެ ޖާގައެއް މިސްރަށް ނުލިބުމާ އެކު އެ ޓީމުގެ ކެޕްޓަން މުހައްމަދު ސަލާހު ގައުމީ ޓީމުން ރިޓަޔާކުރަން އުޅޭ ކަމުގެ އިޝާރާތެއް ދީފި އެވެ.

ފެބްރުއަރީ މަހުގައި ޕެނަލްޓީ ޖަހައިގެން އެފްރިކަން ކަޕް އޮފް ނޭޝަންސް ފައިނަލުގައި ސެނެގާލް އަތުން މިސްރު ބަލިވިއިރު، މިިދިޔަ ހަފްތާގައި ވޯލްޑް ކަޕް ކޮލިފައިންގެ އެފްރިކާ ބައްރުގެ ޕްލޭއޮފް ދެ ވަނަ ލެގުން މިސްރު ވަނީ ހަމަ ޕެނަލްޓީ ޖަހައިގެން ސެނެގާލް އަތްދަށުވެފަ އެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ސެނެގާލް ކޮޅަށް ސަލާހު ޖެހި ޕެނަލްޓީ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މިސްރުގެ ކުޅިވަރާބެހޭ މިނިސްޓްރީން އާންމުކުރި ވީޑިއޯގައި ސަލާހު ޓީމާ މުހާތަބުކޮށް ވާހަކަ ދެއްކިއިރު، ވަނީ އޭނާ މިސްރު ޓީމުގައި ނެތުމުގެ ހާލަތެއްގެ ވާހަކަތަކެއް ދައްކައިފަ އެވެ. މިސްރާއި އިނގިރޭސި މީޑިއާތަކުގައި އަޑުފެތުރިފައިވާ ގޮތަށް ބަލާއިރު، ސަލާހު އިޝާރާތްކުރީ ގައުމީ ޓީމުން ރިޓަޔާކުރުމުގެ ނިންމުމަށެވެ.

މިސްރުގެ ޔޫތު މިނިސްޓްރީން އާންމުކުރި ވީޑިއޯގައި ސަލާހު ވަނީ މިހާރު މިސްރުގައި މި އޮތް ސްކޮޑަކީ އޭނާ ގައުމީ ޓީމުގައި ކުޅުނު އެންމެ ވަރުގަދަ ސްކޮޑު ކަމަށާއި އެކުގައި ކުޅެވުނު މެޗުތަކާ މެދު ފަހުރުވެރިވާ ކަމަށް ބުނެފަ އެވެ.

"އެހާ ގިނައިން ދެއްކޭނެ ވާހަކަތަކެއް މިއަކު ނެތް. އަހަރެން ވަރަށް ފަހުރުވެރިވޭ މި ޓީމުގައި މިތިބި ކުޅުންތެރިންނާ އެކު ކުޅެވޭތީ. ކުރިއަށް އޮތްތަނުގައި މި ޓީމުގައި ނެތް ކަމުގައި ވިޔަސް،" އުމުރުން 29 އަހަރުގެ ސަލާހު ބުންޏެވެ.

ސަލާހު ވަނީ އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ފީފާ ވޯލްޑް ކަޕްގައި މިސްރު ގޮވައިގެން ކުޅެފަ އެވެ. އެ ފަަހަރުގެ ވޯލްޑް ކަޕުން މިސްރު ޖާގަ ހޯދީ 28 އަހަރުގެ މެދުކެނޑުމަކަށް ފަހު އެެވެ. މިސްރަށް ވޯލްޑް ކަޕްގެ ޖާގަ ލިބުނީ ކޮލިފައިން ޕްލޭއޮފްގެ އިތުރު ވަގުތުގައި ކޮންގޯ ކޮޅަށް ސަލާހު ކާމިޔާބުކުރި ޕެނަލްޓީންނެވެ.

އެކަމަކު، ގައުމީ ޓީމާ އެކު ކާމިޔާބެއް ހޯދަން ކުރި މަސައްކަތުގައި ސަލާހު ވަނީ އެފްރިކަން ކަޕް ފައިނަލުގައި 2017 އާއި މި އަހަރު ބަލިވެފަ އެވެ. އެންމެ ފުރަަތަމަ 2017 ވަނަ އަހަރުގެ ފައިނަލުގައި ބަލިވީ ކެމަރޫން އަތުންނެވެ. އަދި މި ފަހަރު ސެނެގާލް އަތުންނެވެ.